ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ނިރުބަވެރި ޔަހޫދީ ދަޢުލަތާ ދެމެދު ވެފައިވާ ޢުދުވާން ހުއްޓައިލުމުގެ އެއްބަސްވުމުގެ ދަށުން ފަލަސްޠީނަށް ނިޞްބަތްވާ 369 ޤައިދީން މިނިވަން ކޮށްފިއެވެ. މިއީ އެއްބަސްވުމުގެ ދަށުން މިހާތަނަށް އެއްފަހަރާ މިނިވަން ކޮށްފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ އެންމެ ގިނަ ޢަދަދެވެ. އެ މީހުން މިނިވަން ކޮށްފައި މި ވަނީ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމާ މެދު ސުވާލު އުފެދި އަސީރުން ބަދަލު ނުކުރެވޭނެ ކަމަށް ބެލެވިފައި ވަނިކޮށް ކުރިމަތިވި މައްސަލަތައް މެދުވެރިންގެ އެހީތެރިކަމާ އެކު ޙައްލު ކުރުމަށް ފަހުގައެވެ.
ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޤާއިމު ކުރި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން މިހާތަނަށް ފަސް ފަހަރެއްގެ މަތިން އަސީރުންނާއި ޤައިދީން ބަދަލުކޮށްފައި ވެއެވެެ. އެ ގޮތުން ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީންނަށް ނިޞްބަތްވާ 22 އަސީރުންގެ ބަދަލުގައި ޔަހޫދީ ޖަލުތަކުަގައި ތިބި ފަަލަސްޠީނުގެ 766 ރައްޔިތުން ވަނީ މިނިވަން ކޮށްފައެވެ. އެއަށް ފަހު ފެބްރުވަރީ މަހުގެ 15ވަނަ ދުވަހު އަނެއްކާ ވެސް މި ވަނީ އަސީރުނާއި ޤައިދީން ބަދަލު ކޮށްފައެވެ. އެ ގޮތުން ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީންގެ ތިން މީހުންގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ތިބި 369 ފަލަސްޠީނުގެ ރައްޔިތުން ވަނީ މިނިވަން ކޮށްފަައެވެ. އެހެންކަމުން މިހާތަނަށް ޖުމްލަ 25 ޔަހޫދީ އަސީރުންގެ ބަދަލުގައި ފަލަސްޠީނަށް ނިޞްބަތްވާ 1135 ރައްޔިތުން މި ވަނީ މިނިވަން ވެފައެވެ. އެއާއެކު އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ މިހާރު މި ވަނީ ފުރިހަމަ ވެފައެވެ.
ޙަމާސުން މިނިވަން ކުރި މީހުންގެ ތެރޭގައި ޔަހޫދީ ދައުލަތާއި އެމެރިކާއާ ދެ ޤައުމަށް ނިޞްބަތްތާ މީހަކާއި ޔަހޫދީ ދައުލަތާއި ރަޝިޔާއަށް ނިޞްބަތްވާ މީހަކާއި ޔަހޫދީ ދައުލަތާއި އާޖެންޓީނާއަށް ނިޞްބަތްވާ މީހެއް ހިމެނެއެވެ. އެއްބަސްވުމާ އެއްގޮތަށް އެ މީހުން ޙަވާލު ކޮށްފައި ވަނީ ރެޑް ކުރޮހާއެވެ. އެއި ޣައްޒާގެ ޚާން ޔޫނިސްގައެވެ. އެ މީހުންގެ ބަދަލުގައި ގިނަ ޢަދަދެއްގެ ފަލަސްޠީނުގެ ރައްޔިތުން މިނިވަން ކުރި އިރު އޭގެ ތެރޭގައި ގިނައީ އެ މީހުންނާ ދެކޮޅަށް އެއްވެސް ދަޢުވާއެއް އުފުލާފައި ނުވާ އަދި އެއްވެސް ހުކުމެއް ތަންފީޒު ކުރަމުން ނުދާ މީހުންނެވެ. ގިނަ މީހުންނަކީ ޣައްޒާގައި ހައްޔަރު ކޮށްފައި ވަނީ މީހުންނެވެ.
