ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީއަކީ ހުދުމުހުތާރު ވެރިއެއްގެ ގޮތުގައި ސިފަ ކުރައްވައި, އަވަސް ފިޔަވަޅުތައް އަޅުއްވައިގެން ނޫނީ ޔޫކްރެއިންގެ އިސްގިޤުލާލު ރައްކާތެރި ނުކުރެވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
މީގެ އެއް ދުވަސް ކުރިން ޓްރަމްޕް ވަނީ ޔޫކްރެއިނާއި ރަޝިޔާއާ ދެެމެދު 2022ވަނަ އަހަރުން ފެށިގެން ކުރަމުންދާ ހަނގުރާމަ ފަށާފައި ވަނީ ޔޫކްރެއިނުން ކަމަށް ތުހުމަތު ކުރައްވާފައެވެ. އެއާއެކު ރަޝިޔާއަށް ފައިދާވާ ގޮތަށް ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދާ ކަމުގެ ކަންބޮޑުވުންތައް ޔޫކްރެއިނަށް ވާގިވެރިވާ ވިލާތުގެ ޤައުމުތަކުގެ މެދުގައި ވަނީ އިތުރުވެފައެވެ. އޭގެ ފަހުން މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ ޒެލެންސްކީއަކީ އިންތިޚާބަކާ ނުލައި ވެރިކަމުގައި ހުންނެވި ހުދުމުހުތާރު ވެރިއެއް ކަމުގައި ވިދާޅުވެ އަވަސް ފިޔަވަޅުތަކެއް އެޅިއްޔާ ނޫނީ ޤައުމެއްގެ ގޮތުގައި ޔޫކްރެއިން ދެމި ނޯންނާނެ ކަަމަށް ވިދާޅުވެފައެވެ.
ޒެލެންސްކީއަކީ ޣައިރުޤާނޫނީ ވެރިއެއް ކަމަށް ޓްރަމްޕް ވިދާޅުވެފައި ވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ފެބްރުވަރީ 2022ން ފެށިގެން ޔޫކްރެއިންގައި ކުއްލި ޙާލަތު އިޢުލާނު ކޮށްފައިވާތީ ޒެލެންސްކީގެ ފަސް އަހަރުގެ ދައުރު 2024ގައި ހަމަވުމުން ވެސް ވެރިކަމުގައި ޒެލެންސްކީ ދެމި ހުންނެވީމަައެވެ. ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީން ކުރުމަށް އެ ޙާލަތުގައި އެ ޤައުމުގައި ރިޔާސީ އިންތިޚާބެއް ނުބޭއްވޭނެއެވެ.
ޓްރަމްޕްގެ ވާހަކަތަކަށް ރައްދު ދެއްވާ ޔޫކްރެއިންގެ ޚާރިޖީ ވަޒީރު އަންދްރީ ސިބިހާ ވިދާޅުވީ ޔޫކްރެއިނުން ވަކި ގޮތަކަށް ޢަމަލު ކުރުމަށް އެއްވެސް ބަޔަކަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ. ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ހައްޤު ޔޫކްރެއިނުން ދިފާޢު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޒެލެންސްކީއާ ގުޅޭގޮތުން ޓްރަމްޕް ހަރުކަށި ގޮތަކަށް ވާހަކަ ދައްކަވާފައި މި ވަނީ ޔޫކްރެއިނުން ހަނގުރާމަ ފެށި ކަމަށް ޓްެރަމްޕް ވިދާޅުވި ވިދާޅުވުމާ ގުޅިގެން ޓްރަމްޕް ވާހަކަ ދައްކަވަމުން ދަނީ ރަޝިޔާއިން ދޭ ދޮގު މަޢުލޫމާތާ އެއްގޮތަށް ކަމަށް ޒެލެންސްކީ ވިދާޅުވުމުން އެ ކަމާ ހިތްހަމަ ނުޖެހިވަޑައިގަނެގެންނެވެ. އެ ކަމާ ގުޅޭ ގޮތުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވީ ޓްރަމްޕަށް އަމާޒުކޮށް ބަހުގެ ޙަމަލާތައް ދިނުމަކީ މި ދަނޑިވަޅުގައި ޢަމަލު ކުރުން އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. ފާޅުކަން ބޮޑު ގޮތެއްގައި ޓްރަމްޕާ ދެކޮޅަށް ބަސް ބުނެގެން ޓްރަމްޕްގެ ވިސްނުންފުޅު ބަދަލު ކުރެވިދާނެ ކަމަށް ޒެލެންސްކީ ހީފުޅު ކުރެއްވުމަކީ ކުށް ހީއެއް ކަމަށާއި ޓްރަމްޕް ދަންނަ ކޮންމެ މީހަކަށް ވެސް އެއީ މި ޙާލަތުގައި އެމެރިކާ ސަރުކާރާ ދެކޮޅަށް ޢަމަލު ކުރެވޭނެ އެންމެ ގޯސް ގޮތްކަން އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓްެރަމްޕް ވަނީ ޔޫކްރެއިންގެ ރައްޔިތުންގެ މެދުގައި ޒެލެންސްކީގެ މަޤުބޫލުކަން ދަށަށް ގޮސްފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ. އެ ގޮތުން ޢާންމުންގެ މެދުގައި އޭނާގެ މަޤުބޫލުކަން މިހާރު ހުރީ ހަތަަރު އިންސައްތައިގައި ކަމަށް ޓްެރަމަޕް ވަނީ ވިދާޅުވެފައެވެ. އެ ކަމާ ގުޅޭގޮތުން ޒެލެންސްކީ ވިދާޅުވީ އެއީ ރަޝިޔާއިން ފަތުރާ ދޮގު މަޢުލޫމާތު ކަމަށެވެ. ޔޫކްރެއިނުގެ ރައީސްގެ މަޤާމުން އޭނާ ވަކިކުރަން ކުރާ މަސައްކަތެއް ކާމިޔާބު ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކިޔީވް އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް ސޯސިއޯލޮޖީން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޔޫކްރެއިންގެ 57 އިންސައްތަ ރައްޔިތުން ޒެލެންސްކީއަށް އިތުބާރު ކުރެއެވެ.
ޒެލެންސްކީއަކީ ހުދުމުހުތާރު ވެރިއެއް ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އދގެ ތަރުޖަމާނު ސްޓީފަން ޑުޖާރިކް ވިދާޅުވީ ޒެލެންސްކީ ވެރިކަމުގައި ހުންނެވީ އިންތިޚާބަކަށް ފަހުގައި ކަމަށެވެ. ހަނގުރާމަ ފެށީ ކޮން ބައެއްތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ހަނގުރާމަ ފެށީ ރަޝިޔާއިން ކަމަށެވެ.
ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ސަރަޙައްދުގެ 20 އިންސައްތަ ފޭރިގަނެފައެވެ. ރަޝިޔާއިން އެ ހަނގުރާމަ ފަށާފައި ވަނީ ޔޫކްރެއިނުން ހުޅަނގުގެ ދިފާޢީ އިއްތިޙާދު, ނޭޓޯގެ މެންބަރަކަށް ވުމަށް މަސައްކަތް ކުރަމުންދާތީ އެއީ ރަޝިޔާއަށް އޮތް ނުރައްކަލެއް ކަމަށް ބުނެ ފަށާފައިވާ ޚާއްޞަ އޮޕަރޭޝަނެއްގެ ގޮތުގައެވެ. ހުޅަނގުގެ ޤައުމުތަކުން ބުނަމުން ދަނީ އެ ޢަމަލަކީ ނުހައްޤުން ބައެއްގެ ބިން ފޭރުން ކަމަށެެވެ.