ޚަބަރު

ޑޯޕިންގެ ކަންތައްތައް އިންސާފުވެރި ނޫން ކަމަށް ބުނެ ޖޮކޮވިޗް ފާޑުކިޔައިފި


ޓެނިސް ކުޅުންތެރިންގެ ތެރެއިން މަނާ ބޭސް ބޭނުންކުރާ ކުޅުންތެރިންނާ މެދު އަމަލުކުރަނީ އިންސާފާއި ހަމަހަމަ އުސޫލަކުން ނޫން ކަމަށް ކުރިން ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޯވަކް ޖޮކޮވިޗް ބުނެ، ޓެނިހުގެ އެންޓި ޑޯޕިން ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

ގަތަރު އޯޕަންގައި މިހާރު ވާދަކުރަމުންދާ އުމުރުން 37 އަހަރުގެ ޖޮކޮވިޗް ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނެފައިވަނީ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ޔަނިކް ސިނާ އާއި އިގާ ސްވިއަޓެކް މަނާ ބޭހަށް ޕޮޒިޓިވް ވުމުން އެ ކުޅުންތެރިންނާއިމެދު އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި ފެނިގެންދިޔައީ އެ މީހުންނަށް ފައިދާވާ ގޮތަށް ކަންތައްތަކެއް ކުރިތަން ކަމަށެވެ.

"މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން އަދި މިއީ މި ކުޅިވަރަށްވެސް ރަގަޅު ގޮތެއް ނޫން. މިއީ އަހަރެންގެ އަމިއްލަ ވާހަކަތަކެއް ނޫން. މިއީ ގިނަ ޓެނިސް ކުޅުންތެރިންގެ ވާހަކަތައް. މުޅި މި ޕްރޮސެސް ގެންގޮސްފައިވަނީ ގޯސްކޮށް." 24 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ޖޮކޮވިޗް ބުންޏެވެ.

"ސޯޝަލް މީޑިޔާއިން ފެންނާނެ ސިމޯނާ ހަލެޕް އާއި ޓާރާ މޯރޭ ފަދަ ކުޅުންތެރިން އަހަރުތަކަކަށް ސަސްޕެންޑް ކުރާނެ ވާހަކަ ނުވަތަ އެ މައްސަލަތަކަށް ގޮތެއް ނުނިމި އެތައް ދުވަހަކަށް ދިގުދެމިގެންދާ ވާހަކަ. އެއީ އެ ކުޅުންތެރިން އެހާ މަޝްހޫރުވެފައި މަޝްހޫރު ވަކީލުތަކެއް އެ ކުޅުންތެރިން ތަމްސީލު ނުކުރާތީ. ޓެނިހުގެ ޑޯޕިން ކަންތައްތަކުގައި އިންސާފާއި ހަމަހަމަކަން ނެތްކަން މި ދެ ކަންތައްތަކަށް ބަލާލުމުން ވަރަށް ރަގަޅަށް އެނގޭނެ." ޖޮކޮވިޗް އިތުރަށް ބުންޏެވެ.

އޭނާ އިތުރަށް ބުނެފައިވަނީ މިއީ އެވާހަކަ ދައްކަން ވީ ވަގުތު ކަމަށާއި އަދި މިކަމަށް ދާއިމީ ހައްލެއް ލިބި ހުރިހާ ކުޅުންތެރިންގެ މެދުގައި ތަފާތު ކުރުމެއްނެތި ފިޔަވަޅުތައް އެޅޭނެ ގޮތަކަށް މި ނިޒާމު ބައްޓަން ކުރެވެން ޖެހޭނެ ކަމަށެވެ.

މިދިޔަ މަހު ނިމިގެންދިޔަ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ އުމުރުން 23 އަހަރުގެ ސިނާ ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވަނީ އޭނާ އާއި ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ) އާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހަށް ސިނާ ސަސްޕެންޑް ކޮށްފައިވާއިރު އޭނާއަށް އަލުން ދެން ކުޅުމުގެ ތެރެއަށް އާދެވޭނީ މެއި މަހުގެ 4 ގެ ފަހުންނެވެ.

ސިނާ އަށް އައި ސަސްޕެންޝަނުގެ ސަބަބުން އޭނާއަށް ބޮޑު މުބާރާތެއް ނުގެއްލޭ އިރު މެއި މަހުގެ 19 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފްރެންޗް އޯޕަން ގައި އޭނާއަށް ވާދަކުރެވޭނެ އެވެ.

ވާޑާ އިން ސިނާގެ މައްސަލަ ބަލަން ފެށުމަށްފަހު ފުރަތަމަ ވަކާލާތު ކުރީ އޭނާ ދެ އަހަރު ދުވަހަށް ސަސްޕެންޑް ކުރުމަށެވެ. ނަމަވެސް ސިނާ ވަނީ އެއީ އޭނާ ގަސްތުގައި ކުރިކަމެއް ނޫން ކަމަށްބުނެފަ އެވެ. އަދި އެންމެ ފުރަތަމަ އޭނާ ހެދި ދެ ޓެސްޓަށް ޕޮޒިޓިވް ވުމާއި ގުޅިގެން ދިން ޕްރޮވިޝަނަލް ސަސްޕެންޝަނަކީވެސް އޭނާ އެ މައްސަލަ ހިނގާފައިވާ ގޮތް ކިޔައިދިނުމުން ދީފައިވާ ލުއި އަދަބެކެވެ.

އަދި އެ މުއްދަތުގައި އޭނާއަށް މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ދީފައިވާއިރު އޭނާ ގިނަ މުބާރާތްތަކެއް ކާމިޔާބުކޮށް ދުނިޔޭގެ އެއްވަނަ މަގާމު ދިފާއުކޮށްފަ އެވެ. އަދި ވާޑާ އިން ވަނީ ތިން ފަހަރު މަތިން ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ސިނާ ދެއްކި ވާހަކަ ގަބޫލުކޮށް އޭނާގެ ސަސްޕެންޝަނަށް ލުއެއް ދީފަ އެވެ.

ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ކުރިން ހުރި ސިމޯނާ ހަލެޕް މަނާ ބޭހަށް ޕޮޒިޓިވް ވުމާއި ގުޅިގެން އޭނާ ފުރަތަމަ ސަސްޕެންޑް ކޮށްފައިވަނީ ހަތަރު އަހަރުގެ މުއްދަތަކަށެވެ. ނަމަވެސް ފަހުން އެ މުއްދަތު ވަނީ 9 މަސް ދުވަހަށް ކުޑަކޮށްފަ އެވެ. އަދި އިނގިރޭސިވިލާތުގެ ޓާރާ މޯރޭ ގެ މައްސަލަ ނިމިފައިވަނީ އޭނާ ސަސްޕެންޝަނުގައި 19 މަސް ހޭދަކުރުމަށްފަހުގަ އެވެ.