ޚަބަރު

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ރޯދައިގެ ކުރިން ޙައްލުކުރެވޭނެ: ފެނަކަ


  • 1.8 މެގަވަޓްގެ އާ ޖެނެރޭޓަރު ސެޓެއް ގެންދިއުމުގެ މަސައްކަތް ވަނީ ފަށާފައި

  • ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް ދަނީ މަސައްކަތްކުރަމުން

އައްޑޫސިޓީ ހިތަދޫއާއި ގުޅިފައިވާ ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ މި ރަމަޟާން މަހަށް ހައްލުކުރެވޭނެކަމުގެ ޔަޤީންކަން ފެނަކަ ކޯޕަރޭޝަނުން ދެއްވައިފިއެވެ. އައްޑޫ ސިޓީގެ ރަށްރަށުން ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވާތާ އަހަރުތަކެއްވަނީ ވެފައެވެ. ނަމަވެސް މިހާތަނަށް ދާއިމީ ޙައްލެއް ނުލިބި އޮތުމަކީ އެ ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.

ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ، އައްޑޫސިޓީ ހިތަދޫއާއި ގުޅިފައިވާ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވަރ ސްޓޭޝާންގައި ބޭނުންކުރަމުންދާ ޖެނެރޭޓަރ ސެޓްތަކުގެ ތެރެއިން 3 ގެނެރޭޓަރަކަށް މައްސަލަ ދިމާވެ، އެ ޖެނެރޭޓަރުތަކުގެ ސެޓް މަރާމާތު ނުކުރެވޭވަރަށް ހަލާކުވެފައިވާކަމަށެވެ. މިކަމުގެ ސަބަބުން އެ ރަށްރަށަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދުމުގައި ދަތިތަކެއް ދިމާވެ، އެކި ވަގުތުތަކުގައި އެކި ސަރައްހައްދުތަކުން ކަރަންޓު ކަނޑަން ޖެހިފައިވާކަމަށާއި، މި މައްސަލަ ހައްލު ކުރުމަށްޓަކައި އެ ކުންފުނިން މަސައްކަތްކުރަމުންދާކަމަށް ފެނެކައިން ވިދާޅުވިއެވެ.

މިގޮތުން، ސްޓެލްކޯއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން 1.8 މެގަވޮޓްގެ އައު ޖެނެރޭޓަރުސެޓެއް ހޯދައި، އައްޑޫ ސިޓީއަށް ފޮނުވުމަށްޓަކައި ލޭންޑިންގ ކްރާފްޓަށް މިހާރު ލޯޑުކޮށްފައިވާކަމަށް ފެނަކައިން ވިދާޅުވިއެވެ.

ފެނަކައިން ވިދާޅުވީ، ހަލާކުވި ޖެނެރޭޓަރުތަކުގެ ތެރެއިން 1 ޖެނެރޭޓަރު މަރާމާތުކޮށް މިހާރު ހިންގާފަށާފައިވާކަމަށެވެ. އަދި ދެވަނަ ޖެނެރޭޓަރު މަރާމާތުކޮށް މި ހަފްތާގެ ނިޔަލަށް ހިންގޭނެކަމަށާއި، ރާއްޖެއިން ބޭރުން ސްޕެއަރ ގެނެސްގެން ތިން ވަނަ ޖަނެރޭޓަރު މަރާމާތުކޮށް، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހިންގަން ފެށޭނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

ރަމަޟާން މަހަކީ ކޮންމެ އަހަރަކުވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރު ވާ މަހަކަށްވާތީ އާއި، އައްޑޫ ސިޓީގައި ތަރައްޤީގެ އެކި އެކި މަޝްރޫއުތައް ކުރިއަށް ދާއިރު، ދުވަހުން ދުވަހަށް ކަރަންޓުގެ ޑިމާންޑް މަތިވަމުން ދާތީ އެކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ފެނަކައިން ދަނީ މަސައްކަތްކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ގެ ޚާއްޞަ އިރުޝާދާއި ލަފާފުޅާއެކު އައްޑޫސިޓީގެ ކަރަންޓަށް ދާއިމީ ހައްލު ހޯދުމަށް މަސައްކަތް ފަށައި، ދޮޅު އަހަރު ތެރޭ ޢަމަލީ މަސައްކަތް ނިންމުމަށް އަމާޒުހިފާފައިވާކަމަށްވެސް ފެނަކައިން ވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް އެ ސިޓީގައި 32 މެގަވޮޓްގެ ޕަވަރ ހައުސްއެއް އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެ މަސައްކަތްވެސް ހުއްޓި ދިގުމުއްދަތެއް އޮތުމަށްފަހު، އެ މަސައްކަތް އަވަސްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިސަރުކާރުން ގެންދަވަނީ އަޅުއްވަމުންނެވެ.