ޚަބަރު

ޔޫކްރެއިން ބައިވެރި ނުކޮށް، ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާއާއި ރަޝިޔާ މަޝްވަރާ ކޮށްފި


ޔޫކްރެއިނާއި ރަޝިޔާއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެމެރިކާއާއި ރަޝިޔާއިން އެއްބަސް ވެއްޖެއެވެ.

ސަޢުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ކުރިއަށް ދިޔަ މަޝްވަރާތަކަކީ އެމެރިކާއާއި ރަޝިޔާއިން ހަނގުރާމައާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެއް މޭޒެއްގެ ދޮށަށް އެއްވި ފުރަތަމަ ފަހަރެވެ. ހަތަރު ގަޑިއިރާއި ބަޔަށް ދެމިގެންދިޔަ އެ މަޝްވަރާތަކުގައި ޔޫކްރެއިނުން ބައިވެރިވެފައެއް ނުވެއެވެ.

އެމެރިކާއާއި ރަޝިޔާއާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންދިޔުމުގެ ކުރިން ވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ އައު ސަރުކާރުން އެއްވެސް ޝަރުތެއް ނެތި ރަޝިޔާއަށް ދޫ ދެމުންދާ ކަމަށް ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ ތުހުމަތު ކޮށްފައެވެ. މިދިޔަ ހަފުތާގެ ތެރޭގައި ޓްރަމްޕްގެ ސަރުކާރުން ވަނީ ހުޅަނގުގެ ދިފާޢީ އިއްތިޙާދު, ނޭޓޯގެ މެންބަރަކަށް ޔޫކްރެއިން ވުމަކީ ދުރު ކަމެއް ކަމަށް ބުނެފައެވެ. އަދި ރަޝިޔާގެ ބާރުގެ ދަށުގައި އޮތް ޔޫކްރެއިންގެ ސަރަޙައްދުތައް އަލުން އަނބުރާ ހޯދިދާނެ ކަމަށް ޔޫކްރެއިނުން ޤަބޫލުކުރާ ޤަބޫލު ކުރުމަކީ ހުވަފެނީ ޤަބޫލު ކުރުމެއް ކަމަށް ވެސް ބުނެފައި ވެއެވެ.

އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު މައިކް ވޮލްޓްޒް ވިދާޅުވީ ޔޫކްރެއިން-ރަޝިޔާ ހަނގުރާމަ ދާއިމީ ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. އެ ކަން ހާޞިލް ކުރުމަށްޓަކައި ބިމުގެ ސަރަޙައްދާ ގުޅޭ މަޝްވަރާތައް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ފަދަ މަޝްވަރާތަކާއި ސަލާމަތީ ގެރެންޓީ ދިނުމާ ގުޅޭ މަޝްވަރާތައް ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމަކީ ކަމުގެ ހަޤީޤަތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫކްރެއިނާއި ވިލާތުގެ ޤައުމުތަކުގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވީ އެއްވެސް ބަޔަކު ބާކީ ނުކުރާ ކަމަށެވެ. ވިލާތުގެ އިއްތިހާދުން ވެސް ވަކި ހިސާބަކުން މަޝްވަރާތަކުގައި ބައިވެރިވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަޝްވަރާތަކުގައި ނިންމާ ނިންމުންތަކަކީ މައްސަލައިގައި ހިމެނޭ އެންމެންނަށް ވެސް އެއްބަސްވެވޭ ޙައްލަކަށް ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިޔާ ޒަޚަރޯވާ ވިދާޅުވީ ޔޫކްރެއިނަކީ ނޭޓޯގެ މެންބަރެެއްގެ ގޮތުގައި ނޭޓޯއިން ބަލައި ނުގަތުމުން އެ ކަން ނިމުނީ ނޫން ކަމަށެވެ. އޭގެ ބަަދަލުގައި ނޭޓޯގެ މެންބަރަކަށް ޔޫކްރެއިނަށް ކުރިމަގުގައި ވެވޭނެ ކަމަށް ނޭޓޯއިން 2008ވަނަ އަހަރު ބުނެފައިވާ ބުނުން އަނބުރާ ގެންދަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ގޮތަށް ޢަމަލު ނުކުރާހާ ހިނދަކު ވިލާތުގެ ބައްރުގައި ނުތަނަވަސްކަން ދެމި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ތަކުރާރުކޮށް ވިދާޅުވަމުން ދަނީ ޔޫކްރެއިނުގެ އިސްތިޤުލާލާއި މިނިވަންކަން ކަށަވަރު ކުރެވޭނެ ހަމައެކަނި ގޮތަކީ ޔޫކްރެއިން ނޭޓޯގެ މެންބަރަކަށް ވުން ކަމަށެވެ. ހަނގުރާމައާ ގުޅޭގޮތުން ޔޫކްރެއިންގެ ޣައިރު ހާޒިރުގައި ނިންމާ އެއްވެސް ނިންމުމަކަށް ޢަމަލު ނުކުރާނެ ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ.