ޚަބަރު

ހުޅަނގު އައްސޭރީގައި ހިންގަމުންދާ ޤަތުލުޢާންމު ފުޅާކުރަން އަމުރުކޮށްފި


ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުން ޤަތުލުޢާންމު ފުޅާ ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ޖަނަވަރީ 21ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޤަތުލުޢާންމު ފުޅާ ކުރުމުގެ މަސައްކަތް ފަށާފައި މި ވަނީ، ޒަޔަނިސްޓު އިސްރާއީލުގެ ވެރިރަށް ތެލް އަވީވުގެ ރަށްބޭރު ސަރަޙައްދެއްގައި އޮތް ބަސްތަކެއްގައި ބޮންތަކެއް ގޮއްވައިލައިގެން ދިން ޙަމަލާއަކާ ގުޅިގެންނެވެ. އެ ޙަމަލާއާ ގުޅުވައި ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހުޅަނގު އައްސޭރި ޢުދުވާން އިތުރަށް ފުޅާ ކުރުމަށް ޔަހޫދީ ސިފައިންނަށް އަމުރު ކޮށްފައެވެ.

ހައްދުފަހަނަ އެޅި ނަތަންޔާހޫ ބުނީ، ތެލް އަވީވުގެ ރަށްބޭރުގައި ދީފައިވާ ޙަމަލާތަކަކީ ވީހާވެސް ގިނަ އަދަދެއްގެ ޔަހޫދީން މަރައިލުމުގެ ނިޔަތުގައި ދީފައިވާ ޙަމަލާތަކެއް ކަމުގައެވެ. ނަމަވެސް، އެ ޙަމަލާތަކުގައި އެއްވެސް ޔަހޫދީއެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ. ޔަހޫދީ ފުލުހުން ބުނީ، ތިން ބަހެއްގައި ބޮން ގޮއްވައިލާފައިވާ ކަމަށާއި، އިތުރު ހަތަރު ސަރަޙައްދަކުން ގޮވާތަކެތި ފެނިފައިވާ ކަމުގައެވެ. އިސްރާއީލުގެ މީޑިޔާތަކުން ބުނީ، ބޮންތައް ގޮއްވައިލާފައި ވަނީ ޕާކު ކޮށްފައިވާ ބަސްތަކެއްގައި ކަމުގައެވެ. އަދި، އެ އުޅަނދުތަކުގައި އެ ވަގުތު އެއްވެސް މީހަކު ނެތް ކަމުގައެވެ.

ތެލް އަވީވުގެ ރަށްބޭރުގައި ދީފައިވާ ޙަމަލާތަކުގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައެއް ނެތެވެ. ނަމަވެސް، މިއީ ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކުން ދީފައިވާ ޙަމަލާތަކެއް ކަމަށް ތުހުމަތުކޮށް، ޒަޔަނިސްޓުންގެ އަނިޔާވެރި ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ހުޅަނގު އައްސޭރީގައި ހިންގަމުންދާ ޤަތުލުޢާންމު ފުޅާކޮށް، ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލުމަށް އަމުރު ކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ޔަހޫދީ ސިފައިން ވަނީ ހުޅަނގު އައްސޭރީގެ ޢާންމު ރައްޔިތުންނަށް ޖައްސަމުންދާ ދުއްތުރާތައް އިތުރަށް ބޮޑުކޮށްފައެވެ. އަދި، ހުޅަނގު އައްސޭރިއަށް ވަދެނިކުމެއް ހެެދުމަށް ބޭނުން ކުރާ މަގުތަކުގައި ޗެކްޕޮއިންޓުތައް ޖަހައި، އެ ސަރަޙައްދުގެ ރައްޔިތުންނަށް ދަތިކޮށް، ހުރަަސްތައް ކުރިމަތި ކުރުން އިތުރު ކޮށްފައެވެ.

ހުޅަނގު އައްސޭރީގައި ޔަހޫދީ ސިފައިން ޢުދުވާން ހިންގަން ފަށާފައި ވަނީ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުން ދިޔަ ލާއިންސާނީ ޖަރީމާތައް މެދުކަނޑައިލިތާ ދެ ދުވަސް ފަހުންނެވެ. ހުޅަނގު އައްސޭރީގެ ޢުދުވާނުގައި ޙަމަލާތައް އަމާޒު ކުރަމުން ދަނީ އެތަކެއް ހާސް ބަޔަކު ދިރިއުޅޭ ރެފިއުޖީ ކޭމްޕުތަކަށެވެ. ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން އެ ސަރަޙައްދުގައި ދިރިއުޅޭ 40,000ށްވުރެ ގިނަ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރުވެފައިވާ ކަމުގައި ބައިނަލްއަޤުވާމީ އިދާރާތަކުން ހާމަކުރިއެވެ.