ޚަބަރު

އެމެރިކާއާއި ޔަހޫދީންނަށް އެއް ކަމެއް ވެސް ނުކުރެވޭނެ: އީރާން


އީރާނާ ދެކޮޅަށް އެމެރިކާއާއި ޔަހޫދީން ދެމުންދާ އިންޒާރުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލެއް ކަމަށާއި އީރާނަށް ދެރައެއް ދިނުމަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް އެ ޤައުމުން ބުނެފިއެވެ. އީރާނުން އެހެން ބުނެފައި ވަނީ ޔަހޫދީ ދައުލަތުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އެމެރިކާގެ ދާޚިލީ ވަޒީރު މާކޯ ރޫބިޔޯ އާ ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ޤުދުސްގައި ބައްދަލު ކޮށް, މެދުއިރުމަތީގެ މައްޗަށް އޮންނަ އީރަނުގެ ނުފޫޒު ކުޑަކޮށް އަދި އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢުއަށް ހުރަސް އެޅުމަށް ދެ ޤައުމުން އެއްބަސްވެފައި ވަނިކޮށެވެ.

އެ ބައްދަލުވުމުގައި ނަތަންޔާހޫ ބުނީ ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ޢުދުވާނީ ޙަމަލާތައް ދީ ހަނގުރާމަ ކުރުމުގެ ސަބަބުން އީރާނަށް ބޮޑު ގެއްލުމެެއް ދެވިފައިވާ ކަމަށެެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެހީތެރިކަމާއި ވާގިވެރިކަމާއެކު އެ މަސައްކަތް ފުރިހަމަ ކޮށް އެކީ އެކައްޗަކަށް ނިންމާލެވޭނެ ކަމާމެދު ޝައްކެތް ނެތް ކަމަށް އޭނާ ބަނީ ބުނެފައެވެ.

2015ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރާއި ވިލާތުގެ ބައިވެރިން ވަނީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު ހުއްޓުވުމަށް އެ ޤައުމާ އެކު އެއްބަސްވުމެއް ޤާއިމު ކޮށްފައެވެ. ނަމަވެސް 2018ވަނަ އަހަރު އެމެރިކާގެ ރައީސްކަމުގެ މަޤާމާ ޓްރަމްޕް ފުރަތަމަ ޙަވާލުވެވަޑައިގެންނެވި ދައުރުގައި އޭނާ ވަނީ އެ އެއްބަސްވުމުން އެމެރިކާ ވަކި ކޮށް އީރާނާ ދެކޮޅަށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވާފައެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިޤްތިޞާދު ވަނީ ފުނޑުފުނޑުވެފައެވެ. އެމެރިކާއިން އެ ފިޔަވަޅު އަޅާފައި ވަނީ ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހިތްވަރު ދިނުމާ އެކުގައެވެ. އޭގެ ފަހުން އީރާނުން ވަނީ އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢު އަލުން ފަށައި ޔުރޭނިއަމް މުއްސަނދި ކުރަން ފަށާފައެވެ. އެ ގޮތުން އީރާނުން ޔޫރޭނިއަމް ސާފު ކުރާ މިންވަރު ވަނީ 60 އިންސައްތައަށް އިތުރު ކޮށްފައެވެ. ހަތިޔާރު ގުރޭޑަށް ވާޞިލްވުމަށް ޔުރޭނިއަމް ސާފު ކުރަން ޖެހެނީ 90 އިންސައްތައަށެވެ. އީރާނުން ބުނަމުުން ދަނީ އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢުއަކީ ސުލްޙަވެރި މަޝްރޫޢުއެއް ކަމަށެވެ.

