ސްޕެނިޝް ލަލީގާގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ހޯދުމަށް ރެއާލް މެޑްރިޑަށް ލިބުނު ފުރުސަތު އެ ޓީމުން ނަގާލައިފިއެވެ.
އޮސަސޫނާ އާއި ދެކޮޅަށް ރޭ ރަށުން ބޭރުގައި ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާއިރު މެޗުގެ ބާކީ 61 މިނިޓު އެ ޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ރެފްރީ އަށް ނިސްބަތްކޮށް ބޭއަދަބީ ބަސްތައް ބޭނުންކޮށްފައިވާތީ ޖޫޑް ބެލިންހަމް އަށް ދެއްކި ރަތް ކާޑާއިއެކު އޭނާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ.
މިއީ ރެއާލް މެޑްރިޑްގައި ބެލިންހަމް އަށް ދެއްކި ދެވަނަ ރަތް ކާޑެވެ. މީގެ ކުރިން އޭނާއަށް ރަތް ކާޑެއް ދައްކާފައިވަނީ 2024 ވަނަ އަހަރުގެ މާޗު މަހު ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތުގައި ދެއްކި ރަތް ކާޑެކެވެ.
މި މެޗުގެ ނަތީޖާ އެއްވަރުވެފައިވާއިރު ލީގުގައި މިހާތަނަށް ކުޅުނު 24 މެޗުން ލިބިފައިވާ 51 ޕޮއިންޓާއެކު ރެއާލް މެޑްރިޑް އޮތީ ތާވަލުގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް 50 ޕޮއިންޓް ލިބިފައިވާއިރު ބާސެލޯނާ އަށް ލިބިފައިވަނީ 48 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ އެވެ.
މި މެޗުގެ 15 ވަނަ މިނިޓުގައި ރެއާލް މެޑްރިޑްގެ ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ ލީގުގައި އޭނާ ޖެހި 17 ވަނަ ލަނޑެވެ.
އޮސަސޫނާ އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 58 ވަނަ މިނިޓުގައި އެންޓޭ ބުޑިމީރު އަށް އެޑުއާޑޯ ކަމަވިންގާ ފައުލް ކުރުމާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ބުޑިމީރު އެވެ.
މި މެޗަށްފަހު ބެލިންހަމް ވަނީ އޭނާ ރެފްރީ އަށް ނިސްބަތްކޮށް ބޭއަދަބީ ބަސްތައް ގަސްތުގައި ބޭނުންކޮށްފައިނުވާނެ ކަމަށާއި އޭނާ އެފަދަ ގޮތަކަށް ވާހަކަ ދެއްކީ ހިތްހަމަނުޖެހިގެން ކަމަށާއި އަދި ރެފްރީ ގޮތެއް ނިންމާއިރު ރަގަޅަށް ބެލުމަށްފަހު ގޮތެއް ނިންމުމަކީ އެންމެ ރަގަޅު ގޮތް ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.
އަދި އޭނާ އެފަދަ އެއްޗެއް ބުނެފައިވަނީ ރެފްރީ އަށް ނިސްބަތްކޮށް ނޫން ކަމަށާއި އެއީ އޭނާ އަމިއްލަ ނަފްސަށް ބުނި އެއްޗެއް ކަމަށާއި އެކަން ވަރަށް ރަގަޅަށް ވީޑިއޯ ބެލުމުން އެނގޭނެ ކަމަށްވެސް ބެލިންހަމް ވަނީ ބުނެފަ އެވެ.
އަދި އެފަދަ ބަހެއް ބުނިއިރު އޭނާ ހުންނާނީ ރެފްރީ އާއި ދިމާލަށް ނޫން ކަމަށާއި އެއްވެސް ހާލަތެއްގައި ރެފްރީ އަށް ނިސްބަތްކޮށް އެއްޗެއް ބުނެފައިނުވާނެ ކަމަށާއި އެއީ ވަރަށް ބޮޑު އޮޅުމެއް ކަމަށް ބެލިންހަމް ވަނީ ބުނެފަ އެވެ.