ތަޢުލީމު

53 ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


ވިލާ ކޮލެޖުން އަންނަ ސެޕްޓެމްބަރުމަހު ފެށުމަށް ހަމަޖެހިފައިވާ 53 ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު އެކޮލެޖުން ހުޅުވާލައިފިއެވެ. 

ސެޕްޓެމްބަރުމަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް އިއުލާން ކުރުމަށް ވިލާ ކޮލެޖްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮލެޖުން ވަނީ، އިންފޮރމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް މެނޭޖްމަންޓް، ޓީޗިން، އެޑިއުކޭޝަން، ޝަރީޢާ އެންޑް ލޯ، ހިއުމަން ރިސޯސަސް، އެކައުންޓިންގ އަދި މެރިން ސްޓަޑީސް ދާއިރާއިން އެއްްހާހަށްވުރެ ގިނަ  ޖާގައަށް ހުޅުވާލާފައެވެ.

މި ކޯސްތަކުގެ ތެރޭގައި ހިމެނޭ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ ބީ.އޭ (އޮނަރސް) އާރލީ ޗަޔަލްޑް ހުޑް، ބީ.އޭ (އޮނަރސް) ޕްރައިމަރީ ޓީޗަރ އެޑިއުކޭޝަން އަދި އެމް.އެސް.ސީ އިންފޮރމޭޝަން ޓެކްނޮލޮޖީ ކޯހަކީ ސެޕްޓެމްބަރުމަހު މުޅީން އަލަށް ފެށުމަށް ހަމަޖެހިފައިވާ 3 ކޯސްކަންވެސް އެކޮލެޖުން ފާހަގަކުރެއްވިއެވެ. 

މިކޯސްތަކާއި ގުޅޭ ގޮތުން އެކޮލެޖްގެ ރެކްޓަރ ޑރ. އަހްމަދު އަންވަރު ވިދާޅުވީ،  އެކޮލެޖުން މަތީތައުލީމުގެ ގިނަ ކޯސްތަކެއް ރާއްޖޭގައި ހިންގަމުންދާކަމަށާއި، ބޭނުންވަނީ ދުނިޔެއިން މަޝްހޫރު ޔުނިވަރސިޓީތަކުގެ ކޯސްތައް ދިވެހި ޒުވާނުންނަށް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށްކަމަށެވެ.

މާލޭގައި ހުންނަ ވިލާ ކޮލެޖުގެ ކިއު.އައި ކެމްޕަހުގެ އިތުރުން އޭދަފުއްޓާއި، ނައިފަރާއި، ފުނަދޫއާއި،  އައްޑޫ އަދި މަހިބަދޫގެ އިތުރުން، އެހެނިހެން  ލާރނިންގ ސެންޓަރުތަކުގައި ވެސް ތަފާތު ކޯސްތައް ކުރިއަށްދާނެކަމަށް ވިލާކޮލެޖުން ބުނެއެވެ. އަންނަ  ސެޕްޓެމްބަރުމަހު ވިލާކޮލެޖުން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އޮގަސްޓްމަހުގެ 7 ވަނަަ ދުވަހުގެ ނިޔަލަށް ކޯސްތަކުގައި ބައިވެރިވުމަށް އެދި ހުށައެޅުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ.