ޚަބަރު

ޓްރަމްޕްގެ ޣައްޒާ ތަސައްވުރާ ދެކޮޅަށް ޢަރަބިން ތެދުވަނީ


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ވަޒަނުން ބޭރުކޮށް، އެ ބިން ފޭރިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ތަސައްވުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން އިސްވެ، ޢަރަބި ޤައުމުތަކުން މަސައްކަތް ފަށައިފިއެވެ. ޓްރަމްޕް ހުށަހަޅުއްވާފައި ވަނީ ޣައްޒާގެ ރައްޔިތުން ވަޒަނުން ބާލައި، އުރުދުނާއި މިޞްރަށް ބަދަލު ކުރާށެވެ. އަދި، ޣައްޒާއަށް އެމެރިކާއިން ވެރިވެގަނެ، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އެ ތަން ތަރައްޤީ ކުރުމަށެވެ. އަދި، ފަލަސްޠީނުގެ ބިމުން މާލީ މަންފާ ހޯދުމަށެވެ.

ޓްރަމްޕްގެ ތަސައްވުރާ މެދު މަޝްވަރާ ކުރުމަށް ސަޢުދީ ޢަރަބިއްޔާއިން ވަނީ ރިޔާޟުގައި ޢަރަބި ޤައުމުތަކުގެ ބައްދަލުވުމެއް ބޭއްވުމަށް ހުށަހަޅާފައެވެ. އެ ބައްދަލުވުމުގައި މިޞްރު، އުރުދުން އަދި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ން ބައިވެރިވާނެއެވެ. އަދި، ޣައްޒާއާ މެދު ޓްރަމްޕް ގެންގުޅުއްވާ ތަސައްވުރުގެ ބަދަލުގައި އައު ރޭވުމެއް ހުށަހަޅާނެއެވެ. އޭގެ ތެރޭގައި، ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޣައްޒާ އަލުން އާރާސްތުކޮށް ތަރައްޤީ ކުރުމަށް ގަލްފުގެ ޤައުމުތަކުން ފަންޑެން ޤާއިމު ކުރުމަށް ހުށަހެޅުން ހިމެނޭނެ ކަމަށް ބެލެވޭ ކަމުގައި މަޞްދަރުތަކުން ބުންޏެވެ.

ޣައްޒާ ސުންނާފަތި ކޮށްލާފައި ވަނީ ޒަޔަނިސްޓު އިސްރާއީލުން، އެމެރިކާގެ ވާތްގާއި އެހީތެރިކަމާ އެކު، ހިންގާފައިވާ ލާއިންސާނީ ޤަތުލުޢާންމުގައެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފެށި ޢުދުވާން މެދުކަނޑައިލާފައި ވަނީ ޖަނަވަރީ 19ވަނަ ދުވަހު، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ. އެމެރިކާގެ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން ޔަހޫދީން ހިންގި ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700ށް އަރައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 111,000ށް އުފުލިފައެވެ.

ޢަރަބިންގެ ކަންބޮޑުވުން ބޮޑު މައްސަލައެއް

ޣައްޒާގެ ރައްޔިތުންގެ ގެދޮރު ނެތިކޮށްލައި، އެ މީހުން ރެފިއުޖީންނަށް ހަދައިލުމަށް ބޭނުންވާ ކަން ޓްރަމްޕް ހާމަ ކުރެއްވުމަކީ ޢަރަބިން އަދި އިސްލާމީ ދުނިޔެއިން ކަންބޮޑުވާ މައްސަލައެކެވެ. ޣައްޒާގެ ރައްޔިތުން ވަޒަނުން ބާލައި އުރުދުނާއި މިޞްރަށް ބަދަލު ކުރުމަށް ޓްރަމްޕް ހުށަހެޅުއްވުމުން އެ ދެ ޤައުމުގެ އިތުރުން ޢަރަބިން ވަނީ އެ ކަމަށް އިޢުތިރާޟު ކޮށްފައެވެ. ޢަރަބިން ޤަބޫލު ކުރާ ގޮތުގައި، ޣައްޒާ ފޭރިގަތުމަށް އެމެރިކާއިން މަސައްކަތް ފަށައިފި ނަމަ، މެދުއިރުމަތީގެ އިތުރުން މުޅި ދުނިޔޭގެ ސުލްޙައާއި ހަމަޖެހުމަށް ލޮޅުން އަރާނެއެވެ.

ޓްރަމްޕްގެ ތަސައްވުރާ މެދު ސަޢޫދީ ޢަރަބިއްޔާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުމެވެ. މިއާ އެކު، ސަޢޫދީ ޢަރަބިއްޔާއާއި ޒަޔަނިސްޓު އިސްރާއީލާ ދެމެދު ސިޔާސީ ގުޅުން ޤާއިމު ކުރުވުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް ވެސް މި ވަނީ ހިޔަނިއެޅިފައެވެ. އަދި، އެމެރިކާއާ އެކު އަސްކަރީ ގުޅުންތައް ހަރުދަނާ ކުރަން ސަޢޫދީ ޢަރަބިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް ވެސް ހުރަސް އެޅޭނެއެވެ.

