ޚަބަރު

ނިމުނު ހަފުތާ: އަހާ ފޯރަމާއެކު ސަރުކާރުން ރާވާފައިވާ ގިނަ ކަންތައްތަކެއް ހާމަކުރި ހަފުތާއެއް


  • އާސަންދައިގެ ޚިދުމަތް ކަށަވަރުކުރުމަށް 11 ކަމެއް ރައީސް ކަނޑައަޅުއްވާފައިވޭ

  • ޙައްޖަށް ދާން ހޭދަކުރަންޖެހޭ ފައިސާގެ އަދަދު މި އަހަރު ކުޑަކުރެވޭނެކަން ހާމަކުރެއްވި

  • ރައީސުލްޖުމްހޫރިއްޔާއާއި މަޖިލީހުގެ ރައީސް ބައްދަލުކުރެއްވި

  • ޢުމްރާވެރިންގެ ޑެބިޓް ކާޑު ލިމިޓަށް 1500 ޑޮލަރު އިތުރުކުރުމަށް ބީއެމްއެލްއިން ނިންމި

  • ޕީއެސްއެމްއިން އައު ޚިދުމަތްތަކާއި ޕްރޮގުރާމްތަކެއް އިފުތިތާޙުކުރި

މި ނިމުނު ހަފުތާވެސް ފާހަގަކޮށްލެވެނީ ސިޔާސީ އަދި އިޤުތިޞާދީ ދާއިރާގެ އިތުރުންވެސް އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގި ހަފުތާއެއްގެ ގޮތުގައެވެ.

އެ ގޮތުން ރަސްފަންނާއި ސަލްޓަން ޕާކު ކުރިއަށްވުރެ ފުރިހަމައަށް ތަރައްޤީކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވީ ނިމުނު ހަފުތާގެ ހުކުރު ދުވަހުއެވެ. މި ދެތަކަނީވެސް މާލޭގެ ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ދެ ތަނުގެ ގޮތުގައި ރައީސް ފާހަގަކުރައްވައެވެ.

އާސަންދައިގެ ޚިދުމަތް ކަށަވަރުކުރުމާއި ބޭހަށް ކުރާ ހޭދަ ކުޑަކުރުމަށް ގެންނަ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީވެސް ނިމުނު ހަފުތާގައެވެ. އާދިއްތަ ދުވަހު ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އާސަންދައިގެ ޚިދުމަތް ކަށަވަރުކޮށް ކުރާ ޚަރަދު ކުޑަ ކުރުމަށް 11 ކަމެއް ކަނޑައަޅުއްވާފައެވެ.

އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ރަމަޟާންމަހުގެ ޢިނާޔަތް ދިނުމަށް ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ ވެސް މިދިޔަ ހަފުތާގައެވެ. މި ބިލަކީ ރައީސްގެ ވަޢުދާ އެއްގޮތަށް ކުރިއަށް އޮތް ރަމަޟާން މަހު އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އެލަވަންސް ދިނުމަށް އެކުލަވާލި ބިލެކެވެ.

ހަމައެއާއެކު ބިން ފުރި އާބާދީ ތޮއްޖެހުމުގެ ސަބަބުން ބިމުގެ ދަތިކަން ދިމާވެފައިވާ ދެ ރަށްކަމުގައިވާ ރ. މަޑުއްވަރިއަށާއި ރ. މީދޫއަށް އެ ރަށްރަށުގެ އިޚްތިޞާޞުން ބޭރުގައިވާ ފަޅު ރަށެއް ދެއްވުމަށް ނިމުނު ހަފުތާގައި ރައީސުލްޖުމްހޫރިއްޔާ ނިންމެވިއެވެ. މަޑުއްވަރީއަށް ދެއްވާފައިވަނީ އުފުލަންދޫއެވެ. މީދޫއަށް ތާވަތާއެވެ.

މީގެ އިތުރުން އަވަށްޓެރި ސްރީލަންކާއަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ރަސްމީ ދަތުރުފުޅެއް ފަށްޓަވާފައެވެ. ލަންކާގެ ޚާރިޖީ ވަޒީރުގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި އެމަނިކުފާނާ ބައްދަލުކުރައްވައި އެކި ދާއިރާތަކުން މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވެއެވެ. މި ދަތުރުފުޅު ވަޒީރު ފެށްޓެވީ ނިމުނު ހަފުތާގެ އަންގާރަ ދުވަހުއެވެ.

އަހާ ފޯރަމް:

ނިމުނު ހަފުތާ ވެގެންދިޔައީ މި އަހަރުގެ ވަޒީރުންގެ އަހާ ފޯރަމް ބޭއްވުނު ހަފުތާއަށެވެ. އަހާ ފޯރަމްގެ ތެރެއިން ގިނަ ޚަބަރުތަކެއް ލިބުނެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއް ޚަބަރަކީ ދިވެހިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ހޭދަކުރަން ޖެހޭ ފައިސާގެ އަދަދު މި ދައުރުގެ ތެރޭގައި ކުޑަކުރެވޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ޚަބަރެވެ. ޙައްޖުގެ ނިޒާމު ހަރުދަނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާކަމެއްކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

އަހާ ފޯރަމްގައި ކުރިއަށް އޮތް ރަމަޟާން މަހު ބާޒާރުގައި ތަކެތީގެ އަގުބޮޑުވިޔަނުދެއްވާނެ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވި ޚަބަރުވެސް ފާހަގަކޮށްލެވެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް ވަޒީރު ވަނީ އަސާސީ ކާބޯތަކެތީގެ 141 ބާވަތެއްގެ އަގު އެއްހަމައެއްގައި ހުރޭތޯ ވަރަށް ގާތުން ބައްލަވާނެކަމަށް ވިދާޅުވެފައެވެ.

މި ފޯރަމްގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވަނީ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމްގެ ތެރެއިން މި އަހަރު 2 މިލިޔަން ގަސް އިންދުމަކީ އަމާޒެއްކަމަށްވެސް ވިދާޅުވެފައެވެ. އަދި މި ޕްރޮގުރާމް އިތުރަށް ހަރުދަނާކުރުމަށް ޚާއްސަ އެޕްލިކޭޝަނެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އަމިއްލަ ތަންތަނުގައި ކިޔަވައިދެނީ ކަނޑައަޅާފައި ހުރި މިންގަނޑުތަކަށްކަން ޔަޤީންކުރުމަށް ވަރަށް ގާތުން ބަލާނެ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވަނީ ފޯރަމްގެ ތެރެއިން ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ ސަރުކާރުން ކަނޑައަޅާފައި އޮންނަ ކޮލިފިކޭޝަން ފްރޭމް ވަަރކާ އެއްގޮތަށް އެ ތަންތަނުން ޢަމަލުކުރޭތޯ ކަށަވަރުކުރައްވާނެ ކަމަށެވެ.

ސިޔާސީ ދާއިރާ:

ނިމުނު ހަފުތާއަކީ ސިޔާސީ ގޮތުންވެސް ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގާދިޔަ ހަފުތާއެކެވެ. އެ ގޮތުން މި އަހަރު މަޖިލީހަށް ހުށައެޅުމަށް ހަމަޖެހިފައިވާ ބިލުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުން އޮތީ ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުއެވެ.

ނިމުނު ހަފުތާގެ މަޖިލީހުގެ މަސައްކަތްތަކަށް ބަލާއިރު، އަލަށް އައްޔަންކުރެވުނު ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހިމަށް ރުހުންދިނުމަށް ފާސްކޮށްފައިވެއެވެ. އަދި ތިން ވުޒާރާއެއްގެ މަސައްކަތު ދާއިރާއަށް ގެނައި ބަދަލުތައްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ހަމައެއާއެކު ނިސްބަތްވާ ސިޔާސީ ޕާޓީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ބަދަލުކޮށްފިނަމަ މެންބަރުކަން ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާޙު ބާޠިލުކުރުމަށް އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ އަޑު އެހުންތައް ފަށާފައިވަނީ މިދިޔަ ހަފުތާގައެވެ.

މީގެ އިތުރުން ނިމުނު ހަފުތާގައި މުއައްސަސާތަކަށް އައި ބަދަލުތަކަށް ބަލާއިރު، އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގެ މަޤާމަށް މުޙައްމަދު ޒާހިދު އަދި ނައިބު ރައީސްކަމުގެ މަޤާމަށް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދު ވަނީ މިދިޔަ އަންގާރަ ދުވަހު ޢައްޔަންކުރައްވައިފައެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ނައިބު ރައީސްގެ މަޤާމަށް ޢަބްދުﷲ ނާޝިދު ޢައްޔަންކުރެއްވީވެސް ނިމުނު ހަފުތާގެ އަންގާރަ ދުވަހުއެވެ.

