ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނައިބު ރައީސްކަމަށް، ރ.އަލިފުށި، ފަސާނާ ޢަބްދުﷲ ނާޝިދު މިއަދު ޢައްޔަންކުރައްވައިފިއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނައިބު ރައީސްކަމަށް ޢަބްދުﷲ ނާޝިދު ޢައްޔަންކުރައްވާފައިވަނީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.
ޢަބްދުﷲ ނާޝިދު އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރައްވާފައިވަނީ މި އަހަރުގެ ޖަނަވަރީމަހުގައެވެ. ޢަބްދުﷲ ނާޝިދު ވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާދެމެދު އެ ކޮމިޝަނުގެ މުހިންމު މަޤާމުތަކެއް އަދާކުރައްވާފައެވެ.