މިއަހަރުގެ ރަމަޟާން މަހަށް ގޭބިސީތަކަށް ސަރުކާރުން ދެއްވާ މަސްދަޅު ކޭސް މާދަމާއިން ފެށިގެން ބަހަންފަށާނެ ކަމަށް މާލޭ ސިޓީ ކައުންސިލް އިދާރާއިން ހާމަކޮށްފިއެވެ.
މަސްދަޅު ކޭސް ބަހާނީ މާދަމާއިން ފެށިގެން 28 ފެބުރުވަރީގެ ނިޔަލަށެވެ. އެގޮތުން ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެވެސް މަސްދަޅު ކޭސް ބަހާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
* މެންދުރުފަހު 14:30އިން 18:00އަށް
* ރޭގަނޑު 20:30އިން 23:00އަށް
* މާލޭ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާ ބެހޭބައި
* މިފްކޯގެ އޮފީހުގެ ގްރައުންޑް ފްލޯ
* ވިލިމާލެ ސޯޝަލް ސެންޓަރ
* ހުޅުމާލެ ފޭސް1ގެ ޢުމަރު ޒާހިރު ބިލްޑިންގ
* ހުޅުމާލެ ފޭސް2 ގެ ހިޔާ ފްލެޓްގެ 10 ވަނަ ފްލެޓްގައި ހުންނަ ޔޫތު ސެންޓަރ
ކުރިއަށް އޮތް ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ، ސަރުކާރަށް އެއް އަހަރުފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ ނޮވެންބަރު މަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ މިވަޢުދާ އެއްގޮތަށް ގޭބީސީތަކަށް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިހާރު ވަނީ ފަށްޓަވާފައެވެ. އެގޮތުން މަސްދަޅު ކޭސް އަތޮޅުތަކުގެ ބައެއް ކައުންސިލްތަކުން މިހާރު ދަނީ ބަހަމުންނެވެ.
ރަމަޟާންމަހަށް ޚާއްޞަކޮށްގެން ގޭބީސީތަކަށް ބަހަނީ އާންމުކޮށް ބޭނުންކުރާ 180 ގްރާމްގެ 48 ދަޅުގެ މަސްދަޅު ކޭހެވެ. ރަމަޟާން މަސް ފެށުމުގެ ކުރިން މަސްދަޅު ކޭސްތައް ބަހައި ނިމޭނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މަރޗް މަހުގެ 1ވަނަ ދުވަހެވެ.