އިޤުތިޞާދީ ދާއިރާ:

ނިމުނު ހަފުތާގައި އިޤުތިޞާދާއި ވިޔަފާރީގެ ދާއިރާއިންވެސް މުހިންމު ކަންތައްތަކެއް ހިނގާދިޔައެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ކަމަކީ އަހަރުގެ މިހާތަނަށް އެއް ދުވަހެއްގެތެރޭ އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މި ނިމުނު ހަފްތާގެ އާދީއްތަ ދުވަހުއެވެ. އެ ދުވަހު 9،518 ފަތުރުވެރިން ރާއްޖެ އައެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމާ އެއްގޮތަށް ޢުމްރާވެރިންގެ ޑެބިޓް ކާޑު ލިމިޓަށް 1500 ޑޮލަރު އިތުރުކުރުމަށް ބޭންކު އޮފް މޯލްޑިވްސް ބީއެމްއެލްއިން ނިންމަވާފައިވަނީވެސް ނިމުނު ހަފުތާގައެވެ.

ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުގެ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއިން ގިނަ ތައްޔާރީތަކެއް ނިމުނު ހަފުތާގައި ވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެ ގޮތުން ރޯދަ މަހު ބާޒާރުގައި ތަކެތީގެ އަގު ހިފެހެއްޓުމަށާއި ދަތިކަމެއް ނެތި ކާބޯތަކެތި ލިބޭނެ މަގު ފަހިކުރުކުމަށް އެސްޓީއޯއިން ގެނައި ކާށި، ފިޔާ، ބިސް، އަލުވި އަދި ލުނބޯ އަގު ހެޔޮކޮށް މިދިޔަ ހަފުތާގައި ވަނީ ވިއްކަން ފަށާފައެވެ.

އަދި ރަމަޟާން މަހަށް ގޭބިސީތަކަށް ސަރުކާރުން ދެއްވާ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު އެސްޓީއޯއިން ފަށާފައިވެއެވެ.

އެހެނިހެން ޚަބަރުތައް:

ނިމުނު ހަފުތާގައި އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކުގެ ތެރޭގައި އީޖާދީ ގޮތްތަކާއި ޒަމާނީ ޓެކްނޮލޮޖީއާއެކު ޤައުމީ މީޑިޔާ ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމްގެ ކޮންޓެންޓްތައް މުޅިން އައު ހަރުފަތަކަށް ގެންދިއުމަށް އައު ޚިދުމަތްތަކާއި ޕްރޮގުރާމްތަކެއް އިފުތިތާޙުކުރުން ހިމެނެއެވެ.

އަދި ފިޓްނަސް ހަރަކާތްތަކަށް ދަރިވަރުން އަހުލުވެރިކުރުވުމުގެ ޤައުމީ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުން އަންނަކަން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކުރެއްވީވެސް ނިމުނު ހަފުތާގައެވެ. އަދި ކުޑަކުދިން ކުށަށް އަރައިގަންނަން މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއްކޮށް މި އަހަރުގެ ތެރޭގައި ޝާއިޢުކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ވިދާޅުވީ ނިމުނު ހަފުތާގައެވެ.

ނިމުނު ހަފުތާގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މުހިންމު ދެ ކަމެއްވެސް އިޢުލާންކުރައްވާފައިވެއެވެ. އެއީ މި އަހަރު ޙައްޖަށްދާ 500 މީހުން ދަތުރުކުރާނީ މޯލްޑިވިއަންގެ ބޯޓުތަކުގައި ކަމާއި 6 ރަށެއްގައި މިސްކިތް ބިނާކުރުމުގެ މަސައްކަތް ކުރިއަށް އޮތް ރަމަޟާން މަސް ނިމުމުން ފެށޭނެކަމެވެ. މިކަންކަން އިޢުލާންކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މީގެ އިތުރުން ޤައުމީ ޚިދުމަތުގައި އެކި ދާއިރާތަކުން އަންހެނުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން ދޭ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ ހޯމަ ދުވަހުއެވެ. އަދި ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތުވެސް މިދިޔަ ހަފުތާގައި ހުޅުވާލާފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ޚަބަރުތަކާއެކު ނިމުނު ހަފުތާ ފާހަގަކޮށްލެވޭނީ ސަރުކާރުން ކުރިއަށް އޮތްތަނުގައި ކުރައްވަން ބޭނުންވާ ގިނަ ކަންތައްތަކަކާއި ސަރުކާރުގެ އަމާޒުތަކެއް ހާމަވެގެންދިޔަ ހަފުތާއެއްގެ ގޮތުގައެވެ. އަދި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުންވެސް ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްފައިވާ ހަފުތާއެއްގެ ގޮތުގައެވެ.