ޚަބަރު

ޒުވާނުންގެ ހުނަރުތައް ތަރައްޤީކުރުމަށް "ރެޑީ ފޯރ ފިއުޗަރ"ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް


  • މިޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ 22 އިން 24އަށް

  • މިޕްރޮގްރާމް އަމާޒުކޮށްފައިވަނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް

ޒުވާނުންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް "ރެޑީ ފޯރ ފިއުޗަރ"ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.

މިޕްރޮގްރާމަކީ ކުރިމަގުގައި ދިމާވެދާނެ ގޮންޖެހުންތަކަށް ޒުވާނުން ތައްޔާރުކޮށް، އެފަރާތްތަކަށް ހިތްވަރުދިނުމުގެ މަޤްސަދުގައި ބާއްވާ ޕްރޮގްރާމެކެވެ.

މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދަން ހަމަޖެހިފައިވާ "ރެޑީ ފޯރ ފިއުޗަރ" ޕްރޮގްރާމަކީ އަމިއްލަ ނަފްސަށް އިތުބާރު ކުރުމަށާއި، މުވާސަލާތީ ހުނަރުތައް ހަރުދަނާކުރުމުގެ އިތުރުން ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށް ބާއްވާ ޕްރޮގްރާމެކެވެ.

18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މިޕްރޮގްރާމުގައި ޒުވާނުން އެކަކު އަނެކަކާ ގުޅިގެން ކުރެވޭނެ އެކިއެކި ހަރަކާތްތަކާއި، އިސްވެ މަސައްކަތްކުރުމުގެ ހުނަރުތައް ތަރައްޤީކުރުމުގެ ތަފާތު އެކި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިޕްރޮގްރާމުގެ ތެރެއިން މުއާސަލާތުކުރުމާއި، އަމިއްލަ ނަފްސަށް އިތުބާރުކުރުމާއި، އިސްލާމީ އަޤީދާ ފަދަ މުހިންމު ކަންކަމަށް ޒުވާނުން އަހުލުވެރިކުރުމަށް ހަމަޖެހިފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުމާ ބެހޭ ވުޒާރާއިްނ ވިދާޅުވެއެވެ. މިޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ސެޓްފިކެޓެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ގެންދަނީ ޒުވާނުން ބާރުވެރިކުރުވުމަށް ތަފާތު ޕްރޮގްރާމްތަކެއް ހިންގަވަމުންނެވެ. އެގޮތުން ޔޫތު ވެލްނެސް ލައުންޖްގެ ނަމުގައި ޒުވާނުން ބާރުވެރިކުރުމަށް ޚާއްޞަ ޕްރޮގްރާމެއްވެސް ދަނީ ކުރިއަށްގެންދަވަމުންނެވެ. މިޕްރޮގްރާމަކީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި އުޅުމަށް ޒުވާނުން ބާރުވެރިކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.