ޕާކިސްތާނަށް ހިޖުރަ ކޮށްފައިވާ އަފްޣާނިސްތާނުގެ ރެފިއުޖީން ޤައުމަށް އަނބުރާ ފޮނުވައިލުމުގެ ބޭނުމުގައި, އެ މީހުން ހައްޔަރު ކޮށް އެ މީހުންނާ ދެކޮޅަށް އެކި ކަހަލަ ދުއްތުރާތައް ކުރަމުންދާ ކަމަށް ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ އަފްޣާނިސްތާނުގެ އެމްބަސީން ބުނެފިއެވެ. އަފްޣާނިސްތާނުގެ އެމްބަސީން އެހެން ބުނެފައި ވަނީ އިސްލާމްއާބާދާއި ރަވަލްޕިންދީގައި ދިރިއުޅޭ އަފްޣާނިސްތާނަށް ނިޞްބަތްވާ އެތައް ސަތޭކަ ރައްޔިތުންނެއް އަނބުރާ ޤައުމަށް ފޮނުވާލާފައިވާ ކަމަށް އދގެ ރިފިއުޖީންނާބެހޭ އިދާރާއިން ބުނެފައި ވަނިކޮށެވެ.
އަފްޣާނިސްތާނުގައި 40 އަހަރު ވަންދެން ހިނގި ހަތިޔާރުއެޅި ހަނގުރާމައިގެ ތެރޭގައި އާއި 2021ވަަނަ އަހަރު އަފްޣާނިސްތާނުގެ ވެރިކަން ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ ޠާލިބާނުން ފޭރިގަތުމުން އެ ޤައުމުގެ ހަތަރު މިލިޔަނެއްހާ ރައްޔިތުން ވަނީ ސަރަޙައްދީ ރޮނގު ހުރަސް ކޮށް ޕާކިސްތާނަށް އެތެރެވެފައެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ އަފްޣާނިސްތާނުގެ އެމްބަސީން ބުނީ ފާއިތުވި ދުވަސްތަކުގައި އަފްޣާނިސްތާނުގެ ރައްޔިތުންނަށް ގިނަ ދުއްތުރާތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެ ގޮތުން އެ މީހުން ހައްޔަރު ކުރުމާއި ބަލައި ފާސް ކުރުމުގެ އިތުރުން އިސްލާމްއާބާދާއި ރަވަލްޕިންދީ ދޫކޮށް އެހެން ސަރަޙައްދުތަކަށް ދިޔުމަށް ޕާކިސްތާނުގެ ފުލުހުން ޢާންމުންނަށް ޢަމުރު ކުރަމުންދާ ކަމަށް އެމްބަސީން ބުނެއެވެ. ޕާކިސްތާނުން އެ ގޮތަށް ޢަމަލު ކުރަމުން ދަނީ އެއްވެސް ރަސްމީ އިޢުލާނެއް ނުކޮށް ކަމަށާއި ރަސްމީ ސިފައެއްގައި އެ ކަމާ ގުޅޭ އެއްވެސް މުޢާމަލާތެއް އެމްބަސީއާ ކޮށްފައި ނުވާ ކަމަށް ވެސް ބުނެފައި ވެއެވެ.