މިނިވަން ކުރި މީހުންގެ ތެރެއިން ހަތަރު މީހުން ވަަނީ އެ މީހުންގެ ޙާލު ދެރަވުމުގެ ސަބަބުން ވަގުތުން ހަސްފަތާލަށް ގެންގޮސްފައެެވެ. ގިނަ ޢަދަދެއްގެ އަސީރުން ގެންގޮސްފައި ވަނީ ޣައްޒާއަށެވެ. އޭގެ އިތުރުން 10 ޤައިދީން ގެންގޮސްފައި ވަނީ ހުޅަނގު އައްސޭރިއަށެވެ. އިރުމަތީ ޤުދުސަށް ވެސް އެއް ޤައިދީ ދޫކޮށްލާފައި ވެއެވެ. ބާކީ ތިބި ޤައިދީން ގެންދާނީ ބަލައިގަތުމަށް އެއްބަސްވެފައިވާ ޤައުމުތަކަށެވެ. އެއީ މިޞްރު މަގުންނެވެ.
މިނިވަންވި ފަލަސްޠީނުގެ ރައްޔިތުންނަށް މަރުޙަބާ ކިޔުމަށް އެ މީހުންގެ ޢާއިލާއާއި ގާތްތިމާގެ މީހުން ހިމެނޭ ގޮތަށް އެ ތައް ހާސް ބަޔަކު ވަނީ ހުޅަނގު އައްސޭރީގެ ރާމަاللهއަށް އެއްވެފައެވެ. ޢައިލާތަކުން މިނިވަންވި ޤައިދީންނަށް މަރުޙަބާ ކިޔާފައި ވަނީ ވަރަށް އަސަރުގަދަ ކޮށެވެ.
އެންމެ ފަހުން މިނިވަން ކުރި ފަލަސްޠީނުގެ ރައްޔިތުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ވެސް ހިމެނެއެވެ. އޭގެ ތެރޭގައި އުމުރުން 70 އަހަރުގެ މީހެއް ވެސް ހިމެނެއެވެ. މިނިވަން ކުރި ޤައިދީން ލައިގެން ތިބި ހެދުމުގައި ޔަހޫދީން އެ މީހުންގެ ދިދައިގައި ކުރަހާފައިވާ ތަރި ކުރަހައި އެކި ކަހަލަ ލިޔުންތައް ލިޔެފައި ވާތީ އެ ލިޔުންތައް ފޮރުވުމަށް އެ މީހުން ހެދުން ލައިގެން ތިބީ ނުބައި ފުށަށެވެ. ޔަހޫދީން ލިޔެފައިިވާ މެސެޖުތަކުގައި ޔަހޫދީންގެ ލާއިންސާނީ ޢުދުވާންތަކަށް ކެތް ނުކުރެވިގެން ޙަމާސުން ދިން ޙަމަލާއަށް އިޝާރާތް ކޮށް އެ ކަން ހަނދާން ނުނެތޭނެ ކަމަށާއި އެ ކަމަށް މަޢާފު ނުކުރާނެ ކަމަށް ލިޔެފައި ވެއެވެ.
މިނިވަންވި ޤައިދީއެއް ކަމަށްވާ ޢާމިރު އަބޫ ރައުދާ ބުނީ ޔަހޫދީންގެ ނަފްހާ ޖަލުގައި އޭނާ 18 މަސް ދުވަސް ހޭދަ ކުރި ކަމަށެވެ. އެ ތަނުން ކަރަންޓާއި ފެނުގެ ޚިދުމަތް ޔަހޫދީން ކަނޑާލާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. ޖަލުގެ ޙާލަތު ވަރަށް ގޯސް ކަމަށާއި އެ ތަނުގައި ބޮޑެތި އުނދަގޫތައް ތަހައްމަލް ކުރަން ޖެހުނު ކަމަށް އޭނާ ވަނީ ބުނެފަައެވެ. އެ ޙާލަތުގައި ކެތްތެރިވާން އެންމެންނަށް ވެސް ވަރަށް އުނދަގޫވި ކަމަށް އޭނާ ބުންޏެވެ. ދޮޅު އަހަރު ވަންދެން އެެއްވެސް ބަޔަކާ މުޢާމަލާތު ނުކުރެވޭ ކަމަށާާއި އެ މީހުން ތިބީ ދުނިޔެއާ އެކަހެރި ކޮށްލާފައި ކަމަށް އޭނާ ވަނީ ބުނެފައެވެ.
