ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ކުރަމުންދާ މަޝްވަރާތަކުގައި ވިލާތުގެ ޤައުމުތައް ބައިވެރި ނުކުރާނެ ކަން އެމެރިކާއިން ހާމަކޮށްފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ޔޫކްރެއިނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ކީތު ކެލޯގް މި ކަން ހާމަ ކުރައްވާފައި ވަނީ ޖަރުމަނުވިލާތުގެ މިޔުނިކްގައި ކުރިއަށްދާ މިޔުނިކް ސެކިޔުރިޓީ ކޮންފެރެންސް (އެމްއެސްސީ)ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ސުލްޙައިގެ މަޝްވަރާތައް ފަށާފައިވާ ކަން ޓްރަމްޕް ދާދި ފަހުން ވަނީ އިޢުލާނު ކުރައްވާފައެވެ. މި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވުމަށް ޓްރަމްޕް ދާދި ފަހުން ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއަށް ފޯނުން ގުޅުއްވާފައެވެ. އޭނާ ޕުޓިންއާ އެކު މަޝްވަރާ ކުރައްވާފައި ވަނީ، ވިލާތުގެ ޤައުމުތަކުގެ އިތުރުން ޔޫކްރެއިނަށް ވެސް އެންގެވުމަކާ ނުލައެވެ. މިއީ، ވިލާތުގެ ޤައުމުތަކަށް ހައިރާން ކަން ގެނުވި އަމަލެކެވެ.
ޔޫކްރެއިން ސުލްޙައިގެ މަޝްވަރާތައް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ފެށުމަށް ހަމަޖެހިފައިވާ ކަން އެމެރިކާގެ މަޞްދަރުތަކުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް، އެމެރިކާގެ ޚާރިޖީ ވުޒާރާއިން މި ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ. އެ މަޝްވަރާތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވިލާތުގެ ޤައުމުތަކަށް ނުދޭނެ ކަން އެމެރިކާއިން ހާމަކޮށްފައިވީ ނަމަވެސް، އެމެރިކާއިން ވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ފަހު، ޔޫކްރެއިންގެ ދިފާޢު ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވިލާތުގެ ޤައުމުތަކުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމުގައި ބުނެފައެވެ. އަދި، އެ މޭރުމުން ކޮށްދެވޭނެ ކަންކަމަކީ ކޮބައިކަން ސާފުކޮށްދިނުމަށް އެދި އެމެރިކާއިން ވަނީ ވިލާތުގެ ޤައުމުތަކުގެ ސަރުކާރުތަކުގެ ކިބައިން އެދިފައެވެ.
އެމެރިކާއިން ޤަބޫލު ކުރާ ގޮތުގައި، ވިލާތުގެ ޤައުމުތަކުގެ އިތުރުން އެ ސަރަޙައްދުގެ ދިފާޢީ ކަންކަން ކަށަވަރު ކުރުމުގެ ޒިންމާ އުފުލަން ޖެހޭނީ ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ންނެވެ. އަދި، އެ ކަމުގައި އެމެރިކާގެ ބައިވެރިވުން ކުޑަވާނެ ކަމުގައި ވެސް ޓްރަމްޕްގެ ސަރުކާރުން ވަނީ ސާފުކޮށްދީފައެވެ. އެމެރިކާއިން ބުނީ، އެ ޤައުމުން އިސްކަންދޭން ޖެހޭ މުހިންމު އެހެން ކަންކަން ހުރި ކަމުގައެވެ. އޭގެ ތެރޭގައި، އެ ޤައުމުގެ ސަރަޙައްދީ ރޮނގުތައް ބެލެހެއްޓުން ހަރުދަނާ ކުރުމާއި، ބާރާއި ނުފޫޒު ގަދަ ކުރުމަށް ޗައިނާއިން ހިންގަމުންދާ އަމަލުތަކަށް ރައްދު ދިނުން ހިމެނެއެވެ.
