ރަމަޟާން މަހާ ދިމާކޮށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއިން ކުރިއަށް ގެންދިޔަ "އެއްގެއިން އަނެއްގެއަށް" ކެމްޕޭން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ކެމްޕެއިނަކީ، ރަމަޟާންމަހާއި ދިމާކޮށް އިސްރާފު މަދުކުރުމާއި ރަށްވެހި ގުޅުން އާލާކުރުމަށް އެޗްޑީސީން އިސްނަގައިގެން މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 16 ވަނަދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ކެމްޕެއިންގެ ދަށުން ގޭގައި ބޭނުންކުރާ ތަކެތި އުކާލުމުގެ ބަދަލުގައި، ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި، ބޭނުންޖެހިފައިވާ ފަރާތްތަކަށް ހަދިޔާކޮށްފައިވެއެވެ.
މި ހަރަކާތުގައި ގިނަ ބަޔަކު ބައިވެރިވެ، ގިނަ އަދަދަކަށް ތަކެތި ހަދިޔާކޮށްފައިވާކަމަށް އެ ކުންފުނިންވަނީ ފާހަގަކޮށްފައެވެ. އަދި މި ކެމްޕެއިނަށް ލިބުނު ތަރުހީބު ފާހަގަކޮށް މިކަމުގައި ބައިވެރިވި އެންމެހާ ރައްޔިތުންނަށް އެޗްޑީސީން ވަނީ ޝުކުރުއަދާކޮށްފައެވެ.
* މައުލޫމާތު ސާފުކުރަން ގުޅި އަދަދު: 454
* ތަކެތި ހަދިޔާކުރުމަށް އެދުނު އަދަދު: 165
* ތަކެތި ލިބިފައިވާ އަދަދު: 193
* ތަކެތި ހަދިޔާކުރި އަދަދު: 191
އެޗްޑީސީއިން ވިދާޅުވީ މި ކެމްޕެއިން ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ، ރޯދަ މަހުގައި އެކަކު އަނެކަކަށް ތަކެތި ހަދިޔާކުރުމާއި، ބޭނުންޖެހިފައިވާ ފަރާތްތަކަށް ތަކެތި ފޯރުކޮށްދީ އެހީތެރިވުމަށް ބާރު އެޅުން ކަމަށެވެ.
މިއީ ރަމަޟާން މަހާ ދިމާކޮށް ފްލެޓުތަކުން އުކާލުމަށް ނެރެފައި ހުންނަ ކުނީގެ މައްސަލަ ހައްލު ކުރުމާއެކު ކުނީގެ ގޮތުގައި ނައްތާލަންޖެހޭ ތަކެތި މަދުކޮށް، އަލުން ބޭނުންކުރުމަށް ބާރު އެޅުމަށް ކުރިއަށް ގެންދިޔަ ކެމްޕެއިން އެއްކަމަށް އެޗްޑީސީން ވިދާޅުވިއެވެ.