އަސީރުން ބަދަލު ކުރުމަށް ފަހު ނެރުނު ބަޔާނެއްގައި ޙަމާސުން ބުނީ އެއީ ޔަހޫދީންނަށް ދިން އައު މެސެޖެއް ކަމަށެވެ. ހަވަނަ ބުރަކަށް އަސީރުން މިނިވަން ކުރުމުން އެ ކަމުން ދޭހަ ކޮށްދެނީ އަސީރުން މިނިވަން ކުރަން އޮތް ހަމައެކަނި މަގަކީ މަޝްވަރާކޮށް އެއްބަސްވުމާ އެއްގޮތަށް ޢަމަލު ކުރުން ކަމަށް އެ ބަޔާނުގައި ޙަމާސުން ވަނީ ބުނެފައެވެ.
އެއްބަސްވުމުގެ ފުރަތަމަ މަރުޚަލާ ފުރިހަމަ ކޮށްފައިވާ އިރު ދެ ވަނަ މަރުޚަލާގައި ހިމެނެނީ ޙަމާސްގެ ބެލުމުގެ ދަށުގައި ބާކީ ތިބި އަސީރުންގެ ބަދަލުގައި ޔަހޫދީ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ރައްޔިތުން މިނިވަން ކުރުމެެވެ. އޭގެ އިތުރުން ޣައްޒާގައި ތިބި ޔަހޫދީންގެ ފައުޖުތައް އެއްކޮށް އެ ސަހަރުން ފައިބައި ހަނގުރާމަ އެކީ ނިމުމަކަށް ގެނެސް, ޣައްޒާ އަލުން ބިނާ ކުުރުމުގެ މަސައްކަތް ފަށައިގަަތުމެވެ.
ޤަޠަރުގެ ދައުހާ އިންސްޓިޓިއުޓް ފޮރ ގްރެޖުއޭޓް ސްޓަޑީޒްގެ މުޙައްނަދު ސަލޫމް ވިދާޅުވީ ޔަހޫދީންނާއި ޙަމާސާ ދެ ފަރާތުން ވެސް ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފެންނަ ކަމަށެވެ. ފުރަތަމަ މަރުހަލާ ފުރިހަމަ ވުމާއެކު ދެން އޮތީ އެންމެ އުނގަދޫ މަސައްކަތްކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ. އެއީ ކުރިއަށް އޮތް މަރުހަލާއާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިޔުމެވެ. މިހާރު ފެންނަމުން ދަނީ ޙަމާސުން އެއްބަސްވުމާ އެއްގޮތަށް ފުރިހަމައަށް ޢަމަލު ކުރަމުންދާ މަންަޒަރު ކަމަށާއި ޔަހޫދީންގެ ފަރާތުން އެއާ އެއްވަރަށް ޝައުޤުވެރިކަން ނުފެންނަ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ދެވަނަ މަރުޚަލާއަށް ޔަހޫދީން އެއްބާރުލުން ނުދިނުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕް ވަނީ ޣައްޒާގެ ރައްޔިތުން އެހެން ސަރަޙައްދުތަކަށް ބަދަލު ކޮށް އެ ސަހަރު ހުސް ކޮށް ޒަމާނީ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ބޭނުންފުޅުވާ ކަމަށް އިޢުލާނު ކުރައްވާފައެވެ. އެ ކަމާ ގުޅޭ ގޮތުން ޙަމާސުން ބުނީ މުޅި ދުނިޔެއަށް ދޭން ބޭނުންވާ މެސެޖަކީ ޤުދުސަށް ނޫން ތާކަށް ޣައްޒާގެ ރައްޔިތުން ހިޖުރަ ނުކުރާނެ ކަމަށެވެ.