ނަމަވެސް ޕާކިސްތާނުގެ ޚަރިޖީ ކަންކަމާ ގުޅޭ އިދާރާއިން ވަނީ އަފްޣާނިސްތާނަށް ނިޞްބަތްވާ ރެފިއުޖީންނަށް ދުއްތުރާ ކުރަމުންދާ ކަމަށް ކުރާ ތުހުމަތުތައް ދޮގު ކޮށްފައެވެ. އެ އިދާރާއިން ބުނީ އަފްޣާނިސްތާނުގެ ރައްޔިތުން އަނބުރާ ޤައުމަށް ފޮނުވަމުން ދަނީ ޕާކިސްތާނުގައި ދިރިއުޅޭ ބޭރު މީހުންގެ ތެރެއިން އެއްވެސް ރަސްމީ ލިޔެކިޔުމެއް ނެތް މީހުން އަނބުރާ ޤައުމަށް ފޮނުވާލުމަށް 2023ވަނަ އަހަރުގެ ތެރޭގައި ފެށި މަޝްރޫޢުއެއްގެ ދަށުން ކަމަށެވެ. މި ޙާލަތުގައި އަފްޣާނިސްތާނުގެ ކަމާބެހޭ އިދާރާތަކުން އެ މީހުން ބަލައިގަތުމަށް ރަނގަޅު އަދި ފަހި މާހައުލެއް އަފްޣާނިސްތާނުގައި ޤާއިމް ކުރަން ޖެހޭކަަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. ޤައުމަށް އެނބުރި އަންނަ މީހުން މުޖުތަމަޢުގެ ތެރެއަށް އަލުން ފެތޭނީ އޭރަށް ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ނަމަވެސް އަފްޣާނިސްތާނުގެ އެމްބަސީން ބުނަމުން ދަނީ ކުރިއަށް އޮތް އަވަސް މުސްތަޤުބަލުގައި ޕާކިސްތާނުގައި ދިރިއުޅޭ އަފްޣާނިސްތާނުގެ ހުރިހާ ރައްޔިތުން ޤައުމަށް އަނބުރާ ފޮނުވާލަން ނިިންމާފައިވާ ކަމަށް ޕާކިސްތާނުގެ ރަސްމީ އިދާރާތަކުން ބުނެފައިވާ ކަމަށެވެ. އިސްލާމްއާބާދާއި ރަވަލްޕިންދީގައި ދެމިތިބުމުގެ ޙުއްދަ ދެވޭނީ ވިސާ އޮތް މީހުންނަށް އެކަނި ކަމަށް އިދާރާތަކުން ބުނެފައިވާ ކަމަށް ވެސް އެމްބަސީން ފާހަގަ ކުރިއެވެ. އަފްޣާނިސްތާނަށް ނިޞްބަތްވާ ގިނަ ޢަދަދެއްގެ ރައްޔިތުން އަނބުރާ ޤައުމަށް ފޮނުވަމުން ދާތީ އެ ކަމާ ގުޅޭ ކަންބޮޑުވުންތައް ޕާކިސްތާނުގެ ކަމާބެހޭ އިދާރާތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ އެކު ކުރިއަށް ގެންދިޔަ ބައްދަލުވުންތަކުގައި ޙިއްޞާ ކޮށްފައި ވާނެ ކަމަށް އެމްބަސީން ބުނެއެވެ.
އދގެ ރެފިއުޖީންނާބެހޭ އިދާރާ, ޔޫއެންއެޗްސީއާރުން ބުނީ އިސްލާމްއާބާދާއި ރަވަލްޕިންދީގައި ދިރިއުޅޭ ރެފިއުޖީން ޤައުމަށް އަނބުރާ ފޮނުވާލައި މިންވަރު ޖަނަވަރީ 1ވަނަ ދުވަހުން ފެށިގެން އިތުރުވެފައިވާ ކަމަށް ފާހަގަވެފައިވާ ކަމަށެވެ. އެހެން ސަރަޙައްދުތަކަށް ބަދަލުވުމަށް އަންގާފައިވާ އެނގުމާ ގުޅިގެން އެ ސަރަޙައްދުތަކުގައި ދިރިއުޅޭ އަފްޣާނިސްތާނުގެ ރެފިއުޖީންނަށް ވަނީ ދެންމެދެންމެ އަނބުރާ ޤައުމަށް ފޮނުވާލައިފާނެ ކަމުގެ ބިރުވެރިކަމުގައި އުޅެން ޖެހިފައި ކަމަށް އެ އިދާރާއިން ބުނެއެވެ.
ޕާކިސްތާނުން އަފްޣާނިސްތާނަށް ނިޞްބަތްވާ ރެފިއުޖީން ޤައުމަށް އަނބުރާ ފޮނުވަމުން ދަނީ އަފްޣާނިސްތާނުގެ ރައްޔިތުން އެމެރިކާގައި ވަޒަންވެރި ކުރުމަށް ޤާއިމް ކޮށްފައިވާ އެމެރިކާގެ އިދާރާ ކުރިއަށް އޮތް އޭޕްރިލް މަހުގެ ކުރިން ބަންދު ކުރުމަށް އެމެރިކާއިން އަންގާފައި ވަނިކޮށެވެ. މި ނިންމުމާއެކު 200,000އަށް ވުރެ ގިނަ ރެފިއުޖީންނަށް އެމެރިކާގައި ވަޒަންވެރިވުމުގެ ފުރުޞަތު ގެއްލިގެން ދާނެއެެވެ. އޭގެ ތެރެއިން ގިނަ ޢަދަދެއްގެ މީހުންނަކީ ޕާކިސްތާނުގައި ތާށިވެފައިވާ މީހުންނެވެ.