ހުސްވި ޖަނަވަރީ މަހުގެ 20ވަނަ ދުވަހު އެމެެރިކާގެ ރައީސްގެ މަޤާމާ ދެވަނަ ދައުރަކަށް ޙަވާލުވެވަޑައިގެންފައިވާ ޓްރަމްޕް ވަނީ އީރާނާއެކު އައު ނިއުކްލިޔަރ އެއްބަސްވުމެއް އަނެއްކާ ވެސް ޤާއިމު ކުރުމުގެ މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ. އޭނާ އެހެން ވިދާޅުވީ އީރާނާ ދެކޮޅަށް ވެރިކަމުގެ ފުރަތަމަ ދައުރުގައި އޭނާ އެޅުއްވި ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާގެ ނިމުނު ސަރުކާރުން ލުއި ދީފައި ވަނިކޮށް, އަލުން ވެރިކަމާ ޙަވާލުވެވަޑައިގަންނަވާ އެ ފިޔަވަޅުތައް އިޢާދަ ކުރައްވާފައި ވެސް ވަނިކޮށެވެ. އީރާނާއެކު ރަނގަޅު އެއްބަސްވުމަކަށް އަންނަން ބޭނުންފުޅުވާ ކަމަށާއި އެއީ އެ އީރާނުގެ ރައްޔިތުން ދިރިއުޅުމައިގެން ކުރިއަށް ދެވޭނެފަދަ އެއްބަސްވުމަކަށް ވާން އެދޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ކަމާ ގުޅިގެން އީރާނުގެ ރޫހީ ވެރިޔާ އާޔަތުالله ޢަލީ ޚާމަންއީ ވަނީ އެމެރިކާގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެމެރިކާ އަކީ ވަޢުދަށް ކަމޭހިތާ ޤައުމެއް ނޫން ކަމަށާއި އެމެރިކާއާއެކު މަޝްވަރާ ކުރުމަކީ ބުއްދިވެރި އަދި ޝަރަފުވެރި ކަމެއް ވެސް ނޫން ކަމަށެވެ. މި މޭރުމުން ޚާމަންއީ ވާހަކަ ދެއްކެވި ނަމަވެސް 2018ވަނަ އަހަރު އެމެރިކާގެ ސަރުކާރާ ސީދާ މުޢާމަލާމާތު ކުރުން މަނާ ކޮށްފައި އޮތް އޮތުމާ އެއްގޮތަށް އަލުން ޢަމަލު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވަފައެއް ނުވެއެވެ.

އީރާނުގެ ސަރުކާރުން ކޮންމެ ހަފްތާއަކު ވެސް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނަތަންޔާހޫއާއި ރޫބިޔޯގެ ވާހަކަތަކާ ގުޅޭގޮތުން ވަނީ އަލިއަޅުވާލައިފައެވެ. އެ ގޮތުން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބާޣީ ވިދާޅުވީ އީރާން ފަދަ ޤައުމަކާ ކުރިމަތިލައި އެމެރިކާއަށާއި ޔަހޫދީންނަށް އެ ޤައުމަށް އެއްވެސް ގެއްލުމެެއް ނުދެވޭނެ ކަމަށެވެ. އީރާނާއެކު މަޝްވަރާ ކުރަން ބޭނުންވާ ކަމަށް ބުނެ ހަމަ އެ ނޭވާގައި އެ ޤައުމާ ދެކޮޅަށް އިންޒާރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބާޣީ އީރާނަށް ގެއްލުމެއް ނުދެވޭނެ ކަމަށް ވިދާޅުވި ނަމަވެސް އެ ޤައުމުން ވާގިވެރިވަމުން ދިޔަ ޤައުމުތަކުގެ ބާރު ދެރަވުމުގެ ސަބަބުން އީރާނަށް ވެސް ވަނީ ބަލިކަށިކަން ލިބިފައެވެ. އެ ގޮތުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް އައުމާއި ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީން ދެމުންދިޔަ ޢުދުވާނީ ޙަމަލާތަކުގެ ސަބަބުން އީރާނުގެ ބައިވެރިންނަށް ބަލިކަށިކަން ލިބިފައި ވެއެވެ. އޭގެ ތެރޭގައި ލުބުނާނުގެ ޙިޒްބުاللهއާއި ޔަމަނުގެ ހޫޘީންނާއި ޢިރާޤާއި ސޫރިޔާގެ ހަތިޔާރު އެޅި އެކި ޖަމާޢަތްތައް ހިމެނެއެވެ.