މަޞްދަރުތަކުން ބުނީ، ޓްރަމްޕްގެ ތަސައްވުރުގެ ބަދަލުގައި ޣައްޒާއާ މެދު އަމަލު ކުރާނެ ގޮތަކާ މެދު އައު ރޭވުންތަކެއް ހުށަހެޅުމަށް ޢަަރަބިން ތައްޔާރުވަމުންދާ ކަމުގައެވެ. އަދި، ތަސައްވުރެއް އެކަށައަޅައި، ޓްރަމްޕަށް ހުށަހަޅާނެ ކަމުގައެވެ. އަދި، އޭނާގެ ރުހުން ހޯދުމަށް މަސައްކަތް ކުރާނެ ކަމުގައެވެ. ޣައްޒާގެ ކުރިމަގާ ގުޅޭ ގޮތުން މިހާރު ވެސް ހަތަރު ހުށަހެޅުމެއް ތައްޔާރު ކޮށްފައިވާއިރު، އޭގެ ތެރެއިން މިޞްރުގެ ހުށަހެޅުމާ މެދު ޤައުމުތަކުގެ މެދުގައި ޚިޔާލު ބަދަލު ކުރަމުންދާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ.

މިޞްރުގެ ހުށަހެޅުމަށް ކަޅިއެއް

މިޞްރުން ހުށަހަޅާފައި އޮތީ، ޣައްޒާގައި ވެރިކަން ކުރުމަށް ޤައުމީ ކޮމިޓީއެއް އެކުލަވައިލުމެވެ. އެ ކޮމިޓީގައި ޙަމާސްގެ ބައިވެރިވުމަށް ނޯންނާނެއެވެ. އަދި، ޣައްޒާ އަލުން އާރާސްތުކޮށް ތަރައްޤީ ކުރުމުގެ މަސައްކަތް ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދިޔުމަށް ހުށަހަޅާފައިވާއިރު، ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރު ކުރުމަށް އެއްވެސް ފުރުޞަތެއް ނުދެވޭނެއެވެ. އަދި، މިޞްރުގެ ހުށަހެޅުމުގެ އާޚިރު ނަތީޖާއަކީ ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިމުގައި ފަލަސްޠީނާއި އިސްރާއީލުގެ މިނިވަން ދެ ދައުލަތް ޤާއިމު ކޮށްދިނުމެވެ.

ސަޢޫދީ ޢަރަބިއްޔާއާއި މިޞްރުގެ އިތުރުން އުރުދުނާއި ޔޫއޭއީ އަދި ފަލަސްޠީނުގެ މަންދޫބުން މި ވަގުތު ދަނީ މި ތަސައްވުރާ މެދު މަޝްވަރާ ކުރަމުންނެވެ. މަޞްދަރުތަކުން ބުނީ، މި ހުށަހެޅުމާ މެދު ޢަރަބި ޤައުމުތަކުގެ ރަޢުޔު ހޯދުމަށް ފެބުރުވަރީ 27ވަނަ ދުވަހު ރިޔާޟުގައި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައެވެ. މި މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އަލް-ސުޢޫދު ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ.

ޢަރަބި ޤައުމުތަކުގެ ތެރެއިން ސަޢޫދީ ޢަރަބިއްޔާއަކީ އެމެރިކާއާ އެކު ގާތް ގުޅުންތަކެއް ބާއްވަމުންދާ އެއް ޤައުމެކެވެ. އަދި، ވަލީއަޙުދު މުޙައްމަދަކީ ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި އޭނާއާ އެކު ގާތް ގުޅުންތަކެއް ބާއްވަވާފައިވާ ބޭފުޅެކެވެ. ޓްރަމްޕްގެ އައު ދައުރުގައި ޢަރަބި ޤައުމުތަކާއި ޓްރަމްޕްގެ ސަރުކާރާ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ވަލީއަޙުދު މުޙައްމަދު މަސައްކަތް ކުރައްވާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

ސަޢޫދީ ޢަރަބިއްޔާއިން މިހާރު ވެސް ދަނީ އެމެރިކާއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން، މި މަހުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގެ ސޮވެރެން ވެލްތު ފަންޑާ ގުޅޭ މުހިންމު ބައްދަލުވުމެއް އެމެރިކާގެ މަޔާމީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ބައްދަލުވުމުގައި ޓްރަމްޕް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން ޓްރަމްޕާއި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ ދެމެދު މުހިންމު މަޝްވަރާތަކެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ބައްދަލުވުން އޮންނާނީ ރިޔާޟުގައި، ސަޢޫދީ ޢަރަބިއްޔާގެ އެހީތެރިކަމާ އެކުގައި ކަމަށް ވެސް ބެލެވެއެވެ.