2028ވަނަ އަހަރުން ފެށިގެން ދަރަނިތައް ޢަދާކުރުމަށް ފައިސާ ދައްކަން ފަށާނެ ކަމަށާއި ކުރިއަށް އޮތް އަހަރަށް ހުށަހަޅާ ބަޖެޓަކީ އިޤްތިޞާދަށް ހެޔޮ ބަދަލު ގެނެސްދޭނެ ބަޖެޓެއް ކަމަށް ސްރީ ލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ވިދާޅުވެއްޖެއެވެ.
2022ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ސްރީ ލަންކާ ވަނީ އިޤްތިޞާދީ އަނދަވަޅަކަށް ވެއްޓިފައެވެ. ދަރަނި ގިނަވެ ދައުލަތުގެ ރިޒާވްގައި ހުރި ފައިސާގެ ޢަދަދު ދަށްެވުމުން ލޯނު ޢަދާ ނުކުރެވޭ ވަރަށް އެ ޤައުމުގެ ޙާލަތު ގޯސްވެ އެ ޤައުމަށް ޖެހުނީ އިޤްތިޞާދީ ކާރިޘާއަކާ ކުރިމަތިލާށެވެ. 22 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސްރީ ލަންކާއަށް ބޭރު ޤައުމުތަކުން އެތެރެ ކުރާ ޒަރޫރީ ސާމާނުކަމުގައިވާ ތެލާއި ބޭހާއި ގޭހަށް ވެސް ފައިސާ ނުދެއްކޭ ވަރަށް ޤައުމުގެ ޙާލަތު ގޯސްވިއެވެ. ޤައުމުގެ ޙާލަތާމެދު ހިތްހަމަނުޖެހި ޢާންމުން މުޒާހަރާ ކުރަން ފެށުމުން އޭރުގެ ރައީސް ގޮތަބަޔަ ރާޖަޕަކްސައަށް ޖެހިވަޑައިގަތީ ފިއްލަވާށެވެ. އޭނާ ފަހުން ވަނީ ރައީސްގެ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.
މިދިޔަ އަހަރުގެ ތެރޭގައި ސްރީ ލަންކާގެ ރައީސްގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި ދިސާނަޔަކަގެ އިސްތަށިފުޅުގައި އެޅިފައިވާ އެންމެ ބޮޑު ޒިންމާއަކީ ޤައުމުގެ މާލީ ޙާަލަތު ރަނގަޅު ކުރުމެެވެ. އަލަށް ހުށަހަޅާފައިވާ ބަޖެޓަކީ މާލީ ވަޒީރުގެ މަޤާމު ވެސް ޢަދާ ކުރައްވާ ދިސާނަޔަކަ ޤައުމު އަލުން ކޮޅަށް ޖެއްސެވުމަށް ކުރައްވާ މަސައްކަތުގެ އެންމެ މުހިންމު އެއް ބައެވެ.
ސްރީ ލަންކާގެ ޤާނޫނުހަދާ މަޖިލީހާ މުޚާތަބުކޮށް ދެއްވި ހިޠާބެއްގައި ރައީސް ދިސާނަޔަކަ ވަނީ ކުރިއަށް އޮތް މާލީ އަހަރަށް ސްރީ ލަންކާގެ ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ތިން ގަޑިއިރަށް ދެމިގެންދިޔަ ހިޠާބުގައި ރައީސް ދިސާނަޔަކަ ވިދާޅުވީ ސްރީ ލަންކާގެ މާލީ ޙާލަތު ރަނގަޅު ކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު, އައިއެމްއެފުން އެހީގެ ގޮތުގައި. 2.9 ބިލިޔަން އެމެރިކާ ޑޮލަރު ދެމުން ކުރި ޝަރުތުތަކާ އެއްގޮތަށް ހެޔޮ ބަދަލުތައް ގެންނަވާނެ ކަމަށެވެ. މި އަހަރުގެ ތެރޭގައި ސްރީ ލަންކާގެ އިޤްތިޞާދު ފަސް އިންސައްތައަށް ކުރި އަރާނެ ކަމަށް ލަފާ ކުރައްވާ ކަމަށާއި މެދު ރާސްތާގައި ވެސް އެ ޢަދަދު ދެމެހެއްޓޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން ތަކެތީގެ އަގުތައް ބޮޑުވިޔަ ނުދީ އެއް ހަމައެއްގައި ހިފަހައްޓާ ފައިސާ ބަދަލުކުރާ ރޭޓުތައް ވެސް އެއް ހަމައެއްގައި ބެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
2023ވަނަ އަަހަރުގެ މާރިޗު މަހުގެ ތެރޭގައި އައިއެމްއެފްގެ އެހީތެރިކަން ލިބުމާއެކު ސްރީ ލަންކާގެ އިޤްތިޞާދަށް ހެޔޮ ބަދަލުތައް އަންނަން ފެށީ ވަނީ އަންދާޒާ ކުރެވުނު ވަރަށް ވުރެ ހަލުވި ކޮށެވެ. 2022ވަނަ އަހަރު ނިމުނު އިރު އެ ޤައުމުގެ ރިޒާވްގައި ހުރީ އެންމެ 1.9 ބިލިޔަން ޑޮލަރެވެ. ނަމަވެސް އެ ޤައުމުގެ ރިޒާވްގައި މި ވަގުތު 6 ބިލިޔަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ. އެއީ ކުރިއަށް އޮތް ހަތަރު މަސް ދުވަހު އެ ޤައުމަށް ކޮންމެހެން ބޭނުންވާ މުދާ ހޯދުމަށް ފުދޭ ޢަދަދެކެވެ.
