ޕާކިސްތާނުގެ ބާރު އުކުންތެރިޔާ ހާރިސް ރައޫފަށް ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި ކުޅެވިދާނެ ކަމާމެދު އެތައް ބަޔަކު ސުވާލު އުފައްދަން ފަށައިފިއެވެ. ނަމަވެސް ޕާކިސްތާން ކްރިކެޓް ބޯޑުން ބުނަނީ އަންނަ ބުދަ ދުވަހު އެގައުމުގައި ފަށާ މުބާރާތުގައި އަށް ގައުމުގެ މުބާރާތުގައި އޭނާ އަށް ކުޅެވޭނެ ކަމަށެވެ.
ހާރިސް ރައޫފަށް މިހާރު ވަނީ އަނިޔާވެފައެވެ. އޭނާގެ މޭ ދަށުގެ މަސްތައް އިރައިގެން ދިޔައީ ޗެމްޕިއަންސް ޓްރޮފީ މުބާރާތަށް ތައްޔާރުވާން ކުޅުނު ތިން ގައުމުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ނިއުޒީލޭންޑާ ދެކޮޅަށް ކުޅެނިކޮށެވެ. މި އަނިޔާއާއެކު ވަގުތުން އޭނާ ބާލައި ފަރުވާ ދޭން ވަނީ ފަށައިފަ އެވެ. ޕާކިސްތާނުގެ ކުރީގެ ކުޅުންތެރިން ހާރިސް އަށް ޗެމްޕިއަންސް ޓްރޮފީގައި ކުޅެވިދާނެ ކަމާމެދު ސުވާލު އުފައްދަނީ މިދިޔަ ހަފުތާގައި ކުޅުނު އެ މެޗަށް ފަހު ޖެހިގެން އައި ދެ މެޗުގައި ވެސް އޭނާގެ ބޭނުންކޮށްފައި ނުވާތީ އެވެ.
"އެމްއާރުއައި އާއި އެކްސްރޭ އަދި ސްކޭންތަކަށް ބަލާއިރު ޕާކިސްތާނުގެ ބާރު އުކުންތެރިޔާ އަށް މިވަނީ އަނިޔާވެފައި. އެއީ ޔަގީންކަމެއް. އެއީ އޭނާގެ މޭ ދަށުގެ މަސްތަކުގެ ތަރުތީބު ވަނީ އޮޅިފައި. އެކަމަކު މި އަނިޔާ ސީރިއަސްއެއްނޫން. އޭނާ މުބާރާތަށް ފުރިހަމަ އަށް ފިޓްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" ޕާކިސްތާނުގެ ކްރިކެޓް ބޯޑުން ނެރުނު ނޫސް ބަޔާނުގައިވެ އެވެ.
ނަމަވެސް ކުރީގެ އިތުބާރު ކުޅުންތެރިޔާ މުހައްމަދު އާމިރު މިވާހަކަތަކަށް އިންކާރުކުރެ އެވެ. އޭނާ ބުނީ ހާރިސް ރައޫފުގެ މޭ ދަށުގެ އަރިމަތީގައިވާ މަސްތަކަށް އަނިޔާވެއްޖެނަމަ ކުޅުންތެރިޔާ އަށް އަލުން ކުޅުމުގައި ބައިވެރިވެވޭނީ މަދުވެގެން ހަ ހަފުތާ ފަހުން ކަމަށެވެ.
"އެއީ ސްޓިފްނަސް އެއްނަމަ މި އަނިޔާ ތަފާތު ވާނެ. އަވަހަކަށް ކުޅެން ނުކުމެވިދާނެ. އެކަމަކު އެއީ (މާދަށުގެ) އަރިމަތީގެ މަސްތަކަށް ލިބުނު އަނިޔާއެއްނަމަ ބަލާނެ ކަމެއްނެތް އެއީ ގްރޭޑް އެކެއްގެ އަނިޔާއެއްތޯ ނުވަތަ ގްރޭޑް ދޭއްގެ އަނިޔާއެއްތޯ. އެކަން ރަނގަޅުވާން ހަ ހަފުތާ ނަގާނެ. ރަސްމީކޮށް ލިބެމުންދާ މައުލޫމާތުތަކުން އޭނާގެ އަނިޔާގެ ކުޑަބޮޑުމިން އަދި ތަފްސީލެއް ނުލިބޭ،" އާމިރު ބުންޏެވެ.
އޭނާ ބުނީ މިފަދަ އަނިޔާއެއް އޭނާ ކުޅުނުއިރު އަމިއްލަ އަށް ތަޖުރިބާ ކުރި ކަމަށެވެ.
"މީގެ އަހަރުތަކެއް ކުރިން އަހަރެން ވެސް މި ފަދަ އަނިޔާއެއް ތަޖުރިބާ ކުރިން. އަހަރެންގެ ތަޖުރިބާގެ އަލީގައި ބުނަން އޮތީ އޭނާ މުޅިން ފިޓްނޫންނަމަ ރިސްކެއް ނަގާފައި އޭނާގެ މުޅި ކެރިއަރު ހަލާކުގެ ތެރެއަށް އެއްލާނުން ބުއްދިވެރިއެއްނޫނޭ،" އާމިރު ބުންޏެވެ.
މި މަހުގެ 19 އިން އަންނަ މާޗު މަހުގެ 9 އަށް ޕާކިސްތާނުގައި ބާއްވާ މުބާރާތުގައި ކުޅޭނީ އަށް ގައުމެވެ. ގްރޫޕް އޭ ގައި ހިމެނެނީ އިންޑިޔާ އާއި މުބާރާތް ބާއްވާ ޕާކިސްތާނާއި ބަނގްލަދޭޝް އާއި ނިއުޒީލޭންޑެވެ. ގްރޫޕް ބީގައި ހިމެނެނީ އޮސްޓްރޭލިޔާ އާއި ދެކުނު އެފްރިކާ އާއި އަފްގާނިސްތާނާއި އިންގްލޭންޑެވެ.
ޕާކިސްތާނުން މުބާރާތް ފަށާނީ ކަރާޗީގެ ނެޝަނަލް ބޭންކް ސްޓޭޑިއަމުގައި މި މަހުގެ 19 ވަނަ ދުވަހު ނިއުޒީލޭންޑާ ދެކޮޅަށް ކުޅޭ މެޗުންނެވެ. މި މެޗަށް ފަހު ޕާކިސްތާން ދަތުރުކުރާނީ މި މަހުގެ 23 ވަނަ ދުވަހު ޑުބާއީ އަށެވެ. އެއީ އެންމެ ވާދަވެރި އިންޑިޔާއާ ދެކޮޅަށް ކުޅޭށެވެ. މި މުބާރާތުގައި އިންޑިޔާގެ މެޗުތައް ޑުބާއީގައި ކުޅެނީ އެ ގައުމުގެ ޓީމު ޕާކިސްތާނަށް އައުމަށް އިންޑިޔާ ސަރުކާރުން ހުއްދަ ނުދޭތީ އެވެ. ޕާކިސްތާން ގްރޫޕުގެ ފަހު މެޗުގައި ނުކުންނާނީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ރާވަލްޕިންޑީގައި ބަނގްލަދޭޝްއާ ދެކޮޅަށެވެ.
މުބާރާތަށް ތައްޔާރުވާން ޕާކިސްތާން ކުޅުނު ތިން ގައުމުގެ މުބާރާތުގެ ފައިނަލްގައި ބަލިވީ ނިއުޒިލޭންޑް އަތުންނެވެ.