ޚަބަރު

ދެވަނަ ބުރަށް ރެއާލްއަށް އޮތީ ހަނި ފުރުސަތެއް: އަންޗެލޮޓީ


ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ކުޅެވޭ ޕްލޭއޮފްގެ ދެވަނަ ލެގުގައި މިރޭ މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ނިކުންނައިރު އެ ޓީމަށް އޮތީ ހަނި ފުރުސަތެއް ކަމަށް ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިދިޔަ ހަފްތާގައި މި ދެ ޓީމު ކުޅުނު ފުރަތަމަ ލެގު 3-2 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ވަނީ ކާމިޔާބުކޮށްފަ އެވެ.

އަދި މި ނަތީޖާ އާއިއެކު ދެވަނަ ލެގަށް ނިކުންނައިރު ރެއާލްއަށް އޮތް ފުރުސަތު ބޮޑު ކަމަށް ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ބުނެފައިވާތީ އެކަމަށް ރައްދު ދެމުން އެންޗެލޮއްޓީ ބުނެފައިވަނީ އޭނާގެ ޓީމަށް އޮތީ ދެވަނަ ބުރުގެ ހަނި ފުރުސަތެއް ކަމަށެވެ.

"ސިޓީ އަށް އޮތީ އެއް ޕަސެންޓްކަމަށް ގަޑިއޯލާ ބުނި ނަމަވެސް އެކަން އޭނާވެސް ގަބޫލެއް ނުކުރާނެ. އަދި އަހަރެން ގަބޫލެއް ނުކުރަން ދެވަނަ ބުރުގެ ފުރުސަތު ހޯދުމަށް %99 ރެއާލް މެޑްރިޑަށް ބޮޑުކަމަށް. އަހަރުމެންނަށް އޮތް ހަމައެކަނި ފައިދާ އަކީ ސިޓީ އަތުން ފުރަތަމަ ލެގުގައި މޮޅުވެފައިވުން." އަންޗެލޮޓީ ބުންޏެވެ.

"އަހަރެންނަށްވެސް އައިސް ބުނެވިދާނެ ކުރީގެ މެޗު މަތިން ހަނދާން ނައްތާލާފައި މިއީ މުޅިން އައު މެޗެއް ކަމަށާއި މި މެޗުން މޮޅުވެގެން ނޫން ގޮތަކަށް ދެވަނަ ބުރަށް ނުދެވޭނެކަމަށް. ނަމަވެސް އެއީ ހަގީގަތެއް ނޫން އަހަރެންވެސް ގަބޫލުކުރަން ޖެހޭ ފުރަތަމަ ލެގުގައި އަހަރުމެން މޮޅުވިކަން." ގަޑިއޯލާގެ ވާހަކަތަކަށް ރައްދު ދެމުން އަންޗެލޮޓީ ބުންޏެވެ.

ރެއާލް މެޑްރިޑް ލަލީގާގެ ރެފްރީންނާއި ގުޅޭ ގޮތުން ހުށައަޅާފައިވާ ޝަކުވާގެ ސިޓީ އަށް އިޝާރާތްކޮށް އަންޗެލޮޓީ ބުނެފައިވަނީ ވީޑިއޯ ބަލަން ފެށުމުން ރެފްރީންގެ ވަރަށް ބޮޑު ބައެއް މިހާރު ބިނާވަނީ ވީޑިއޯގެ މައްޗަށް ކަމަށާއި އެއީ ނުރައްކާތެރި ކަމެއް ކަމަށެވެ.

މިރޭގެ މެޗަށް ރެއާލް މެޑްރިޑާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ނިކުންނައިރު އެ ޓީމުގެ ކޯޗު ގާޑިއޯލާ ބުނެފައިވަނީ މި މެޗުން ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް އޭނާގެ ޓީމުން ނިކުންނާނީ މި މެޗުގައި ރަގަޅު ކުޅުމެއް ދެއްކުމަށް ކަމަށެވެ.

ގާޑިއޯލާ އިތުރަށް ބުނެފައިވަނީ ބާނަބައު ސްޓޭޑިއަމަކީ އޭނާއަށް އައު ތަނެއް ނޫން ކަމަށާއި އެ ތަނުގައި އޭނާއަށް ވަރަށް ރަގަޅު ކާމިޔާބީތަކެއްވެސް ލިބިފައިވާ ކަމަށެވެ. އަދި މިފަދަ މެޗަކަށް ނިކުންނައިރު އެއްވެސް މެޗެއް ފަސޭހަ ނުވާނެ ކަމަށާއި ވިސްނުންތެރިކަމާއިއެކު ކުޅެގެން ނޫން ގޮތަކަށް ކާމިޔާބީ ނުލިބޭނެ ކަމަށްވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

މި ސީޒަނުގައި ސިޓީ އަށް އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވި ނަމަވެސް ނިމިދިޔަ ޖެނުއަރީ ޓްރާންސްފާގައި އެ ޓީމަށް ގެނައި އައު ކުޅުންތެރިންނާއެކު ސިޓީން ވަނީ ފަހަކަށް އައިސް އެ ޓީމުން ކުރީގައި ދެއްކިފަދަ ކުޅުމެއް ދައްކަން ފަށާފަ އެވެ.