ވިޔަފާރި

ރޯދަމަސް ނިމޭއިރުވެސް އަގުތަކަށް ބަދަލެއް ނާދޭ !


ރޯދަމަހުގެ ފުރަތަމަދުވަހު ދަތުރުވެރިންގެ މާރުކޭޓުގައި އެންމެ އަގު ބޮޑުކޮށް ހުރި އެއް ބާވަތަކީ ކޮޕީފަތެވެ. އެދުވަހު ތިންފަތުގެ ކޮޕީފަތް ބޮނޑިއެއް ވިއްކާފައި ވަނީ 20 ރުފިޔާއަށެވެ. ނަމަވެސް މިއަދު ބާޒާރުގައި ކޮޕީފަތް ވިއްކަން ހުރީ ފަތެއް 2 ރުފިޔާއަށެވެ. ފަތުގެ އެހެން ބާވަތްތަކަށް ބަލާއިރު ކަންކުންފަތް ބޮނޑިއެއް މިއަދު ވިއްކަނީ 5 ރުފިޔާއަށެވެ. އަދި ކުއްޅަފިލާފަތް ދަތުރުވެރިންގެ މާރުކޭޓުގައި މިއަދު ލިބެން ނެތްކަން ފާހަގަކުރެވެއެވެ. ފަނިގިރުމަށް އެންމެ އާންމުކޮށް  ރޯދަމަހު ބޭނުންކުރާ ކަރާގެ އަގު ރޯދަމަސް ފެށުނުއިރު ހުރީ، ކިލޯއެއް 30 ރުފިޔާއާއި 35 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައެވެ. 

img:http://s4.psmnews.mv/images/660x400/14654081887686.jpg|މާލޭ ލޯކަލް މާރުކޭޓުގައި ވިއްކަން ބަހައްޓާފައިހުރި ކަރާތަކެއް- ފޮޓޯ: ޕިއެސްއެމް ނިއުސް

ރާއްޖެއިން ބޭރުން ކަރާ އެތެރެކުރުމާއިއެކު ކަރާގެ އަގު، ކިލޯއެއް 15 ރުފިޔާއަށް ދަށްވި ނަމަވެސް، ރާއްޖޭގައި ހައްދާ ދިވެހި ކަރާގެ އަގު އަދިވެސް ހުރީ 20 ރުފިޔާއަށެވެ. މި ރޯދަމަހު ބާޒާރުގައި އެންމެ އަގުބޮޑު ބާވަތަކަށް ވެގެންދިޔައީ ކަނޑޫދޫ ގިތެޔޮމިރުހެވެ. ރޯދަމަސް ފެށުނުއިރު މި ބާވަތުގެ މިރުސް 100 ގްރާމް 60 ރުފިޔާއަށް ވިއްކި ނަމަވެސް ރޯދަމަހުގެ  މެދުތެރޭ 45 ރުފިޔާ އާއި 50 ރުފިޔާ އާއި ދެމެދުގެ އަގަކަށް މި މިރުހުގެ އަގު ދަށްވިއެވެ. ނަމަވެސް މިއަދު އަނެއްކާ ބާޒާރުގައި ކަނޑޫދޫ މިރުސް މަދުވެ 100 ގްރާމް 70 ރުފިޔާއަށް މިވަނީ އަގު އުފުލިފައެވެ.

img:http://s2.psmnews.mv/images/660x400/14654731700586.jpg|ލޯކަލް މާރުކޭޓުގައި ވިއްކަން ބަހައްޓާފައިހުރި ތަރުކާރީތަކެއް- ފޮޓޯ: ޕީއެސްއެމް

އާންމު ގޮތެއް ގައި ކޮންމެ އަހަރެއްގެ ވެސް ރޯދަމަހުގެ އެންމެ ފަހު ދުވަސްތަކުގައި ބާޒާރުން ފާހަގަވަނީ ޢީދަށް ޚާއްސަ ބާވަތްތައްވެސް ވިއްކަން ހުންނަކަމެވެ. އެގޮތުން ދިރޭކުކުޅު ފަދަ ބާވަތްތައް އެހެން އަހަރުތަކުގައި ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގައި ވިއްކަންހުރެއެވެ. ނަމަވެސް މިއަހަރު އަދި މިހާތަނަށް ދަތުރުވެރިންގެ މާރުކޭޓުން މިފަދަ ބާވަތްތައް ފެންނާކަށްނެތެވެ.