ޚަބަރު

އެންމެ ފަހުގެ ޗެމްޕިއަން ސްވިއަޓެކް ގަތަރު އޯޕަންއިން ކަޓައިފި


ގަތަރު އޯޕަން ޓެނިސް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އިގާ ސްވިއަޓެކް، މި އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުން ކަޓައިފިއެވެ.

ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި ހުރި ސްވިއަޓެކް މި މުބާރާތުގެ ސެމީ ފައިނަލުން ކަޓާފައިވަނީ ލެޓްވިއާގެ ޔެލޭނާ އޮސްޓަޕެންކޯ އަތުން ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ޔެލޭނާ ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނެއް އަދި ހައެއް އެކެއްގެ ނަތީޖާއަކުންނެވެ.

ފަސް ފަހަރު މަތިން ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ އުމުރުން 23 އަހަރުގެ ސްވިއަޓެކް މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދުމާއެކު އޭނާ ވެގެންގޮސްފައިވަނީ މި މުބާރާތުގެ ތާރީޚުގައި ޖެހިޖެހިގެން 15 މެޗުން މޮޅުވެ އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑް ހަދާފައެވެ.

ނަމަވެސް 2017 ވަނަ އަހަރުގެ ފްރެންޗް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކުރި ޔެލޭނާ އާއި ދެކޮޅަށް ސްވިއަޓެކް މިހާތަނަށް ކުޅުނު ފަސް މެޗުންވެސް އޭނާ ވަނީ ބަލިވެފަ އެވެ. އަދި މި ފަހަރުގެ ބައްޔަކީ ސްވިއަޓެކް އަށް އެންމެ ހިތްދަތި ބަލިކަމަށް ބައެއް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް މި މުބާރާތް ކާމިޔާބު ކުރުމަށް ނިކުތް ސްވިއަޓެކް ބަލިކުރުމަށްފަހު މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވާ ޔެލޭނާ ބުނެފައިވަނީ އޭނާ ގަބޫލުކުރާ ގޮތުގައި ގަތަރު އޯޕަން ކުރިއަށްދާ ކޯޓަކީ އޭނާއަށް ޚާއްސަ ކޯޓެއް ކަމަށާއި މި ތަނުގައި ކުޅޭ މެޗުތަކަށް ނިކުންނައިރު އޭނާއަށް އިތުރު ހިތްވަރެއް ލިބިގެންދާ ކަމަށެވެ.

މި މުބާރާތުގެ ފައިނަލުގައި ޔެލޭނާ އާއި ދެކޮޅަށް ނިކުންނާނީ އެމެރިކާގެ އަމަންޑާ އަނިސިމޯވާ އެވެ. އޭނާ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ރަޝިޔާގެ އެކަޓެރީނާ އެލެކްޒެންޑްރޯވާ ހައެއް ތިނެއް އަދި ހައެއް ތިނެއްގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ.