އަރުޝީފުކުރުމާއި ރެކޯޑް މެނޭޖްކުރުމުގެ ދާއިރާއިން އެހީތެރިވުމާއި އެއްބާރުލުން ދިނުމަށް ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އަރކައިވްސް، މުޙައްމަދު ޢާމިރު އަޙްމަދެވެ. ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ސެންޓަރ ފޮރ އަރކައިވްސް އެންޑް ރެކޯޑްގެ ޑިރެކްޓަރ ޖެނެރަލް ޑރ. ފައިޞަލް ޢަބްދުލްޢަޒީޒު ތަމީމީއެވެ.
މި އެއްބަސްވުމަކީ އަރުޝީފުކުރުމާއި އަރުޝީފީ ތަކެތި އިންޑެކްސްކުރުމާއި، ރައްކާތެރިކޮށް ބެލެހެއްޓުމާއި ފޮޓޯއާއި ޗާޓާއި، އޯޑިއޯވިޝުއަލްސް ބެލެހެއްޓުމާއި، ދުވަސްވީ ތަކެއްޗަށް ފަރުވާދީ ބޭނުންކުރެވޭ ހާލަތަށް ގެނައުމާއި، މި ދާއިރާތަކުން މީހުން ތަމްރީނުކުރުމާއި، އަރކައިވްކުރުމުގެ ސަގާފަތާއި ޒަމާނީ ގޮތްތަކާއި ކޮންސެޕްޓްތަކާއި ޓެކްނޮލޮޖީތަކާ ބެހޭގޮތުން އައު ޢިލްމާއި ތަޖުރިބާ ހިއްސާކުރުމާއި އަދި ސްޕެޝަލިސްޓުން ތަމްރީނުކުރުމަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި މަހު 16 އިން 18 އަށް ސަޢުދީ ޢަރަބިއްޔާގެ ރިޔާޒުގައި އޮތް "އަރކައިވްސް އިން ދަ ޑިޖިޓަލް އޭޖް" ކޮންފަރެންސްގެ ހަވާސާގެ ތެރެއިންނެވެ.
މި ރަސްމިއްޔާތުގައި ސަޢުދީގައި ހުންނަވާ ރާއްޖޭގެ ސަފީރު އަޙްމަދު ސަރީރާއި، ދުނިޔޭގެ އަރކައިވާ ބެހޭ މައި އިދާރާ، އިންޓަރނޭޝަނަލް ކައުންސިލް އޮން އަރކައިވް (އައިސީއޭ) ގެ ސެކްރެޓެރީ ޖެނެރަލް ބައިވެރިވެވަޑައިގެންނެވިއެވެ.