ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.
އެމަނިކުފާނު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅަކީ އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެކަމަށްވާ ލޮކް ސަބާގެ ރައީސްއާއި ޤާނޫނު ހަދާ މަޖިލީހުގެ މަތިގެކަމަށްވާ ރާޖްޔަ ސަބާގެ ޗެއަރމަންގެ ދަޢުވަތަކަށް މި މަހުގެ 10އިން 14އަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި މަޖިލިސް ރައީސް ވަނީ އިންޑިޔާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއަށް ޒިޔާރަތްކުރައްވައި، ލޮކްސަބާގެ ރައީސް އޯމް ބިރްލާއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި ޒަމާނާ އެއްގޮތަށް ޓެކްނޮލޮޖީގެ ވަޞީލަތްތަކާއި އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކުރާކަން މަޖިލިސް ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ޒަމާނާ އެއްގޮތަށް ތަރައްޤީކޮށް ޑިޖިޓައިޒްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވުމަށް މަޖިލީހުގެ ރައީސް ވަނީ ލޮކްސަބާގެ ރައީސްގެ އަރިހުން އެދިވަޑައިގަންނަވާފައެވެ.
މިއާއެކު ލޮކް ސަބާގެ ރައީސް އޯމް ބިރްލާ ވަނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ޑިޖިޓައިޒްކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި އެކަމަށް މަޖިލިސް މެމްބަރުންނާއި މަޖިލިސް އިދާރާގެ މުވައްޒަފުން ތަމްރީނުކުރުމުގައިވެސް އެހީތެރިކަން ދެއްވާނެކަމަށް ލޮކްސަބާގެ ރައީސް ވިދާޅުވިއެވެ.
އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖްޔަ ސަބާގެ ޗެއަރމަން އަދި އިންޑިޔާގެ ނައިބު ރައީސް ޝްރީ ޖަގްދީޕް ދަންޚާރުއާވެސް ޢަބްދުއްރަޙީމް ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި މަޖިލިސް ރައީސްގެ ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިޔުމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. އަދި ރާއްޖެއާއި އިންޑިޔާގެ ޤާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތަކާއި ފަތުރުވެރިކަމާއި ސަރަޙައްދީ ހަމަޖެހުން އިތުރުކުރުމަށްވެސް މަޝްވަރާކޮށްފައިވެއެވެ.
މި ދަތުރުފުޅުގައި މަޖިލިސް ރައީސާއެކު ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއާއި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއާއި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދާއި ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާނާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދާއި ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބްގެ އިތުރުން ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބް ބައިވެރިވެވަޑައިގެންނެވިއެވެ.