ޚަބަރު

ފަނޑިޔާރުންގެ މަހާސިންތާ 2025 ފަށައިފި


  • މަހާސިންތާ ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަކަށް

ކޯޓުތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ ފަނޑިޔާރުންގެ މަހާސިންތާގެ މިއަހަރުގެ ބައްދަލުވުން ފަށައިފިއެވެ.

ޖުޑީޝަލް އެކަޑަމީން ކުރިއަށްގެންދާ ދެ ދުވަހުގެ މި މަހާސިންތާ އިފްތިތާޙުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންއެވެ.

މިއަރުގެ ފަނޑިޔާރުންގެ މަހާސިންތާގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ފައިނޭންސިންއާއި މަދަނީ އިޖުރާއަތުގެ ދަށުން މައްސަލަތައް ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ކަމަށް ޑިޕާޓްމަންޓް އޮޖް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވިއެވެ. އަދި ފައިސާ ނުހިމެނޭ ޙުކުމް ތަންފީޒުކުރުމާއި މެރިއޭޖް ރިފޯމްއާ ގުޅޭ ކަރުދާހެއްވެސް މި މަހާސިންތާގެ ތެރެއިން ހުށަހެޅުމަށް ހަމަޖެހިފައިވާކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މަޢޫލޫމާތުދެއްވިއެވެ.

މީގެއިތުރުން ކޯޓުތަކާއި ފަނޑިޔާރުންނަށް ހުރި ގޮންޖެހުންތަކާމެދު މަޝްވަރާކުރައްވާ، އެކަމާ ގުޅޭގޮތުން ފަނޑިޔާރުންގެ ޚިޔާލު ހޯދުމަށް ނިންމާފައިވެއެވެ. އެގޮތުން، މުވައްޒަފުންނަށް ދިމާވާ ދަތިތަކާއި، ކޯޓުތަކުގެ ޖާގައިގެ ދަތިކަމުގެ އިތުރުން ކޯޓުތަކަށް ބޭނުންވާ ވަޒީލަތްތައް ހޯދުމުގައި ހުރި ދަތިތަކާ ގުޅެގޮތުން މަޝްވަރާކުރައްވާނެކަަމަށް ޑީޖޭއޭއިން ވިދާޅުވިއެވެ.

އިސްލާމިކް ފައިނޭނޭސްގެ އޯވަރވިއު އާ ގުޅޭ ގޮތުން މަޝްވަރާކޮށް، އެކަމާ ގުޅޭގޮތުން ކަމާއި ގުޅުންހުރި އެހެނިހެން އިދާރާތާއެކުވެސް މިމަހާސިންތާގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ކޮންޓްރެކްޓްތައް އެކުލަވާލުމާއި، ކޮމްޕްލެކްސް ސްޓްރަކްޗަރތަކުގައި ޝަރީޢަތުގެ ޢަމަލުތައް ބަލަހައްޓާނެ ގޮތްތަކުގެ އިތުރުން، އިސްލާމިކް ފައިނޭންސްގެ މައްސަލަތަކުގައި ގާނޫނު ބަލާނެ ގޮތްތަކާމެދު ވެސް ކަމާ ގުޅުންހުރި އެހެން އިދާރާތަކާއެކު މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް ޖޭއެސް އިން ވިދާޅުވެއެވެ.

ފަޑިޔާރުންގެ މަހާސިންތާއާކީ ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް 2016ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ މަހާސިންތާއެކެވެ.