ޚަބަރު

ބައިނަލްއަޤުވާމީ މައިދާނުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ބައިވެރިވުން ކަށަވަރުކުރަންޖެހޭ: ޚާރިޖީ ވަޒީރު


  • ވަޒީރު ވިދާޅުވީ އދ.ގައި ނިންމުންތައް ނިންމުމުގައި ކުދި ޖަޒީރާ ޤައުމުތަކަށް އިސް ދައުރެއް ދޭންޖެހޭކަމަށް

ބައިނަލްއަޤްވާމީ މައިދާނުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ބައިވެރިވުން ކަށަވަރުކުރަންޖެހޭކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ 8 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފެބްރުއަރީ މަހުގެ 16 އިން 17 އަށް އޮމާންގެ ވެރިރަށް މަސްކެޓްގައި ކުރިއަށްދާ 8 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގެ ދެވަނަ ޕްލިނަރީކަމުގައިވާ "އެމްޕްލިފައިންގ ދަ ވޮއިސް އޮފް ގްލޯބަލް ސައުތު" ގައި ޕެނަލިސްޓްއެއްގެ ހައިސިއްޔަތުން ޚާރިޖީ ވަޒީރު ޑރ.އަބްދުﷲ ޚަލީލް ވަނީ ވާހަކަފުޅުދައްކަވާފައެވެ.

ވަޒީރުގެ ތަޤްރީރުގައި، ބައިނަލްއަޤްވާމީ ނިޒާމު އިސްލާހުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގޮވާލެއްވި ގޮވާލުން ވަނީ ތަކުރާރުކުރައްވާފައެވެ. އެގޮތުން ބައިނަލްއަޤްވާމީ ނިޒާމުން ނިންމާ ނިންމުންތައް، ނިންމުމުގައި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް، ވަކިން ޚާއްސަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް، އިސް ދައުރެއް ދިނުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްސަކޮށް އ.ދ. ގެ ސަލާމަތީ މަޖިލީހުގައި ނޮން-ޕާމަނަންޓް ރޮޓޭޓިންގ ސީޓެއް ހަމަޖެއްސުމަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ. އަދި، އެ މަޖިލީހަކީ ޒަމާނަށް ފެތޭ ބައިނަލްއަޤްވާމީ ޤާނޫނު ނެގެހެއްޓޭ މަޖިލީހަކަށް ހެދުމަށްޓަކައި، ވީޓޯ ކުރުމުގެ ބާރު އުވާލާ، ނޮން-ޓްރެޑިޝަނަލް ސަލާމަތީ މައްސަލަތަކާއި، ދުނިޔޭގެ ސަލާމަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް އިސްކަންދިނުމަށް ގޮވާލެއްވިއެވެ.

ހަމައެއާއެކު އިންޑިއާ ކަނޑުގައި ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ލިބިގެންދާ ފުރުސަތުތަކާ ގުޅޭގޮތުންވެސް ވާހަކަފުޅުދެއްކެވިއެވެ. އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި ގާނޫނާ ޚިލާފަށް ކަނޑު މަތީގައި ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އިންޑިއާ ކަނޑުގެ ސަރަހައްދުތަކުގެ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ވަޒީރުވަނީ ގޮވާލައްވާފައެވެ. މީގެއިތުރުން ސައުތު-ސައުތު ކޯޕަރޭޝަން އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

ޚާރިޖީ ވަޒީރާއެކު މިޕެނަލްގައި ބައިވެރިވެވަޑައިގެންނެވީ ނޭޕާލްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަރްޒޫ ރަނާ ޑިއުބާ، ސީޝެލްސްގެ މިނިސްޓަރ އޮފް އިންޓަރނަލް އެފެއާޒް އެރޯލް ފޮންސެކާ، ބްރުނައި ދާރުއްސަލަމްގެ ސެކަންޑް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް ދަތޯ އެރުވަން ޕެން ޔޫސުފް އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސްގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު އަލީ އަލް ޞާޔިގް އެވެ. އަދި، މި ޕެނަލް މޮޑަރޭޓް ކޮށްދެއްވީ އިންޑިއާގެ ކުރީގެ ޔޫނިއަން މިނިސްޓަރ ސުރޭޝް ޕްރަބޫއެވެ.

2016 ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ މި ކޮންފަރެންސްއަކީ އިންޑިއާ ކަނޑުގެ ޤައުމުތަކުގެ އެންމެ އިސްވެރިންނާއި، އިސް އޮފިޝަލުންނާއި، ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ ފަރާތްތަކާއި، ސްކޮލާސް އަދި ތަޖުރިބާކާރުންގެ ބައިވެރިވުން ހިމެނޭހެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ބައްދަލުވުމެކެވެ. މިހާރު ކުރިއަށްދާ 8 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގެ ޝިޢާރަކީ "ވޮޔޭޖް ޓު ނިއު ހޮރައިޒަންސް އޮފް މެރިޓައިމް ޕާޓްނަރޝިޕް" އެވެ.