ޚަބަރު

ރަޝިޔާއިން ދިން ޑްރޯން ޙަމަލާއާ އެކު ޔޫކްރެއިންގެ އެތައް ހާސް މީހުން ކަރަންޓް ނެތި، ގަދަފިނީގައި


ޔޫކްރެއިނުގެ ދެކުނުގައި ހުންނަ މައި އިންޖީނުގެއަކަށް ރަޝިޔާއިން ޑްރޯން ޙަމަލާއެއް ދިނުމުގެ ސަބަބުން، 50،000 މީހުންނަށް ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ ކަމަށް ޔޫކްރެއިނުގެ ސަރުކާރުން ބުނެފިއެވެ.

ޔޫކްރެއިނުގެ ދެކުނުގައި އޮންނަ މައިކޮލައިވްގެ މައި އިންޖީނުގެއަކަށް ރަޝިޔާއިން ޙަމަލާދީފައި ވަނީ ފިނަގަދަ މޫސުމުގައެވެ. އެ ޙަމަލާގެ ސަބަބުން 46،000އަށްވުރެ ގިނަ މީހުންނަށް ކަރަންޓުގެ ޙިދުމަތް ވަނީ ކެނޑިފައެވެ.

"މިއީ ގަސްތުގައި، ފިނަގަދަ މޫސުމެއްގައި ހީޓަރުވެސް ޖެއްސޭނެ ގޮތެއް ނެތި، އިންސާނީ ކާރިސާއެއް ކުރިމަތިކުރުވަން ކުރި ކަމެއް،" ޔޫކްރެއިނުގެ ބޮޑުވަޒީރު ޑެނީސް ޝްމީހާލް ވިދާޅުވިއެވެ. މައިކޮލައިވްގައި ފިނިހޫނުމިން ހުރީ މައިނަސް ހަތް ޑިގްރީސް ސެލްސިއަސްގައި ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެއެވެ.

ޔޫކްރެއިނުގެ ރައީސް ވޮލޮޑިމިޔަރ ޒެލެންސްކީ ވިދާޅުވި ގޮތުގައި ކަރަންޓު ކެނޑުމުގެ ސަބަބުން ގަދަފިނީގައި ތިބެންޖެހިފައިވާ މީހުން އަދަދު 100،000އަށް ވުރެ މަތިވާނެ ކަމަށެވެ. ޒެލެންސްކީ ވިދާޅުވި ގޮތުގައި ހަނގުރާމައާ އެއްވެސް ގުޅުމެއް ނެތް ޢާންމުންނަށް އަސާސީ ޚިދުމަތްދޭ ތަނަކަށް ދިން ޙަމަލާއިން ރަޝިޔާގެ ރަހުމްކުޑަކަން އިތުރަށް ހާމަވެގެންދެއެވެ.

“މިއީ ރަޝިޔާއިން ސީދާ އަޅުގަނޑުމެންގެ ރައްޔިތުންނާ ދެކޮޅަށް އަދި ޔޫކްރެއިނުގައި ދިރިއުޅުމުގެ ޙައްޤާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ކަމުގެ އިތުރު ސާފު ދަލީލެއް،" އޭނާ ވިދާޅުވިއެވެ. ޒެލެންސްކީ ވިދާޅުވީ އެ ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދިނުމަށްޓަކައި މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރެއިން ފެށިގެން ރަޝިޔާއިން ވަނީ ޔޫކްރެއިނަށް އަމާޒުކޮށް 143 ޑްރޯން ޙަމަލާ ފޮނުވާލައިފައެވެ. ނަމަވެސް އޭގެ ތެރެއިން 95 ޑްރޯން ޙަމަލާ ހުއްޓުވި ކަމަށް ޔޫކްރެއިނުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ. އެ ޙަމަލާތަކުގައި ޢާންމުންގެ ތެރެއިން މީހަކު ވަނީ ޒަޚަމްވެފައެވެ.

2022ވަނަ އަހަރު ރަޝިޔާގެ ރައީސް ވްލަޑްމީރް ޕުޓިން ވަނީ ޔޫކްރެއިންގައި ދިރިއުޅޭ ރަޝިޔާ ބަހުން ވާހަކަ ދައްކާ މީހުންގެ ދިފާޢުގައި ހިންގާ ޚާއްޞަ އަސްކަރީ ޙަރަކާތެއް ކަމަށް ވިދާޅުވެ އެ ޤައުމުގެ އަސްކަރީ ފައުޖު ޔޫކްރެއިނަށް ފޮނުއްވާފައެވެ. އޭގެ އިތުރުން ނޭޓޯގެ މެންބަރު ޤައުމަކަށް ވުމަށް ޔޫކްރެއިނުން ކުރަމުންދާ މަސައްކަތަކީ ރަޝިޔާއަށް އޮތް ނުރައްކަލެއް ކަމަށް ވެސް ޕުޓިން ދިޔައީ ވިދާޅުވަމުންނެވެ.

ހަނގުރާމައަށް ތިން އަހަރު ފުރެން ގާތްވެފައިވާއިރު، ހަނގުރާމަ ނިމުމަކަށް ގެނެސް ޞުލްޙަ ޤާއިމުކުރަން އެމެރިކާއާއި ވިލާތުގެ ބޮޑެތި ޤައުމުތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް، ޔޫކްރެއިނާ މަޝްވަރާނުކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކުއްލި ގޮތަކަށް ޕުޓިންއަށް ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވުމުން، މަސްރަޙް ވަނީ އިތުރަށް ހޫނުވެފައެވެ.

ޓްރަމްޕް ވަނީ ޔޫކްރެއިން-ރަޝިޔާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބޭނުންފުޅުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ ހަނގުރާމަ ނިމުމަކަށް ގެންނަވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ. ނަމަވެސް އެ ކަން ޙާޞިލް ކުރައްވާނެ ގޮތުގެ ތަފްޞީލެއް ނުދެއްވައެވެ.

ޓްރަމްޕް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމާ ގުޅޭ މަޝްވަރާތައް ކުރުމަށް ޕުޓިންއާ ބައްދަލު ކުރައްވާނެ ކަމަށެެވެ. ނަމަވެސް އެ ފަދަ މަޝްވަރާއެއް ކުރިއަށް ގެންދާނެ ތަނެއް އަދި ވަގުތެއް މިހާތަނަށް އިޢުލާނު ކުރައްވާފައެއް ނުވެއެވެ. ބައްދަލުވުން ބޭއްވުމަށް ރަޝިޔާއިން ބޭނުން ވަނީ ސަޢުދީ ޢަރަބިއްޔާ ނުވަތަ އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ގައި ކަމަށް މަސްދަރުތަކުން ބުނެއެވެ.