ޚަބަރު

ހެޔޮކަންކަމަށް ހޭދަކުރަން ދެވޭ ފައިސާ ޖަމާކުރެވޭނެ ނިޒާމެއް ޒަކާތު ހައުސްއިން ޤާއިމުކުރަނީ


  • މިކަމާ ގުޅޭގޮތުން މިރާއާއެކު ވަނީ މަޝްވަރާކުރައްވާފައި

  • މިއީ ބޭނުންޖެހިފައިވާ ދާއިރާތަކަށް ހޭދަކުރާނެ ނިޒާމެއް އުފައްދަން ކުރައްވާ މަސައްކަތެއް

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ހެޔޮކަންކަމަށް ހޭދަކުރަން ދެވޭ ފައިސާ ޖަމާކުރެވޭނެ ނިޒާމެއް އަންނަ ހަފްތާތެރޭގައި ޤާއިމްކުރެވޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޞަދަޤާތާއި ޚައިރާތާއި މިސްކިތް އެޅުމާއި ޤުރުއާނާ ބެހޭ މަރުކަޒުތައް ޤާއިމުކުރުމަށް ހެޔޮ އެދޭ ފަރާތްތަކުން ދޭ ފައިސާ ޒަކާތު ހައުސްއަށް ލިބިގަތުމުގެ ނިޒާމު ޤާއިމު ކުރުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއާއި އެކުވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ޒަކާތު ހައުސްގެ އިސް ފަރާތްތަކުގެ އިތުރުން މީރާގެ ޑިރެކްޓަރ ޖެނެރަލް ހަސަން ޒަރީރު ވަނީ ބައިވެރިވެލައްވާފައެވެ

މި ނިޒާމުގެ ބޭނުމަކީ ރާއްޖޭގެ ރައްޔިތުން ހެޔޮކަންކަމަށް ކުރާ ހޭދަ ރާއްޖޭގައި ބޭނުންޖެހިފައިވާ ދާއިރާތަކަށް ހޭދަކުރުމުގެ ނިޒާމެއް އުފެއްދުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ހެޔޮކަންކަމަށް ހޭދަކުރުމުގެ ބޭނުންތެރިކަން ރާއްޖޭގައި އޮތް ހިނދު، ރާއްޖޭގެ މުޖުތަމަޢު ހެޔޮ ގޮތުގައި ބިނާކުރަން އިސްކަން ދިނުން މުހިންމުކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް ގިނަ ރަށް ރަށަށް މިސްކިތްތަކާއި ޤުރުއާން ކްލާސްތަކާއި އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ހޯދަން ޖެހިފައިވާކަމަށާއި ރާއްޖޭގެ ޒަކާތު ހައުސް ތަރައްޤީ ކުރަނީ އިސްލާމީ ދުނިޔޭގެ ނަމޫނާ ޒަކާތުގެ އިދާރާއެއްކަމުގައިވާ ކުވައިތު ޒަކާތު ހައުސް ނަމޫނަ އަކަށް ބަލައިގެންކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެގައެވެ.

އަދި އިސްލާމީ ފިޤުހުގެ އަލީގައި އެއިދާރާ ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އެއްބާރުލެއްވުމަކީ ރާއްޖޭގެ ވެރިއެއްގެ ފަރާތުން މިފަދަ ކަމަކަށް ދެއްވާނެ އެންމެ ފުރިހަމަ އެއްބާރުލެއްވުންކަން ވަޒީރު ވަނީ މީގެކުރިން ފާހަގަކުރައްވާފައެވެ.

ކުރިއާއިއަޅާބަލާއިރު ޒަކާތުގެ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާކަމަށާއި، ޒަކާތަށް އާންމުގެ ހޭލުންތެރިކަން އިތުރުވަމުން އަންނަކަންވެސް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.


މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުން އިދާރާއެއް އުފައްދަވާފައިވަނީ ރާއްޖޭގައި ޒަކާތާމެދު ހޭލުންތެރިކަން އުފައްދާ ޒަކާތް ބަލައިގަތުމުގެ މަސައްކަތް ހަރުދަނާކުރުމުގެ ބޭނުމުގައެވެ. މި އިދާރާ އުފައްދަވާފައިވަނީ ނިމިދިޔަ 2023ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 18ވަނަ ދުވަހުއެވެ.

"މޯލްޑިވްސް ޒަކާތު ހައުސް" ގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. މީގެ އިތުރުން ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ހިމެނެއެވެ.