އެމްއެސްސީގައި ވާހަކަފުޅު ދައްކަވަމުން ކެލޯގް ވިދާޅުވީ ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނެސް، ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް ކުރަމުންދާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާނީ އެ ޤައުމުން އެކަނި ކަމުގައެވެ. މި ކަމުގައި ބައިވެރިވުމުގެ ފުރުޞަތު ވިލާތުގެ ޤައުމުތަކަށް ނޯންނާނެ ކަން އެމެރިކާއިން ހާމަކުރުމަކީ އެ ޤައުމުތަކުން ކަންބޮޑުވާ މައްސަަލައެކެވެ. ޚާއްޞަ ގޮތެއްގައި، ރަޝިޔާއަށް ފައިދާކުރަނިވި ގޮތަކަށް ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަކީ ވިލާތުގެ ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށް އޮތް ހުރަހެއްގެ އެ ޤައުމުތަކުން ޤަބޫލު ކުރެއެވެ.
"އަޅުގަނޑަކީ ކަމުގެ ޙަޤީޤަތަށް ވިސްނުމުގެ މަދަރުސާއިން ދަރިވަރުވި މީހެއް. އެ ކަން ކުރެވޭނެ ކަމަށް އަޅުގަނޑު ޤަބޫލެއް ނުކުރަން،" ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވިލާތުގެ ޤައުމުތަކަށް ދޭނަންތޯ ސުވާލު ކުރުމުން ކެލޯގް ވިދާޅުވިއެވެ. ނަމަވެސް، އެއްވެސް އެއްބަސްވުމެއް އެކުލަވައިލުމުގެ ކުރިން ވިލާތުގެ ޤައުމުތަކުގެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރާނެ ކަމުގައި އޭނާ ފަހުން ވިދާޅުވިއެވެ.
ނަމަވެސް، ވިލާތުގެ ޤައުމުތަކުން ބުނީ ސުލްޙައިގެ މަޝްވަރާތަކުން އެ ޤައުމުތައް ބާކީކުރުން ބަލައިނުގަނެވޭނެ ކަމުގައެވެ. "ޔޫކްރެއިންގެ ކުރިމަގާއި، ވިލާތުގެ [ޤައުމުތަކުގެ] ދިފާޢީ ނިޒާމާ ގުޅޭ އެއްވެސް މަޝްވަރާއެއް ޔޫކްރެއިނާއި ވިލާތުގެ [ޤައުމުތަކުގެ] ބައިވެރިވުމާ ނުލައި ބޭއްވުމުގެ އެއްވެސް ފުރުޞަތެއް ނޯންނާނެ. މީގެ [އެމެރިކާގެ ނިންމުމުގެ] މާނައަކީ ވިލާތުގެ ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރަން ޖެހެއޭ. ވިލާތުން ވާހަކަތައް ގިނަ ނުކޮށް އަމަލު ކުރުން އިތުރު ކުރަން ޖެހޭ،" އެމެރިކާގެ ނިންމުމަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ފިންލެންޑުގެ ރައީސް އަލެކްސާންތެރީ ސްޓޫބް ވިދާޅުވިއެވެ.
ވިލާތުގެ ޚާރިޖީ ދާއިރާގެ މަޞްދަރަކުން ބުނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމަށް ފަހު އެ ސަރަޙައްދުގެ ދިފާޢީ އަދި ސަލާމަތީ ކަންކަން އިންތިޒާމު ކުރެވޭނެ ގޮތްތަކާއި، އެ ކަމުގައި ވިލާތުގެ ޤައުމުތަކުން ބައިވެރިވާނެ މިންވަރު ސާފު ކުރުމަށް އެދި އެމެރިކާއިން ހުށަހަޅާފައިވާ ކަމުގައެވެ. އަދި، އޭގެ ތެރެއިން އެއް ސުވާލަކީ، އެ ސަރަޙައްދުގެ ދިފާޢީ އަދި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށް ވިލާތުގެ ޤައުމުތަކުން ފޯރުކޮށްދޭނެ ސިފައިންގެ އަދަދު ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ.
