ޚަބަރު

ޑްރަގް އެންފޯސްމަންޓުން ހުޅުމާލެ ހިންގި އޮޕަރޭޝަންތަކެއްގައި ބަޔަކު ހައްޔަރުކޮށްފި


  • 4 މީހަކު ވަނީ ހައްޔަރުކޮށްފައި

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ބަޔަކު ހައްޔަރުކޮށްފިއެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ވަކިވަކިން ހިންގި އޮޕަރޭޝަންތަކެއްގައެވެ. އެގޮތުން ހުޅުމާލޭ ފޭސް ދޭއްގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއި ބަނގުރާ ފެނުނު މައްސަލައެއްގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. ގަން / ތުނޑި. މިލާނޯ، މުޙައްމަދު ރިޝްފާން (28އ)، ލ. ގަން / މަތިމަރަދޫ، ރިޔާޟު، ޙުސައިން ޝިޔާން (23އ) އަދި ލ. ގަން / ތުނޑި. ފީނިވިލާ، ޙައްވާ ސިމާނާ (29އ) އެވެ.

މި ތިން މީހުން ހައްޔަރުކޮށްފައިވަނީ 2025 ފެބްރުވަރީ 19 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭ ފޭސް ދޭއް، ހިޔާ ޓަވަރު ނުވައެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާ ފެނުމާ ގުޅިގެންނެވެ.

މި އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ދަޅަކާއި 5 ރަބަރު ޕެކެޓްގެ އިތުރުން ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 މިލިލީޓަރުގެ ފުޅިއެއް ފެނިފައިވެއެވެ.

މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ރިޝްފާން އާއި ޙުސައިން ޝިޔާން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު، ޙައްވާ ސިމާނާ 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

މީގެއިތުރުން ހުޅުމާލޭގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 1 ގެ އެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެހި ފެނުނު މައްސަލައަކާއި ގުޅިގެންވެސް ވަނީ މީހަކު ހައްޔަރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ތުރާކުނު / އާހިޔާ، މަރްޔަމް ޒީނާ (23އ) އެވެ.

މަރްޔަމް ޒީނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.