ޚަބަރު

ލުބްނާންގެ ދެކުނަށް އަރައިގަތް ޔަހޫދީ ސިފައިން ފައިބަން ފަށައިފި


ލުބްނާންގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގި ޤަތުލުޢާންމުގެ ދަށުން އެ ޤައުމުގެ ދެކުނު ރަށްތަކަށް ބަރުހަތިޔާރާ އެކު އަރައިގަތް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެ ސަރަޙައްދުތަކުން ފައިބަން ފަށައިފިއެވެ. މިއާ އެކު، އެ ސަރަޙައްދުތަކުގެ ރައްޔިތުން ވަނީ އެނބުރި ވަޒަނަށް ދަތުރު ކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި، ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުން ސަލާމަތްވުމަށް ލުބްނާންގެ ދެކުނުގައި ދިރިއުޅޭ އެތަކެއް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ދަތުރު ކުރިއެވެ. ނަމަވެސް، އެ ފުރުޞަތު ނުލިބުނު ގިނަ މީހުންނަށް ކުރިމަތިލާން ޖެހުނީ، ޔަހޫދީންގެ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތަކާއެވެ. ރައްކާތެރި ހިސާބުތަކަށް ދަތުރު ކޮށްފައިވާ މީހުން އެނބުރި ވަޒަނަށް ދަތުރު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެ މީހުން ބުނީ ޔަހޫދީން ސުންފާތިކޮށް ބިމާ ހަމަކޮށްލާފައިވާ އިމާރާތްތަކުގެ ދަށުން ޝަހީދު ކޮށްލާފައިވާ ބައެއް މީހުންގެ ހަށިތައް ފެންނަމުންދާ ކަމުގައެވެ.

ޒަޔަނިސްޓު އިސްރާއީލުން ބުނީ، އެމެރިކާއިން އިސްނަގައިގެން އެކުލަވައިލި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ އެއް ގޮތަށް، ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ފައިބަން ފަށާފައިވާ ކަމުގައެވެ. ނަމަވެސް، އިސްރާއީލުގެ ދިފާޢު ކަށަަވަރު ކުރުމަށް ލުބްނާންގެ ފަސް ސަރަޙައްދެއްގައި ޔަހޫދީ ސިފައިން އިތުރަށް މަޑު ކުރާނެ ކަމުގައެވެ.

ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهން ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެއް ސަބަބަކީ، އެއީ ޙަަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އަމަލު ކުރަމުންދާ އެއްބަސްވުމާ ޚިލާފު އަމަލަށްވުމެވެ. ޙިޒްބުاللهން ބުނީ، ލުބްނާންގެ ދެކުނުގެ ބައެއް ސަރަޙައްދުތަކުގައި ގިނަ އަދަދެއްގެ ޔަހޫދީ ސިފައިން އަދިވެސް ހަރަކާތްތެރިވަމުންދާ ކަމުގައެވެ.

"އަޅުގަނޑުމެން ދިރިއުޅޭ އަވަށަށް އެނބުރި ދިޔުމުން ފެނުނީ ހުރިހާ ގެއެއް ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ މަންޒަރު. މުޅި އަވަށުގައި ވެސް ކޮޅަށް ހުރި އެންމެ އިމާރާތެއް ވެސް ނެތް،" ލުބްނާންގެ ދެކުނުގައި އިސްރާއީލުގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ކަފްރަކްލާގެ ރައްޔިތަކު ބުންޏެވެ. އެ ސަރަޙައްދުން ޝަހީދު ކޮށްލާފައިވާ ގިނަ އަދަދެއްގެ ބަޔެއްގެ ހަށިގަނޑު ފެނިފައިވާއިރު، ދިރިތިބި އިތުރު ދެ މީހަކު ފެނިފައިވާ ކަމުގައި ލުބްނާންގެ މަދަނީ ސަލާމަތާ ބެހޭ އިދާރާއިން ހާމަކުރިއެވެ.

އެ އިދާރާއިން ބުނީ، ކަފްރަކްލާގެ އިތުރުުން މަޔިސު އަލް-ޖަބަލާއި، އަލް-ޢުދަޔިސާގެ އިތުރުން މަރްކަބާއިން ޝަހީދު ކޮށްލާފައިވާ 23 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގައެވެ. ލުބްނާންގެ ސިޔާސީއެއް ކަމުގައިވާ ޢަލީ ޙަސަން ޚަލީލް ވިދާޅުވީ، އެ ޤައުމުގެ ދެކުނުގެ ރަށްތަކުގެ ގިނަ އަވަށްތަކަށް ޔަހޫދީ ފައުޖުން ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމުގައެވެ. އަދި، ގިނަ އަދަދެއްގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތައް ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ކަމުގައެވެ.

ޔަހޫދީންނާއި ޙިޒްބުاللهއާ ދެމެދު ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފެށުމާ ގުޅިގެންނެވެ. ޙިޒްބުاللهން ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ޙަމަލާ ދޭން ފަށާފައި ވަނީ، ފަލަސްޠީނުގެ ރައްޔިތުންނާއި މިނިވަން ކަމަށް ޖިހާދު ކުރާ މުޖާހިދުންނަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އަދި، ޔަހޫދީންގެ ޤަތުލުޢާންމު ހުއްޓައިލުމަށް ބާރު އެޅުމުގެ ގޮތުންނެވެ.

ލުބްނާން ޤަތުލުޢާންމު މެދުކަނޑައިލުމަށް އަމަލު ކުރަމުންދާ އެއްބަސްވުމުގެ ދަށުން، އެ ޤައުމަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ހުރިހާ ސިފައިން ފައިބަން ޖެހޭނެއެވެ. އަދި، ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކުގައި ޙިޒްބުاللهން އަސްކަރީ ހަރަކާތްތައް ހިންގުން އޮތީ މަނާ ކޮށްފައެވެ. އެ ސަރަޙައްދުގެ އަމަން ބެލެހެއްޓުގެ ޒިންމާ މަތިކޮށްފައި ވަނީ ލުބްނާންގެ އަސްކަރިއްޔާއަށެވެ.