ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމާއި، ވިލާތުގެ ޤައުމުތަކުގެ ދިފާޢު ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެ ޤައުމުތަކުގެ ވެރިން ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ބައްދަލު ކޮށްފިއެވެ. އެ ބައްދަލުވުމުގައި އެންމެ އިސްކަމެއް ދީފައި ވަނީ ވިލާތުގެ ޤައުމުތަކުގެ ދިފާޢީ ބަޖެޓު ބޮޑުކޮށް ދިފާޢަށް ކުރާ ހޭދަ އިތުރު ކުރުމާއި، ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމުން އެ ޤައުމަށް ސުލްޙަ ބަލަހައްޓާ ފައުޖެއް ފޮނުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށެވެ.
ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްޚްރޮންގެ ދަޢުވަތަކަށް ބޭއްވި މަޝްވަރާތަކުގައި ބައިވެރިވި ވިލާތުގެ ޤައުމުތަކުގެ ވެރިން ވަނީ އެ ބައްރުގެ ދިފާޢީ ކަންކަން ހަރުދަނާ ކުރުމަށް ކުރާ ހޭދަ އިތުރު ކުރުމަށް ގޮވައިލައްވާފައެވެ. ވިލާތުގެ ޤައުމުތަކުން ބުނީ، ހަރުދަނާ ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިނުލައި، ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަކީ ދެމެހެއްޓެނިވި ނިންމުމަކަށް ނުވާނެ ކަމުގައެވެ. އަދި، އެއީ ޔޫކްރެއިންގެ އިތުރުން ވިލާތުގެ ޤައުމުތަކަށް އޮތް ނުރައްކަލަކަށް ވާނެ ކަމުގައެވެ.
މީގެ އިތުރުން، ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ފަހު، އެ ޤައުމަށް ދިފާޢީ ގޮތުން އެހީތެރިކަން ފޯރު ކޮށްދިނުމަށް ވެސް ވިލާތުގެ ޤައުމުތަކުން ވަނީ އެއްބަސްވެފައެވެ. ނަމަވެސް، އެ ކަން ބަރޯސާ ވަނީ، އެމެރިކާއިން ފޯރުކޮށްދޭ އެހީތެރިކަމެއްގެ މައްޗަށް ބިނާކޮށް ކަމުގައި އެ ޤައުމުތަކުން ބުންޏެވެ.
ވިލާތުގެ ޤައުމުތަކުން ޔޫކްރެއިން ހަނގުރާމައާ ގުޅޭ ކުއްލި ބައްދަލުވުމެއް ބާއްވާފައި މި ވަނީ، އެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ފެށްޓެވުމާ ގުޅިގެންނެވެ. ޓްރަމްޕްގެ އިސްނެންގެވުމަށް ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ސުލްޙައިގެ މަޝްވަރާތައް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދާ މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުމެއް ނޯންނާނެ ކަން ޓްރަމްޕްގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ވިލާތުގެ ޤައުމުތަކާއި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއަށް އެންގެވުމަކާ ނުލައި ޓްރަމްޕް ދާދި ފަހުން ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއަށް ފޯނުން ގުޅުއްވައި، ސުލްޙައިގެ މަޝްވަރާތަކަށް ދަޢުވަތު އަރުވާފައެވެ. މި ކަމާއި، އެ މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ނޯންނާނެ ކަން އެމެރިކާއިން ހާމަ ކުރުމަކީ އެ ޤައުމުތަކަށް ސިހުމާއި ހައިރާން ކަން ގެނުވި ނިންމުމެކެވެ. ފެބުރުވަރީ 18ވަނަ ދުވަހު ރިޔާޟުގައި މަޝްވަރާތައް ފަށާނެއެވެ.
އެންމެ ފުރަތަމަ މަޝްވަރާތައް ކުރިއަށް ދާނީ ރަޝިޔާއާއި އެމެރިކާއާ ދެމެދުގައެވެ. ސުލްޙައިގެ މަޝްވަރާތައް ވިލަރެސް ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އަލް-ސުޢޫދާ ރިޔާޟުގައި ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު މައިކް ވޮލްޓްޒާއި މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސްޓީވް ވިޓްކޮފް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޒެލެންސްކީ ވެސް ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެ މަޝްވަރާތަކަށް އެމެރިކާއިން ދަޢުވަތު އަރުވާފައި ނުވާ ކަމުގައި ވެސް އޭނާ ވިދާޅުވެފައިވެއެވެ. "ހަރުދަނާ ދިފާޢީ ޔަގީން ކަމެއް ނެތި ނިންމުންތަކެއް ނިންމައިފި ނަމަ—ދޯދިޔާ ގޮތެއްގައި ޙަމަލާ ބަދަލުކުރުން މެދުކަނޑައިލަން އެއްބަސްވެއްޖެ ނަމަ—އެއީ އޮޅުވައިލުމަށް ރަޝިޔާއަށް ލިބޭ އިތުރު ފުރުޞަތަކަށް ވާނެ، ޔޫކްރެއިންގެ އިތުރުން ވިލާތުގެ އެހެން ޤައުމަކާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ފުރުޞަތަކަށް ވާނެ،" އޭނާ ވިދާޅުވިއެވެ.
ޕެރިހުގައި ބޭއްވި ކުއްލި ބައްދަލުވުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމަރ ވިދާޅުވީ ޔޫކްރެއިނަށް ސުލްޙަ ބަލަހައްޓާ ފައުޖެއް ފޮނުވުމަށް އެ ޤައުމުން ތާޢީދު ކުރާނެ ކަމުގައެވެ. އަދި، އެ ކަމުގައި ބައިވެރިވާނެ ކަމުގައެވެ. ނަމަވެސް، އެ ފަދަ ފައުޖެއްގައި އެމެރިކާގެ ބައިވެރިވުން އޮންނަން ޖެހޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި، ޔޫކްރެއިނަށް ވިލާތުގެ ސުލްޙަ ބަލަހައްޓާ ފައުޖެއް ފޮނުވުމަކީ މަސްރަޙު އިތުރަށް ހޫނުވެގެން ދާނެ ނިންމުމެކެވެ. އަދި، ރަޝިޔާގެ ސިފައިންނާއި ސުލްޙަ ބަލަހައްޓާ ފައުޖާ ދެމެދު ކުރިމަތިލުންތަކެއް ފެށުމަށް ހުޅުވިގެންދާ ދޮރަކަށް ވެގެންދާނެއެވެ. މިއީ، ވިލާތުގެ ޤައުމުތަކަށް އޮތް ބޮޑު ނުރައްކަލަކަށް ވާނެއެވެ.
އެއް ސަބަބަކީ، ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވިލާތުގެ ޤައުމުތަކުގައި ސްޓޮކު ކޮށްފައިވާ ހަތިޔާރުގެ ބޮޑު އިންސައްތައެއް ފޯރުކޮށްދިނުމާ އެކު، ހަތިޔާރުގެ ސްޓޮކުތައް މަދުވެފައިވުމެވެ. މީގެ އިތުރުން، ވިލާތުގެ ގިނަ ޤައުމުތަކުގެ މާލީ ހާލަތު އޮތް ގޮތުން، ހަނގުރާމައެއްގައި ބައިވެރިވެ، އަސްކަރީ އަދި ދިފާޢީ ދާއިރާއަށް ކުރާ ހޭދަ އިތުރު ކުރުމަކީ މާލީ ގޮތިން ދަތި ކަމަކަށް ވާނެ ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.