ޕާކިސްތާނުގައި މާދަމާ ފަށާ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތް ކަވަރުކުރަން އެ ގައުމަށް ދަތުރުކުރުމުގެ ހުއްދައަށް އެދުނު އިންޑިއާގެ ހުރިހާ ނޫސްވެރިންނަށް ވިސާ ދީފިއެވެ.
މިއީ ޒަމާން ތަކަކަށް ފަހު އިންޑިޔާ އަށް ޕާކިސްތާނުގެ ނޫސްވެރިން އަންނަ ފުރަތަމަ ފަހަރެވެ. ޕާކިސްތާނުގެ ކްރިކެޓް ބޯޑުން ބުނީ އިންޑިޔާގެ ނޫސްވެރިންނަށް މުބާރާތް ކަވަރު ކުރުމަށް އެއްވެސް ދައްޗެއް ނޯންނާނެ ކަމަށެވެ. އަށް ގައުމު ވާދަ ކުރާ މުބާރާތް ކަވަރު ކުރަން ޕާކިސްތާނަށް ދިއުމަށް އެދުނީ އިންޑިޔާގެ ހަތް ނޫސްވެރިއެކެވެ.
އިންޑިޔާގެ ނޫސްވެރިން ޕާކިސްތާނަށް އެތެރެވާން ވިސާ ހޯދި އިރު އިންޑިޔާ ސަރުކާރުން ނިންމާފައިވަނީ އެ ގައުމުގެ ގައުމީ ޓީމު ޕާކިސްތާނަށް ނުފޮނުވާށެވެ. މިހެންވެ އިންޑިޔާގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖައްސާފައިވަނީ ދުބާއީގަ އެވެ. މީގެ ތެރޭގައި މި މަހުގެ 23 ވަނަ ދުވަހު ޕާކިސްތާނާއެކު ކުޅޭ މެޗު ވެސް ހިމެނެ އެވެ.
މުބާރާތް ހުޅުވުމުގެ ގޮތުން މާދަމާ ކުޅޭނީ ޕާކިސްތާނާއި ނިއުޒީލޭންޑެވެ. މި ދެ ގައުމު ވަނީ މުބާރާތަށް ތައްޔާރުވުމަށް ޕާކިސްތާނުގައި ތިން ގައުމެއް ވެގެން ބޭއްވި މުބާރާތުގެ ފައިނަލްގައި ވެސް ކުޅެފަ އެވެ. އެ މެޗު ނިއުޒީލޭންޑް ކާމިޔާބު ކުރުމުން ޕާކިސްތާނުގެ އާއްމުންގެ ނުރުހުން ޓީމަށް ވަނީ ކުރިމަތިވެފަ އެވެ.
އިންޑިޔާގެ ނޫސްވެރިންނަށް ޕާކިސްތާނަށް ދިއުމުގެ ހުއްދަ ދީފައިވާއިރު މީގެ ކުރިން އިންޑިޔާގައި ކުޅުނު މުބާރާތްތަކަށް ޕާކިސްތާނުގެ ނޫސްވެރިންނާއި ކުޅުންތެރިންނާއި އޮފިޝަލުން އެތެރެވުމުގައި ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. މި ގޮތުން އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ޕާކިސްތާނުގެ ފުޓްބޯޅަ ޓީމަށް އިންޑިޔާ އަށް އެތެރެވެވމުގެ ހުއްދަ ލިބުނީ މެޗު ކުޅެން އޮތް ވަގުތު ހަ ގަޑިއިރަށް ކުޑަތަންވި ފަހުންނެވެ.
މި މަހުގެ 19 އިން އަންނަ މާޗު މަހުގެ 9 އަށް ޕާކިސްތާނުގައި ބާއްވާ މުބާރާތުގައި ކުޅޭނީ އަށް ގައުމެވެ. ގްރޫޕް އޭ ގައި ހިމެނެނީ އިންޑިޔާ އާއި މުބާރާތް ބާއްވާ ޕާކިސްތާނާއި ބަނގްލަދޭޝް އާއި ނިއުޒީލޭންޑެވެ. ގްރޫޕް ބީގައި ހިމެނެނީ އޮސްޓްރޭލިޔާ އާއި ދެކުނު އެފްރިކާ އާއި އަފްގާނިސްތާނާއި އިންގްލޭންޑެވެ.