އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން އެސްޓަން ވިލާއިން ކާމިޔާބުކޮށްފިއެވެ.
މި މެޗުން އެސްޓަން ވިލާ މޮޅުވުމާއެކު އެ ޓީމަށް ލިބިފައިވާ 42 ޕޮއިްނޓާއެކު ވަނީ ތާވަލުގެ 7 ވަނައަށް އަރާފަ އެވެ. ޗެލްސީ އަށް 26 މެޗުން ލިބިފައިވާ 43 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 6 ވަނައިގަ އެވެ.
އެސްޓަން ވިލާގެ ވިލާ ޕާކުގައި ސާޅީސް ދެހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 9 ވަނަ މިނިޓުގައި ޗެލްސީން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޕެޑްރޯ ނެޓޯގެ މޮޅު ކުޅުމަކަށްފަހު ނަގައިދިން ހުރަހަކުން އެންޒޯ ފެނާންޑޭޒް އެވެ.
ޗެލްސީން ލަނޑެއް ޖަހާ ލީޑު ނެގުމުގެ މިނިޓެއް ކުރިން އެ ޓީމުގެ ޑިފެންޑަރ ޓްރެވާ ޗަލޮބާ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށްފަ އެވެ.
ޗެލްސީ އިން ލަނޑެއް ޖަހާ ކުރި ހޯދި ނަމަވެސް އެ ޓީމަށް ވަނީ މެޗު ކޮންޓްރޯލް ކޮށްގެން ކުޅެވޭ ގޮތް ނުވެފަ އެވެ. އޭގެ ބަދަލުގައި އެސްޓަން ވިލާއިން ފެނުނީ ޗެލްސީގެ މައްޗަށް ގަދަވެ މެޗުގެ ކޮންޓްރޯލް ހޯދާ އެ ޓީމުގެ ފަހަތަށް ނުރައްކާ ކުރަމުންދިޔަ ތަނެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 1-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފަށް ނިކުތްއިރު އެސްޓަން ވިލާގެ ކޯޗު އުނައި އެމެރީ ވަނީ ޖޭކޮބް ރަމްސޭގެ ބަދަލުގައި މާކަސް ރަޝްފޯޑް ކުޅެން އަރުވާފަ އެވެ. އަދި މި ބަދަލާއެކު އެސްޓަން ވިލާގެ އެޓޭކުތައް އިތުރަށް ވަރުގަދަވެގެން ދިޔަތަން ވަނީ ފެނިގެންގޮސްފަ އެވެ.
އެސްޓަން ވިލާއިން މި މެޗުގައި ފުރަތަމަ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރު ކޮށްފައިވަނީ މެޗުގެ 57 ވަނަ މިނިޓުގައި ރަޝްފޯޑް ދިން ބޯޅަ އަކުން މާކޯ އަސެންސިއޯ އެވެ. މިއީ އިނގިރޭސި ޕްރިމިއާ ލީގުގައި އޭނާ އެސްޓަން ވިލާއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް ރަޝްފޯޑްގެ އިތުރު ޕާހަކުން އަސެންސިއޯ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުން އެސްޓަން ވިލާއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.
މި މެޗުގެ ނަތީޖާ 1-1 އިން އެއްވަރުވެފައިވަނިކޮށް ޗެލްސީގެ ކޯލް ޕާމާއަށް ވަނީ ދެވަނަ ފަހަރަށް މި މެޗުގައި ލީޑު ނެގުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. އެސްޓަން ވިލާގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ޕާމާ ފޮނުވާލި ހަމަލާ ޑިފެންޑަރު ކޮންސާ ވަނީ ދިފާއުކޮށްފަ އެވެ.
މި ނަތީޖާ އާއިއެކު އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދުމަށް ޗެލްސީން ކުރަމުންދާ މަސައްކަތަށް ވަނީ އިތުރު އުނދަގޫ ތަކަކާއި ކުރިމަތިލާން ޖެހިފަ އެވެ.