އެމެރިކާގެ ނިންމުމާ ގުޅިގެން، އެ ކަމަށް ރައްދު ދޭނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށް ފަރަންސޭސިވިލާތުން ވަނީ ވިލާތުގެ ޤައުމުތަކަށް ހުށަހަޅާފައެވެ. ފަރަންސޭސިވިލާތުގެ ރިޔާސީ ގަނޑުވަރުން ބުނީ، އެ މަޝްވަރާތަކުގައި ޔޫކްރެއިންގެ ކުރިމަގާ މެދު މަޝްވަރާ ކުރުމަށް ވެސް އެ ޤައުމުން ހުށަހަޅާފައިވާނެ ކަމުގައެވެ. މި ބައްދަލުވުން ފެބުރުވަރީ 17ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަން ޕޮލެންޑުން ހާމަކޮށްފައިވާއިރު، ނޭޓޯގެ ވެރިޔާ މާކް ރުތޭ ވެސް ވަނީ ވިލާތުގެ ޤައުމުތަކުން އެކަތިގަނޑަކަށްވެ، ގުޅިގެން މަސައްކަތް ކުރަން ޖެހިފައިވާ ކަން ހާމަކުރައްވާފައެވެ.
އެމެރިކާގެ މަޞްދަރުތަކުން ބުނީ، ޔޫކްރެއިން ސުލްޙައިގެ މަޝްވަރާތައް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރިޔާޟުގައި ފެށިގެންދާނެ ކަމުގައެވެ. މަޝްވަރާތަކުގެ ފުރަތަމަ މަރުޙަލާގައި ބައްދަލުވުންތައް ކުރިއަށްދާނީ އެމެރިކާއާއި ރަޝިޔާއާ ދެމެދުގައެވެ. އެމްއެސްސީގެ ހަވާސާގައި ވާހަކަފުޅު ދައްކަވަމުން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ، ރިޔާޟުގައި ބާއްވާ މަޝްވަރާތަކުގައި ބައިވެރިވުމުގެ ދަޢުވަތު އެމެރިކާއިން އެ ޤައުމަށް އަރުވާފައި ނުވާ ކަމުގައެވެ. އަދި، ޔޫކްރެއިންގެ މަދަދުގާރުންނާއި ބައިވެރިންނާ މަޝްވަރާ ނުކޮށް ރަޝިޔާއާ އެކު ސުލްޙައިގެ މަޝްވަރާތަކުގައި ބައިވެރިވުމަށް އޭނާ ވަނީ އިންކާރު ކުރައްވާފައެވެ.
އެމެރިކާގެ ޤާނޫ ހަދާ މަޖިލީހުގައި ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީ ތަމްސީލު ކުރައްވާ މައިކަލް މެކްކޯލް ވިދާޅުވީ، ރިޔާޟުގައި ބާއްވާ ބައްދަލުވުމުގައި އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯއާއި، ޤައުމީ ސަލާމަތާ ބެހޭ މުޝީރު މައިކް ވޮލްޓްޒްގެ އިތުރުން ވައިޓްހައުސުން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ސްޓީވް ވިޓްކޮފް ބައިވެރިވެ ވަޑައިގަންނަވާނެ ކަމުގައެވެ. އެ މަޝްވަރާތަކުގައި ރަޝިޔާ ތަމްސީލު ކުރައްވާނެ ބޭފުޅުން ސާފެއް ނޫނެވެ. މެކްކޯލް ވިދާޅުވީ، ރިޔާޟުގައި ބާއްވާ މަޝްވަރާތަކުގެ މައިގަނޑު މަޤުޞަދަކީ، ޓްރަމްޕާއި ޕުޓިންގެ އިތުރުން ޒެލެންސްކީއާ ދެމެދު ބައްދަލުވުމެއް އިންތިޒާމު ކުރުން ކަމުގައެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ވީ އެންމެ އަވަހަކަށް ހުއްޓުމަކަށް ގެނައުމީ ޖަނަވަރީ 20ވަނަ ދުވަހު އެމެރިކާގެ ރައީސް ކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގެންނެވި ޓްރަމްޕްގެ މުހިންމު ވަޢުދެކެވެ. ޕުޓިންއާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދެއްކެވުމަށް ފަހު، ޓްރަމްޕް ވަނީ ޒެލެންސްކީއާ ވެސް ފޯނުން ގުޅުއްވައި، ސުލްޙައިގެ މަޝްވަރާތައް ވިލަރެސް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. މި ކަމުގައި ވިލާތުގެ ޤައުމުތަކުގެ ބައިވެރިވުން ނެތުމަކީ އެ ޤައުމުތަކުން އިންތިހާއަށް ކަންބޮޑުވާ މައްސަލައެކެވެ.