ރައީސް ވިދާޅުވީ ޒަމާނީ ދުނިޔެއާ އެއް ހަމަ ކުރުމަށް ސްރީ ލަންކާއަށް މިހާރު ލިބިފައިވާ ފުރުޞަތާ އެއްވަރުގެ ފުރުޞަތެއް މީގެ ކުރިން ލިބިފައި ނުވާ ކަމަށެވެ. އިޤްތިޞާދީ ކާރިޘާތަކާ ކުރިމަތިވުމުން އެހެން ޤައުމުތަކުން އެ ޙާލަތުން އަރައިނުގަނެވި އެތައް އަހަރެއް ހޭދަ ކުރާ ކަމަށް ފާހަގަ ކުރައްވަމުން ދިސާނަޔަކަ ވިދާޅުވީ ސްރީ ލަންކާގެ ޙާލަތު ތަފާތު ކަމަށާއި އެ ޤައުމުން ކުރިއެރުންތައް ހޯދަމުންދާ މިންވަރު ނިސްބަތުން އަވަސް ކަމަށެވެ. އެ ޤައުުމުގެ ޙާލަތު ކޮންމެވެސް ވަރަކަށް ރަނގަޅު ވެފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ރައީސް ދިސާނަޔަކަ އިތުރަށް ވިދާޅުވީ އައިއެމްއެފްގެ ލަފަޔާ އެއްގޮތަށް އުފެއްދުންތެރިކަމުގެ ނިސްބަތުގެ 2.3 އިންސައްތަ އިތުރު ޢަދަދެއް ޕްރައިމަރީ އެކައުންޓުގައި ދަމަހައްޓާނެ ކަމަށެވެ. އޭގެ އިތުރުން ދައްކަންޖެހޭ އެންމެހާ ދަރަނިތައް ދައްކާ ޚަލާސްކުރާނެ ކަން ސަރުކާރުން ޔަޤީން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއާއެކު ޤައުމުގައި ފަޤީރުކަމުގެ ނިޞްބަތް މަދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އައު ބަޖެޓު އެކުލަވާލާފައި ވަނީ ވަކި އުސޫލެއްގެ ދަށުން ކަންކަން ހިންގުމުގެ ނިޔަތުގައި ކަމަށާއި ބަޖެޓު ބިނާ ކޮށްފައި ވާނީ އިޤްތިޞާދީ ތަސައްވުރާއި ލިބިފައިވާ އިރުޝާދުތަކުގެ މައްޗަށް ކަމަށް ރައީސް ދިސާނަޔަކަ ވަނީ ވިދާޅުވެފައެވެ. ޤައުމުގެ އިޤްތިޞާދު ހަމައަކަށް އުޅުވުމަށް އައިއެމްއެފުން ދެމުންދާ އެހީތެރިކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އައިއެމްއެފުން އެހީތެރިކަން ދިން ނަމަވެސް ޤައުމުގެ މާލީ ކަންކަން ފަރުމާ ކުރުމުގެ މިނިވަންކަން ޤައުމަށް ވެސް ލިބެންޖެހޭ ކަމަށެވެ. ސްރީ ލަންކާއިން ބޭރުކުރާ މުދަލުގެ މިންވަރު އިތުރު ކުރުމުގެ ގޮތުން މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް އެ ޤައުމުން ފުޅާ ކުރާނެ ކަމަށާއި މުހިންމު ސިނާޢަތްތަކަށް އިންވެސްޓު ކުރުމަށް އިސްކަން ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.