ޚަބަރު

ރާއްޖެއާ ސިންގަޕޫރުގެ ގުޅުން 50 އަހަރުގެ ތެރޭގައި މުހިއްމު ދާއިރާތަކުން ވަނީ ކުރިއަރާފައި: ރައީސް


  • ރާއްޖެއާ ސިންގަޕޫރާ ދެެމެދު ގުޅުން ޤާއިމްކޮށްފައިވަނީ 1975ވަނަ އަހަރުގައި

ދިވެހިރާއްޖެއާ ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާ ސިންގަޕޫރާދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމްކުރެވުނުތާ 50 އަހަރު ފުރުމާއި ގުޅިގެން ސިންގަޕޫރުގެ ރައީސް ތަރމަން ޝަންމުގަރަތުނަމް އާއި އެޤައުމުގެ ބޮޑު ވަޒީރު ލޯރެންސް ވޮންގްގެ އިތުރުން އެކުވެރި ރައްޔިތުންނަށް މި މުނާސަބަތުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

މި މުނާސަބާތާ ގުޅިގެން ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކުގައި، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވާ، މި ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ކުރިމަގަށް މުހިންމު އެކިއެކި ފުރުޞަތުތައް ހޯދުމަށް ދެ ޤައުމު ގުޅިގެން މުސްތަގުބަލުގައި މަސައްކަތް ކުރުމުގެ އުންމީދު އެ މަނިކުފާނު އައުކުރެއްވިއެވެ. ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުންތަކާއި ވިޔަފާރީގެ ގުޅުމަށް އިޝާރާތް ކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުގެ ސިޔާސީ ގުޅުން ބަދަހި ކުރުމުގައި ވޭތުވެދިޔަ އަހަރުތަކުގައި ދެ ޤައުމުގެ މަތީ ފަންތީގެ މުޢާމަލާތްތައް އިތުރުވެފައިވުމަކީ މިކަން ފަހިވުމަށް އެންމެ ބޮޑު ދައުރެއް އަދާކުރި ކަމެއް ކަމުގައި ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ސިންގަޕޫރުގެ ރައީސް ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ވޮންގްއަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އަދި އެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައެވެ.

ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.