ބަރަކާތްތެތި ރަމަޟާންމަހުގެ ދަރުމަ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ޑރ.އިލްޔާސް ހުސައިން އިލްތިމާސް ކުރައްވައިފިއެވެ.
ޑރ.އިލްޔާސް ހުސައިން މިކަމަށް އިލްތިމާސް ކުރެއްވީ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބޭއްވި ދަރުސްގައި ވާހަކަދައްކަވަމުންނެވެ. މިދަރުސްގެ މަޢުޟޫއަކީ "ތިބާގެ ރައްބާ ތިބާ ދުރުހެލިކޮށްލީ ކޮން ކަމެއް ހެއްޔެވެ". މިމަޢުޟޫއެވެ.
މިމަޢުޟޫއަށް ވާހަކަދައްކަވަމުން އިލްޔާސްވަނީ ދުނިޔޭގައި ދިރިއުޅޭ އުޅުމުގައި އިންސާނާ ﷲ ސުބުހާނަހޫ ވަޠަޢާލާ އެންގެވި ގޮތާ ދުރުހެލިވެއްޖެނަމަ އޭނާއަށް ކުރިމަތިވާ ކަންތައްތަކަކީ ކޮބައިކަމާއި އަދި އޭނާއަށް ލާބަޔާ މަންފާ ހުރި ގޮތްތަކަކީ ކޮބައިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އިލްޔާސް ވިދާޅުވީ ނެތުމުގެ ތެރެއިން އިންސާނާ ވުޖޫދަށް ގެންނަވާ ބޮޑެތި ނިޢުމަތްތަކެއް ދެއްވާ އެންމެ ނިޢުމަތެއްގެ އަގުވެސް ދުނިޔޭގައިވާ ހުރިހާ އެއްޗެއް ހޭދަކުރިނަމަވެސް އަދާނުކުރެވޭހާ ބޮޑެތި ނިޢުމަތްތަކެއް ދެއްވާފައިވާކަމަށެވެ. އިލްޔާސްގެ ވާހަކައިގައިވަނީ ނަމާދުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އިލާހީ ރަހުމަތަށް އަޅުގަޑުމެން ބޭނުންވެފައިވާ މިންވަރު ހާމަކުރައްވަމުން އެއިލާހީ ރަހްމަތް ކުޑަވަގުތުކޮޅަކަށް އަޅުގަނޑުމެންނާ ވަކިވިނަމަވެސް އަޅުގަނޑުމެން ނުކުޅެދޭ ބަޔަކަށް ވެގެންދާކަމަށް އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ ރަހްމާންވަންތަ ރަހީމްވަންތަ އިލާހް އަޅުގަނޑުމެންނަށް ހެޔޮކަމުގެ މޫސުންތައް ދެއްވަނީ އެމޫސުންތަކުގައި އަޅުގަޑުމެންކުރާ މަދު އަމަލުގެ މައްޗަށް ގިނަގުނަ ސަވާބާއި ދަރުމަ ދެއްވުމަށް ވަޢުދުވެވޮޑިގެންކަމަށެވެ. ބޭނުމަކީ އެއިލާހުގެ ރަހްމަތް ތަނަވަސްކޮށްދެއްވުންކަމަށެވެ.
އެގޮތުން ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާންމަހަކީ ﷲ ސުބުހާނަހޫ ވަޠަޢާލާ އެތައްގޮތަކުން މާތްކުރައްވާފައިވާ މައްސަރެއްކަމަށް ވިދާޅުވިއެވެ. ރަމަޟާންމަހު އަޒާބުގެ ގޯތީގެ ހުރިހާ ދޮރެއް ބަންދުކުރައްވާ ސަވާބުގެ ހުރިހާ ދޮރެއް ހުޅުއްވާދެއްވާ ކަމަށާއި އެމަހުގެ ކޮންމެ ރެއެއްގައި ﷲ ސުބުހާނަހޫ ވަޠަޢާލާ އެއިލާހުގެ އަޅުން ނަރަކައިން މިންޖުކޮށްދެއްވާ ކަމަށް ވިދާޅުވިއެވެ.
" ﷲ ސުބުހާނަހޫ ވަޠަޢާލާ މިމައްސަރު މިންވަރުކޮށްދެއްވާ މިމައްސަރުގައި އެއިލާހު ލައްވާފައިވާ ރަހުމަތާއި ފާފަފުއްސެވުމާއި ނަރަކައިން ދިންނެވުން އޭގެ އެންމެ ފުރިހަމަގޮތުގައި މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވަވާ. އެލިބިއްޖެނަމަ ބާކީއޮތް 11 މަސް ހެޔޮގޮތުގައި ހޭދަވެގެންދާނެ ހުރިހާ މަގެއް ﷲ ސުބުހާނަހޫ ވަޠައާލާ އެއިލާހުގެ ހަޟުރަތުން އަޅުގަނޑުމެންނަށް ތަނަވަސްކޮށްދެއްވާ. މިފަދަ ހެޔޮކަމެއްގެ މޫސުން ކުރިމަތިވާ ހިނދު ކުރަންޖެހޭކަންތައް ވަރަށް ގިނަ" އިލްޔާސް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ކޮންމެ ކަމެއް ފަރުޟު ކުރައްވާފައިވަނީ އަޅުގަނޑުމެންގެ ކިބައިގައި ތަގުވާގެ ސިފަ އަށަގެންނެވުމަށްޓަކައި ކަމަށް ވިދާޅުވެ މިކަންކަމާއި ގުޅޭ ގޮތުން ކީރިތި ޤުރުއާނުން ދަލީލު ދެއްކެވިއެވެ.
އިލްޔާސް ވިދާޅުވީ ކޮންމެ ފަރުދަކުވެސް މާޒީއާ މެދު ވިސްނާ ފިކުރުކޮށްލުމަށްފަހު ކުރަންޖެހޭ އެންމެ މުހިންމުކަމަކީ ﷲ ގެ ހަޟުރަތަށް ތަޢުބާވެ ރުޖޫޢަވުންކަމަށެވެ. އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ ފުރުސަތުގެ ބޭނުން ހިފުމަށްޓަކައި ފާފަތަކުން ދުރުވުމަށް އަވަސްވެގަތުން ކަމަށާއި ސަބަބަކީ އިންސާނާ ހެޔޮކަންތަކުން މަހުރޫމްވުމަށްވުރެ ބޮޑު މުސީބާތެއް އިންސާނާއަށް ދުނިޔެމަތީގައި ކުރިމަތިނުވާނެކަން ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން އެންމެންވެސް ރަނުގެ މިފުރުސަތު ގެއްލުވާނުލާ ﷲސުބުހާނަހޫ ވަޠަޢާލާގެ ހަޟްރަތަށް ތަޢުބާވެ ރުޖޫޢަވެ މިމައްސަރުދެއްވާނެހެން އަދި ދެއްވުމަށްފަހު ލައްވާފައިވާ ރަހުމަތާއި ފާފަފުއްސެވުން އެދި ނަރަކައިން ދިންނެވުން މިންވަރުކޮށްދެއްވައި ބާކީ އޮތް 11 މަސް ހެޔޮގޮތުގައި ހޭދަވެގެންދާނެހެން މަސައްކަތް ކުރުމަށް އަވަސްވެގަތުމަށް އިލްޔާސްގެ މިދަރުސްގައި ގޮވާލެއްވިއެވެ.