ޚަބަރު

ހަތަރު އަސީރެއްގެ ހަށިގަނޑު ޙަމާސުން ޔަހޫދީންނާ ޙަވާލު ކޮށްފި


ޙަމާސުން އަސީރުންގެ ގޮތުގައި ގެންދިޔަ ޔަހޫދީ ދައުލަތަށް ނިޞްބަތްވާ ހަތަރު މީހެއްގެ ހަށިތައް ޔަހޫދީންނާ ޙަވާލު ކޮށްފިއެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީން ވަނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ނައްތާލުމުގެ ނަމުގައި ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފަށައިފައެވެ. އެއީ އެ ދުވަހު ޙަމާސްގެ މުޖާހިދުން ޒަޔަނިސްޓުންނަށް އަމާޒުކޮށް ޖިހާދީ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެއީ، ޔަހޫދީންގެ އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެން ޙަމާސްގެ މުޖާހިދުން ދީފައިވާ ޙަމަލާއެކެވެ. އެ ދުވަހު ޙަމާސުން ވަނީ 250އެއްހާ މީހުން ރަހީނުކޮށްފައެވެ.

15 މަސް ދުވަހަށް ހަނގުރާމަ ދެމިގެން ދިޔުމަށް ފަހު ހުސްވި ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޔަހޫދީންނާއި ޙަމާސާ ދެމެދު ވަނީ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން ޙަމާސުން ގެންދިޔަ އަސީރުންގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ތިބި ގިނަ ޢަދަދެއްގެ ފަލަސްޠީނުގެ ރައްޔިތުން މިނިވަން ކުރުމަށް ޔަހޫދީން ވަނީ އެއްބަސްވެފައެވެ. އެ އެެއްބަސްވުމުގެ ފުރަތަމަ މަރުޚަލާގައި 2000އެއްހާ ފަލަސްޠީނުގެ ރައްޔިތުންގެ ބަދަލުގައި ޔަހޫދީންގެ 33 އަސީރުން މިނިވަން ކުރާނެއެވެ. އެ އެއްބަސްވުމާ އެެއްގޮތަށް މިހާތަނަށް ފަސް ފަހަރެެއްގެ މަތިން ދެ ފަރާތުގެ މެދުގައި އަސީރުންނާއި ޤައިދީން ވަނީ ބަދަލު ކޮށްފައެވެ.

އެއްބަސްވުމާ އެއްގޮތަށް ޙަމާސުން ބުރާސްފަތި ދުވަހު ވަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިއްބާ ނިޔާވި ހަތަރު ޔަހޫދީ އަސީރެއްގެ ހަށިތައް ރެޑް ކުރޮހާ ޙަވާލު ކޮށްފައެވެ. އެއީ 83 އަހަރުގެ ފިިރިހެނަކާއި އަންހެނަކާއި އޭނާގެ ދެ ކުދިންގެ ހަށިތަކެވެ. ޣައްޒާގެ ޚާން ޔޫނިސްގައި އެ މީހުންގެ ހަށިތައް ރެޑު ކުރޮހާ ޙަވާލު ކޮށްފައި ވަނީ ސަންދޯއްތަކެއްގައެވެ.

ސަންދޯއްތައް ބަހައްޓާފައި ހުރި ސަރަޙައްދުގައި ޙަމާސުން ވަނީ ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސޫރަ ބިރުވެރި ސިފަޔަކަށް ކުރަހާފައިވާ ބޮޑު ޕޯސްޓަރެެއް ހަރުކޮށްފައެވެ. އެ ޕޯސްޓަރުގައި މަރުވި އަސީރުންގެ ފޮޓޯ ވެސް ޖަހާފައި ވެއެވެ. ހަތަރު އަސީރުން މަރުވީ ނަތަންޔާހޫގެ ސަބަބުން ކަމަށް އެ ޕޯސްޓަރުގައި ލިޔެފައި ވެއެވެ.

ޙަމާސްގެ ތަރުޖަމާނަކު ބުނީ ހަތަރު އަސީރުން ވެސް ދިރި ތިއްބާ އެ މީހުން ބައިތިއްބާފައި ތިބި ސަރަޙައްދަށް ޔަހޫދީން ގަސްތުގައި ބޮން އަޅާފައިވާ ކަމަށެވެ. އެ މީހުން މަރުވީ އެ ޙަމަލާތަކުގެ ސަަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ އަސީރުންގެ ފުރާނަ ރައްކާތެރި ކުރުމަށް ޙަމާސުން މަސައްކަތް ކުރި ކަމަށާއި ދެވެން ހުރި ޚިދުމަތްތައް ބަރާބަރަށް ދެމުން ދިޔަ ކަމަށް ވެސް ޙަމާސުން ވަނީ ބުނެފައެވެ. އެ މީހުންނާ މެދު ޙަމާސުން ޢަމަލު ކުރީ އިންސާނިއްޔަތުކަމާ އެކުގައި ކަމަށާއި ޔަހޫދީން ދިން ޙަމަލާގައި އަސީރުން މަރުވުމުގެ އިތުރުން އެ މީހުންނާ ޙަވާލުވެ ތިބި މީހުން ވެސް ޝަހީިދުވި ކަމަށް ޙަމާސުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. ބޮޑު މުޖުރިމެއް ކަމުގައިވާ ނަތަންޔާހޫ މިއަދު އަސީރުންގެ ފުރާނަ ނެތް ހަށިތަކާ މެދު ހިތާމަކޮށް ރުޔަސް އެއީ ދުނިޔެ ކުރިމަތީގައި އެ މީހުންގެ މަރުގެ ޒިންމާއިން ރެކުމަށް ދައްކާ ދަޅައެއް ކަމަށް ވެސް ޙަމާސުން ބުނެފައި ވެއެވެ.

މަރުވި އަސީރުންގެ ޢާއިލާއާ މުހާތަބު ކޮށް ޙަމާސުން ބުނީ އެ ޖަމާޢަތުން ވެސް އެދުނީ އަސީރުން ދިރިތިބި ޙާލުގައި ޢާއިލާތަކާ ޙަވާލު ކުރުމަށް ކަމަށެވެ. ނަމަވެސް އެ މީހުން ހެޔޮ ޙާލުގައި އަނބުރާ ގެނައުމުގެ ބަދަލުގައި ޔަހޫދީ ސަރުކާރާއި ފައުޖުން ނިންމީ އެ މީހުން މެރުމަށް ކަމަށް ޙަމާސުން ބުންޏެވެ.