ކުޅިވަރު

ބުމްރާގެ ބަދަލުގައި އިންޑިއާ ޓީމަށް ރާނާ


އިންޑިއާގެ ބާރު އުކުންތެރިޔާ ޖަސްޕްރީތު ބުމްރާއަށް އަނިޔާވުމުން، އޭނާގެ ބަދަލުގައި ހަރްޝިތު ރާނާ ޓީމުގައި ހިމަނައިފިއެވެ.

ޕާކިސްތާނުގައި އަންނަ ބުދަ ދުވަހު ފަށާ މުބާރާތުގައި ވާދަކުރާ އިންޑިޔާ ޓީމުން ބުމްރާ އުނިކުރީ އޭނާގެ އުނގަނޑަށް އެރި ތަދު ނުލިފައި ދިގުލައިދާން ފެށުމުންނެވެ.

އިންޑިއާގެ ކްރިކެޓްގެ މައި އިދާރާ ބޯޑް އޮތް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިޔާ (ބީސީސީއައި) އިން ބުނީ ކަނާތުން އުކާ ކުޅުންތެރިޔާ އަށް މުބާރާތުގައި ކުޅެވޭތޯ ބެލުމަށް ކުރި އުއްމީދުތައް ހަގީގަތަކަށް ނުވާނެ ކަމަށެވެ.

"ބާރު އުކުންތެރިޔާ ޖަސްޕްރިތް ބުމްރާ ވަނީ ޗެމްޕިއަންސް ޓޮރޮފީ 2025ގައި ކުޅޭ ޓީމުން އުނިކޮށްފައި. އެއީ އޭނާގެ އުނގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން. ސިލެކްޝަންސް ކޮމިޓީން މިހާރު ނިންމާފައިވަނީ ހަރްޝިޓް ރާނާ އަށް ފުރުސަތު ދިނުމަށް،" ބީސީސީއައިއިން ނެރުނު ބަޔާނުގައިވެ އެވެ.

އުމުރުން 31 އަހަރުގެ ބުމްރާއަށް އަނިޔާވީ އޮސްޓްރޭލިޔާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

ޗެމްޕިއަންސް ޓްރޮފީގައި އިންޑިޔާ ހިމެނެނީ ގްރޫޕް އޭގަ އެވެ. މި މަހުގެ 19 އިން އަންނަ މާޗު މަހުގެ 9 އަށް ޕާކިސްތާނުގައި ބާއްވާ މުބާރާތުގައި ކުޅޭނީ އަށް ގައުމެވެ. ގްރޫޕް އޭ ގައި ހިމެނެނީ އިންޑިޔާ އާއި މުބާރާތް ބާއްވާ ޕާކިސްތާނާއި ބަނގްލަދޭޝް އާއި ނިއުޒީލޭންޑެވެ. ގްރޫޕް ބީގައި ހިމެނެނީ އޮސްޓްރޭލިޔާ އާއި ދެކުނު އެފްރިކާ އާއި އަފްގާނިސްތާނާއި އިންގްލޭންޑެވެ.

އިންޑިޔާގެ ފުރަތަމަ މެޗުގައި އެ ގައުމު ނުކުންނާނީ ބުރާސްފަތި ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެއަށްފަހު ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. ގްރޫޕުގެ ފަހު މެޗުގައި މާޗު ދެ ވަނަ ދުވަހު ކުޅޭނީ ނިއުޒީލޭންޑާ ދެކޮޅަށެވެ.

މި މުބާރާތް ޕާކިސްތާނުގައި ބޭއްވި ނަމަވެސް އިންޑިޔާގެ ހުރިހާ މެޗުތަކެއް ކުޅޭނީ ދުބާއީގައެވެ. އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލުން މި ގޮތަށް ނިންމީ ޕާކިސްތާނާއި އިންޑިޔާއާ ދެމެދު ސިޔާސީ ގުޅުން ގޯސްވެފައި އޮތުމުން ޕާކިސްތާނަށް އިންޑިޔާ ޓީމު ނުފޮނުވަން އެ ގައުމުގެ ސަރުކާރުން ނިންމުމުންނެވެ.