އީދާ ދިމާކޮށް ކުރިއަށް ގެންދާ "ޢީދު އަލި" ހަރަކާތުގެ ތެރެއިން ކުރިއަށްއޮތް ފިތުރު ޢީީދުގައި ރާއްޖޭގެ ކޮންމެ އަތޮޅަކުންވެސް އިތުރު 2 ރަށް ދިއްލާލުމަށް ހަމަޖެހިފައިވާކަމަށް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މިދިޔަ އަހަރު ކުރިއަށްގެންދިޔަ ގޮތަށް ޢީދު ހަރަކާތްތައް މިފަހަރުވެސް ކުރިއަށްގެންދިޔުމަށް އެވުޒާރާއިން ތައްޔާރުވަމުންދާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާ އެއްގޮތަށް ކުރިއަށްގެންދާ "ޢީދު އަލި" ޙަރަކާތް މިދިޔަ އަހަރު މާލޭގެ އިތުރުން ކުރިއަށްގެންގޮސްފައިވަނީ ކޮންމެ އަތޮޅެއްގެވެސް ވެރިކަންކުރާ ރަށުގައެވެ. މިއަހަރުވެސް އެހަރަކާތް ކުރިއަށްގެންދާ އިތުރު ރަށްތަށް ކަނޑައަޅާފައިވަނީ އާބާދީގެ ނިސްބަތަށް ބަލައިގެންކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިދިޔަ ފަހަރު އަޅުގަނޑުމެންނަށް ލައިޓުތައް ފޮނުވުނީ މައިގަނޑުގޮތެއްގައި އަތޮޅުވެރިކަން ކުރާ ރަށަށް. އޭގެ އިތުރުން މިފަހަރު އަޅުގަނޑުމެން ކޮންމެ އަތޮޅަކުން ވެސް ދެ ރަށަކަށް އީދު ލައިޓު އެބަ ފޮނުވަން. އައްޑޫ އާއި ފުވައްމުލަކުގެ ވަކި ރަށްތަކަށް ކުރިން ވަނީ ލައިޓުތައް ފޮނުވާތީ، ދެން ހުރި އަތޮޅުތަކުން 36 ރަށަކަށް ލައިޓް އެބަ ހަދިޔާކުރަން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން" ވަޒީރު ވިދާޅުވިއެވެ.
މި ޙަރަކާތަކީ ރައްޔިތުންގެ ތަރުހީބު ލިބިފައިވާ ހަރާކާތަކަށް ވުމާއި އެކަމަށް ހަދިޔާކުރާ ލައިޓްތަކަކީ ރަށްރަށާއި ކައުންސިލްތަކަށް އެއްފަހަރަށްވުރެ ގިނަ ފަހަރު އެކި ކަންކަމަށް ބޭނުން ކުރެވޭނެ ތަކެއްޗަށްވުމުން ރައްޔިތުންގެ ހިންހަމަޖެހުމަށް ކުރާ އެފަދަ ހޭދައަކީ މުހިއްމު ހޭދައެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
"އީދު ޢަލި" ހަރަކާތް އެންމެ ފުރަތަމަ މާލޭގައި ކުރިއަށްގެންގޮސްފައިވަނީ ރަޢީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނަވި ދުސްވަރުގައެވެ. އެފަހަރު އެކަމަށް ލިބުނު ތަރުހީބާއެކު ވެރިކަމާ ހަވާލުވެވަޑައިގެން ރައީސް ވަނީ ޢިދުފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތެއްގެ ގޮތުގައި "ޢީދު އަލި" މާލެއާ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ކުރިއަށް ގެންދަން ނިންމަވާފައެވެ.