ޚަބަރު

އީރާނުގެ މަތިންދާބޯޓަކަށް ހުރަސް އެޅުމުން ބައިރޫތުގައި ހަމަނުޖެހުންތަކެއް ހިނގައިފި


ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއަށް ތާޢީދު ކުރާ ޢާންމު މެންބަރުން ވެރިރަށް ބައިރޫތުގެ މަގުތަކުގައި ކުރަމުން ދިޔަ ސުލްޙަވެރި މުޒާހަރާއެއް ހުއްޓުވުމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބާރުގެ ބޭނުން ކޮށްފިއެވެ. ޙިޒްބުاللهއަށް ތާޢީދު ކުރާ މެންބަރުން ބައިރޫތުގައި ހުންނަ މައި ވައިގެ ބަނދަރު ކައިރީގައި މުޒާހަރާ ކުރަން ފަށާފައި ވަނީ، އީރާނުން ބައިރޫތަށް ދަތުރު ކުރުމަށް ހަމަޖެހިފައި އޮތް މަތިންދާބޯޓަކަށް ހުރަސް އެޅުމާ ގުޅިގެންނެވެ.

މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް އަސްކަރިއްޔާއިން ވަނީ ކަރުނަ ގޭސް ފަދަ ހަތިޔާރު ބޭނުން ކޮށްފައެވެ. އީރާނުން ބައިރޫތަށް ދަތުރު ކުރުމަށް ހަމަޖެހިފައި އޮތް ފަސިންޖަރުން އުފުލާ މަތިންދާބޯޓަށް ލުބްނާންގެ އިދާރާތަކުން ހުރަސް އަޅާފައި ވަނީ، ފަސިންޖަރުން އުފުލާ މަތިންދާބޯޓުތައް މެދުވެރިކޮށް އީރާނުން ލުބްނާނަށް ހަތިޔާރު އެތެރެ ކުރަމުންދާ ކަމަށް ޒަޔަނިސްޓު އިސްރާއީލުން ތުހުމަތު ކުރުމާ ގުޅިގެންނެވެ.

މުޒާހަރާތައް ހުއްޓުވުމަށް ލުބްނާންގެ އަސްކަރިއްޔާއިން ބާރުގެ ބޭނުން ކުރުމާ ގުޅިގެން ޙިޒްބުاللهން ވަނީ އެ ކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، ޢާންމު ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުން ކޮށްފައިވާ ސިފައިންނާ މެދު ފިޔަވަޅު އެޅުމަށް އެ ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމުގައިވާ ޙަސަން ފަޟުލިالله ވަނީ ގޮވައިލައްވާފައެވެ. އޭނާއަކީ، ލުބްނާންގެ ޤާނޫނު ހަދާ މަޖިލީހުގައި ޙިޒްބުالله ތަމްސީލު ކުރައްވާ މެންބަރެކެވެ.

ލުބްނާންގެ ސަރުކާރާއި އަސްކަރިއްޔާއިން "ސުލްޙަވެރިކަމާ އެކު މުޒާހަރާ ކުރަމުން ދިޔަ ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރުމުގެ ބަދަލުގައި އިސްރާއީލުގެ ދުޝްމަނުން ބޭނުންހާ ގޮތަކަށް އަމަލު ކުރުމުގެ ފުރުޞަތު ދިނުން ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން އިސްކަން ދިނުން މާ މުހިންމު،" ކަމުގައި ފަޟްލިالله ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން އީރާނުން ވެސް ވަނީ ލުބްނާނާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފައެވެ. އަދި، އީރާނުގައި ތާށިވެފައި ތިބި ލުބްނާންގެ ރައްޔިތުންތަކެއް އަނބުރާ ޤައުމަށް ގެންދިޔުމަށް ހަމަޖެހިފައި އޮތް މަތިންދާބޯޓުތަކެއް ހުއްޓުވާފައެވެ. އީރާނުން ބުނީ، އެ މަތިންދާބޯޓުތައް ހުއްޓުވާފައި ވަނީ ޔަހޫދީ ފައުޖުން އެ އުޅަނދުތަކަށް ޙަމަލާ ދިނުމަށް ރާވަމުންދާ ކަމުގެ ޖާސޫސީ މަޢުލޫމާތާ ގުޅިގެން ކަމުގައެވެ.

ލުބްނާނާއި އީރާނާ ދެމެދު އުފެދިފައިވާ ދެބަސްވުން ޙައްލު ކުރުމަށް ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ވަނީ މަސައްކަތް ފަށްޓަވާފައެވެ. މި ގޮތުން، އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވަނީ ލުބްނާންގެ ޚާރިޖީ ވަޒީރަށް ފޯނުން ގުޅުއްވައި މަޝްވަރާތައް ބާއްވަވާފައެވެ. އޭނާ ވިދާޅުވީ، ދެ ޤައުމުުގެ ދެމެދުގައި އުފެދިފައި އޮތް ޚިޔާލު ތަފާތުވުންތައް ޙައްލު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އީރާނުން ތައްޔާރަށް އޮތް ކަމުގައެވެ.

ޔުނިފިލްގެ ސިފައިންނަށް ޙަމަލާ ދިނުން

މި ހާދިސާއާ ގުޅިގެން މަސްރަޙު ހޫނުވެފައިވާ މި ދަނޑިވަޅުގައި، ލުބްނާންގައި ހަރަކާތްތެރިވާ އދގެ ސުލްޙަ ބަލަހައްޓާ ފައުޖު (ޔުނިފިލް)ގެ އިސް އޮފިޝަލަކަށް އަމާޒުކޮށް ޙަމަލާތަކެއް ވަނީ ދީފައެވެ. ޔުނިފިލުން ބުނީ، އެ ފައުުޖުގެ ކޮމާންޑަރުގެ ނައިބު ދަތުރު ކުރަމުން ދިޔަ އުޅަނދަށް ދިން ޙަމަލާގައި އޭނާއަށް ޒަޚަމުތަކެއް ލިބުނު ކަމުގައެވެ. އަދި، ޙަމަލާއާ ގުޅޭ މިނިވަން އަދި ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް ލުބްނާންގެ ކަމާ ގުޅޭ އިދާރާތަކަށް ގޮވައިލާފައިވާނެ ކަމުގައެވެ.

ލުބްނާންގެ ރައީސް ޔޫސުފް ޢަވްން ވަނީ، ޔުނިފިލްގެ އުޅަނދަށް އަމާޒުކޮށް ދިން ޙަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އަދި، ލުބްނާންގެ ހަމަޖެހުމާއި ސުލްޙަ މަސަލަސް ކަން ނަގައިލުމުގެ އަމަލުތައް ހިންގުމުގެ ފުރުޞަތު ނުދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

މި ހާދިސާއާ ގުޅިގެން ލުބްނާންގެ ދާޚިލީ ވަޒީރު އަޙްމަދު އަލް-ޙައްޖާރު ވަނީ ކުއްލި ބައްދަލުވުމެއް ބާއްވަވާފައެވެ. އަދި، ޔުނިފިލާ ދެކޮޅަށް ހިންގާފައިވާ ކުށުގެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމުގައި ވިދާޅުވެފައެވެ. އޭނާއާ ޙަވާލާދީ އެންއެންއޭން ބުނީ، އެ ޙަމަލާގެ ފުރިހަމަ ތަޙުޤީޤެއް ހިންގައި، އެ ކަމުގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. އެ ޙަމަލާއާ ގުޅިގެން މިހާތަނަށް 25 މީހަކު ހައްޔަރު ކޮށްފައިވާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ.