ޚަބަރު

އަލް ގައްރާފާ އަތުން އަލް އަހްލީ މޮޅުވެއްޖެ


އޭއެފްސީ ޗެމްޕިއަންސް ލީގުގައި އިއްޔެ ގަތަރުގެ އަލް ގައްރާފާއާ ދެކޮޅަށް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ސައުދީ އަރަބިއްޔާގެ އަލް އަހްލީން ކާމިޔާބުކޮށްފިއެވެ.

މި ނަތީޖާ އާއިއެކު މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް އަލް ގައްރާފާއިން ކުރަމުން އައި މަސައްކަތަށްވަނީ ނިމުން އައިސްފަ އެވެ. ފުރަތަމަ ބުރުގައި އެ ޓީމުން ކުޅުނު 8 މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު ތާވަލުގެ އަށް ވަނަ އަށް އެ ޓީމު ވެއްޓިފައިވާއިރު ގަދަ އަށެއްގެ ޖާގައެއް ގޯލުގެ ތަފާތުން ލިބިފައިވަނީ އުޒްބެކިސްތާނުގެ ޕަޚްތަކޯރު އަށެވެ.

މި މެޗުން މޮޅުވުމާއެކު ސައުދީގެ އަލް އަހުލީ އަށް ވަނީ ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ފުރަތަމަ ބުރުގައި ކުޅުނު 8 މެޗުން 22 ޕޮއިންޓާއެކު އެއްވަނަ މަގާމް އެ ޓީމަށް ލިބިފައިވާއިރު ދެވަނައިގައި އޮތް އަލް ހިލާލް އަށް ލިބިފައިވަނީ 7 މެޗުން 19 ޕޮއިންޓެވެ. ނަމަވެސް ހިލާލް ދެން ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެ ޓީމަށް އަލުން އެއްވަނަ މަގާމް ލިބޭނެ އެވެ.

ސައުދި އަރަބިއްޔާގެ ޖިއްދާގައި ކުޅުނު މި މެޗުގެ ހަތަރުވަނަ މިނިޓރުގައި އަލް އަހްލީގެ ޑިފެންޑަރުން ޕެނަލްޓީ އޭރިޔާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ގިނައިރުތަކެއް ވަންދެން ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އަލް ގައްރާފާ އަށް ޕެނަލްޓީ އެއް ދީފަ އެވެ. އަދި ރެއާލް މެޑްރިޑްގެ ކުރީގެ ކުޅުންތެރިޔާ މަޓޯ ޖޮސެލޯ ވަނީ ލަނޑެއް ޖަހާ އަލް ގައްރާފާ އަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް މެޗުގެ 21 ވަނަ މިނިޓުގައި އަލް އަހްލީގެ އިވާން ޓޯނީ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުގައި އަލް އަހްލީ އިން ފުރަތަމަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ 34 ވަނަ މިނިޓުގައި ބްރެޒިލްގެ ފާރމީނިއޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް ވެންޑަސަން ގަލޭނޯ ވަނީ އިތުރު ލަނޑެއް އަލް އަހްލީ އަށް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް އަލް އަހްލީގެ ރިޔާދު މަހްރޭޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

މި މެޗުން ޕޮއިންޓެއް ނަމަވެސް ހޯދަން މަޖުބޫރުވެފައިވާ އަލް ގައްރާފާއިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 80 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އަލްޖީރިއާގެ ޔަސީން ބްރަހީމީ އެވެ.

މި މުބާރާތަށް މި އަހަރު ގެނެވުނު ބަދަލާއެކު އީސްޓް އަދި ވެސްޓް އޭޝިޔާއިން ޖުމްލަ 16 ޓީމަށް މުބާރާތުގެ ދެވަނަ ބުރުގެ ފުރުސަތު ލިބިގެންދާއިރު މުބާރަތުގެ ދެވަނަ ބުރުގެ މެޗުތައް ކުރިއަށްދާނީ އަންނަ މާޗު މަހު އެވެ. އަދި މުބާރާތުގެ ކުއާޓާރ ފައިނަލުން ފެށިގެން ކުރިއަށްހުރި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް އަދި މެއި މަހު ސައުދި އަރަބިއްޔާ ގައެވެ.