ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ އިޓަލީގެ ޔަނިކް ސިނާ ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފި އެވެ.
ސިނާ ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ އަހަރު ހެދި ދެ ޑޯޕިން ޓެސްޓަކަށް އޭނާ ޕޮޒިޓިވް ވުމައި ގުޅިގެން ދުނިޔޭގެ އެންޓި ޑޯޕިން އެޖެންސީ (ވާޑާ) އިން އެ މައްސަލަ ބަލަން ފަށާފައި ދެ ފަރާތުގެ ދެމެދުގައި ބޭއްވި އަޑުއެހުންތަކަށް ފަހުގަ އެވެ.
މިދިޔަ މަހު ނިމިގެންދިޔަ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ އުމުރުން 23 އަހަރުގެ ސިނާ ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވަނީ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން އޭނާއަށް އަލުން ދެން ކުޅުމުގެ ތެރެއަށް އާދެވޭނީ މެއި މަހުގެ 4 ގެ ފަހުންނެވެ.
ސިނާ އަށް އައި ސަސްޕެންޝަނުގެ ސަބަބުން އޭނާއަށް ބޮޑު މުބާރާތެއް ނުގެއްލޭ އިރު މެއި މަހުގެ 19 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފްރެންޗް އޯޕަން ގައި އޭނާއަށް ވާދަކުރެވޭނެ އެވެ.
ވާޑާ އިން ސިނާގެ މައްސަލަ ބަލަން ފެށުމަށްފަހު ފުރަތަމަ ވަކާލާތު ކުރީ އޭނާ ދެ އަހަރު ދުވަހަށް ސަސްޕެންޑް ކުރުމަށެވެ. ނަމަވެސް ސިނާ ވަނީ އެއީ އޭނާ ގަސްތުގައި ކުރިކަމެއް ނޫން ކަމަށްބުނެފަ އެވެ. އަދި އެންމެ ފުރަތަމަ އޭނާ ހެދި ދެ ޓެސްޓަށް ޕޮޒިޓިވް ވުމާއި ގުޅިގެން ދިން ޕްރޮވިޝަނަލް ސަސްޕެންޝަނަކީވެސް އޭނާ އެ މައްސަލަ ހިނގާފައިވާ ގޮތް ކިޔައިދިނުމުން ދީފައިވާ އަދަބެކެވެ.
އަދި އެ މުއްދަތުގައި އޭނާއަށް މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ދީފައިވާއިރު އޭނާ ގިނަ މުބާރާތްތަކެއް ކާމިޔާބުކޮށް ދުނިޔޭގެ އެއްވަނަ މަގާމު ދިފާއުކޮށްފަ އެވެ. އަދި ވާޑާ އިން ވަނީ ތިން ފަހަރު މަތިން ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ސިނާ ދެއްކި ވާހަކަ ގަބޫލުކޮށް އޭނާގެ ސަސްޕެންޝަނަށް ލުއެއް ދީފަ އެވެ.
ސިނާ އަށް ދިން އަދަބާއިއެކު އޭނާގެ ވަކީލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައަށް ވަކި ގޮތެއް ނުނިމި ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް މިހާރު މައްސަލައަށް ގޮތެއް ނިމިފައިވާތީ އެކަމާއިމެދު ހިތްހަމަޖެހޭ ކަމަށެވެ.
އަދި މިކަމުގެ ފުރިހަމަ ޒިންމާ ސިނާ ނަގާ ކަމަށާއި އެކަމުގައި ސިނާ އާއިއެކު މަސައްކަތްކުރި އޭނާގެ ޓީމުގެ ފަރާތުން ވީ ކަމެއް ނަމަވެސް އެކަމުގެ ޒިންމާއިން އޭނާ ރެކެން ބޭނުންނުވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ސިނާ ވަނީ މި މައްސަލަ އާއި ގުޅިގެން އޭނާގެ މެޑިކަލް ޓީމުގެ ބައެއް މެމްބަރުން އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ކުރިން ވަކިކޮށްފަ އެވެ.
ސިނާ އަށް ދިން މި އަދަބުގެ ސަބަބުން އޭނާއަށް ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ މަގާމު ގެއްލުމުގެ ފުރުސަތު އެބައޮތެވެ. ދެވަނައިގައި ހުރި ޖަރުމަނުގެ އެލެކްޒެންޑަރ ޒްވެރޭވް އާއި ދެމެދު 3000 ޕޮއިންޓުގެ ފަރަގެއް އޮތްއިރު މިދިޔަ އަހަރު ބޭއްވި މުބާރާތްތަކުން އޭނާއަށް ޕޮއިންޓު ނުލިބޭނެ އެވެ.
ޑޯޕިންގ ގެ ދެ ޓެސްޓަކަށް ޕޮޒިޓިވް ވެފައިވަނިކޮށް ސިނާއަށް މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ދީފައިވާތީ ގިނަ ކުޅުންތެރިންތަކެއް ވަނީ އެކަމާއިމެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ކުރިން ހުރި ސަރބިޔާގެ ނޯވަކް ޖޮކޮވިޗް އެވެ. އޭނާ ބުނެފައިވަނީ ކުޅުންތެރިންގެ މެދުގައި ތަފާތު ކުރުން ގެންގުޅެގެން ނުވާނެ ކަމަށާއި ހުރިހާ ކުޅުންތެރިންނާއިމެދުވެސް އިންސާފުން ހަމަހަމަ އުސޫލަކުން ކަންތައްތައް ކުރަންވާނެ ކަމަށެވެ.