ދީން

އެންމެ އަލިގަދަ ތަރި ޕްރޮގްރާމްގެ ގްރޭންޑް ފިނާލޭ މިރޭ


ޓީވީ މޯލްޑިވްސްއިން ރަމަޟާން މަހު ގެނެސްދޭ ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޕްރޮގްރާމްގެ ގްރޭންޑް ފިނާލޭ މިރޭ އޮންނާނެއެވެ. 

މި ޕްރޮގްރާމް ފަށާނީ މިރޭ ނުވަގަޑި ތިރީހުގައެވެ. ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޕްރޮގްރާމުގެ ގަދަ ތިން ބައިވެރިން ކަށަވަރުކޮށް، ގްރޭންޑް ފިނާލޭއިން ޖާގަހޯދާފައިވާ ބައިވެރިންނަކީ އިބްރާހީމް އިމާޒު، ޢަބްދުﷲ ޠާލިބު އަދި އާދަމް ނަޞީމެވެ.

ބައި މިލިއަން ރުފިޔާގެ ފައިސާގެ އިނާމެއް ހުށައެޅިފައިވާ ދިވެހި ރާއްޖޭގެ އެންމެ އަލިގަދަ ތަރި ޕްރޮގްރާމަކީ ޕަބްލިކް ސަރވިސް މީޑިއާއިން ކޮންމެ ރަމަޟާންމަހަކު ގެނެސްދޭ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެކެވެ. އެންމެ އަލިގަދަ ތަރި ޕްރޮގްރާމްގެ 1 ވަނަ، 2 ވަނަ، 3 ވަނައަށް ހޮވޭ ފަރާތްތަކަށް އަގު ބޮޑެތި އިނާމުތަކެއް މިއަހަރު ހުށަހަޅާފައިވާއިރު، އޭގެތެރޭގައި އިސްލާމިކް ޔުނިވަރސިޓީން ދެއްވާ ފުލް ސޮކްލަރޝިޕް ހިމެނެއެވެ. އަދި ޙައްޖު ދަތުރާއި، ޢުމްރާ ދަތުރުގެ އިތުރުން ތިން ހަރަމަށް ކުރުމަށް ހަމަޖެހިފައިވާ ޢުމްރާ ދަތުރުވެސް މި ޕްރޮގްރާމްގެ 1 ވަނަ، 2 ވަނަ އަދި 3 ވަނައަށް ހޮވޭ ފަރާތަށް އިނާމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން މިހާރު ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން އިސްލާމީ ޤައުމުތަކުންވެސް މިމުބާރާތަށް އިނާމު ހުށަހަޅާނެކަމުގެ ޔަޤީންކަން ދީފައިވާ މި ޕްރޮގްރާމަކީ ޤުރުއާން ކިޔެވުމުގެ ހުނަރާއި، ޤުރާއާނާމެދު މުޖުތަމަޢުގައި އޮންނަ ޤަދަރު މަތިކޮށް، ޤުރުއާނާމެދު ޢާންމުންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ ގޮތުން ގެނެސްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ދައްކަން ފަށާފައިވަނީ މިދިޔަ ޖޫން މަހުގެ 8 ވަނަ ދުވަހުގެރެއެވެ. މިއީ ޓީވީއެމްއިން ދިވެހިރާއްޖޭގެ އެންމެ އަލި ގަދަ ތަރި ޕްރޮގްރާމް ގެނެސްދޭ 4 ވަނަ އަހަރެވެ.