ރަމަޟާން މަހަށް ގޭބިސީތަކަށް ސަރުކާރުން ދެއްވާ މަސްދަޅު ކޭސް ބަހަން ފަށާނީ މިރޭކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ވިދާޅުވެއްޖެއެވެ. މަސްދަޅު ކޭސް ބަހަން ފެށުމަށް މިހާރު ހަމަޖެހިފައިވަނީ މިރޭ 20:30ގައި ކަމަށް އެސްޓީއޯއިން ހާމަކުރައްވައެވެ.
ކުރިން މިއަދު 14:30ގައި މަސްދަޅު ކޭސް ބަހަން ފަށަން ރާވާފައިވީ ނަމަވެސް މަސްދަޅު ކޭސް ބަހަން ފަށާ ގަޑި މިރެއަށް ލަސްކުރީ ކުރީ އަހަރުގެ ތަޖުރިބާއާއި ދިމާވި ދަތިތަކަށް ރިޢާޔަތްކޮށް، މިއަހަރުގެ ހަދިޔާ ބެހުމުގެ އިންތިޒާމު އިތުރަށް ހަރުދަނާކޮށް ރައްޔިތުންނަށް ވީހާވެސް ފަސޭހަކޮށް މަސްދަޅު ކޭސް ލިބޭނޭގޮތަށް ކަންކަން އިންތިޒާމްކުރުމުގެ ގޮތުން ކަމަށެވެ.
މަސްދަޅު ކޭސް ބަހަން ފެށުމަށް ހަމަޖެހިފައިވަނީ މިރޭގެ 20:30ގައެވެ. އަދި މިމަހުގެ 27ގެ ނިޔަލަށް ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް މަސްދަޅު ކޭސް ބެހުން ކުރިއަށްދާނެއެވެ.
* 20 ފެބުރުވަރީ ރޭގަނޑު 20:30އިން 23:00އަށް
* 22 ފެބުރުވަރީ ހެނދުނު 10:00އިން ހަވީރު 16:00އަށް
* 22 ފެބުރުވަރީ ރޭގަނޑު 20:30އިން 23:00އަށް
* 23 ފެބުރުވަރީ އިން 27 ފެބުރުވަރީއަށް މެންދުރު 14:30އިން 18:00އަށް
* 23 ފެބުރުވަރީ އިން 27 ފެބުރުވަރީއަށް ރޭގަނޑު 20:30އިން 23:00އަށް
* މިފްކޯ އޮފީސް ކޮމްޕައުންޑް
* ހެންވޭރު އެމްޓީސީސީ ސޯމިލް
* ވިލިމާލޭ ވެމްކޯ ސައިޓް
* ހުޅުމާލެ ފޭސް-1ގެ އުމަރު ޒާހިރު ބިލްޑިންގ
* ހުޅުމާލެ ފޭސް-2، ހިޔާ ފްލެޓް ޓަވަރ 10ގެ ޔޫތު ސެންޓަރު
މަސްދަޅު ކޭސް ދޫކުރާނީ ހަމައެކަނި ދިވެހީންނަށް ކަމަށާއި، މަސްދަޅުކޭސް ބަލާ ދާ މީހާގެ އައިޑީކާޑު ބޭނުންވާނެކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. އަދި މަސްދަޅު ކޭސް ބަލާ ދާއިރު އެގޭބީސީއެއްގެ ކަރަންޓް ބިލުގެ އެންމެ ފަހު ތިން މަހުގެ ބިލުގެ ތެރެއިން ކަރަންޓް މީޓަރު އެނގޭނެ ފަދަ ލިޔުމެއް ގެންނަން ޖެހޭނެކަމަށެވެ.
ކުރިއަށް އޮތް ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ، ސަރުކާރަށް އެއް އަހަރުފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ ނޮވެންބަރު މަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ މިވަޢުދާ އެއްގޮތަށް ގޭބީސީތަކަށް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިހާރު ވަނީ ފަށްޓަވާފައެވެ. އެގޮތުން މަސްދަޅު ކޭސް އަތޮޅުތަކުގެ ބައެއް ކައުންސިލްތަކުން މިހާރު ދަނީ ބަހަމުންނެވެ.
ރަމަޟާންމަހަށް ޚާއްޞަކޮށްގެން ގޭބީސީތަކަށް ބަހަނީ އާންމުކޮށް ބޭނުންކުރާ 180 ގްރާމްގެ 48 ދަޅުގެ މަސްދަޅު ކޭހެވެ. ރަމަޟާން މަސް ފެށުމުގެ ކުރިން މަސްދަޅު ކޭސްތައް ބަހައި ނިމޭނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މަރޗް މަހުގެ 1ވަނަ ދުވަހެވެ.