ޔޫރަޕުގެ ގިނަ ކުލަބުތަކަކުން ބޭނުންވެގެން އުޅޭ ޖަރުމަންގެ ފޯވާޑް ޖަމާލް މުސިއާލާ، ބަޔާން މިއުނިކާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ.
މި އެއްބަސްވުމާއެކު 2030 ވަނަ އަހަރުގެ ނިޔަކަށް އޭނާ ހުންނާނީ ޖަރުމަނުގެ އެންމެ ކާމިޔާބު ކުލަބުގައެވެ. އުމުރުން 21 އަހަރުގެ ކުޅުންތެރިޔާ ބަޔާންއާ ގުޅުނީ 2019 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޗެލްސީގެ އެކެޑަމީންނެވެ.
އުމުރުން 18 އަހަރުގައި އޭނާ ވަނީ ބަޔާންގައި 2026 ވަނަ އަހަރާ ހަމައަށް ކުޅެން އެއްބަސްވެ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާތީވެ ބަޔާންއިން އޭނާ ލައްވައި އައު އެއްބަސްވުމެއްގައި ސޮއިކުރުވީ މެންޗެސްޓާ ސިޓީ އާއި ސްޕެއިނުގެ ރެއާލް މެޑްރިޑް އަދި ބާސެލޯނާ ފަދަ ކުލަބުތަކުން އޭނާއަށް ފާރަލަމުން ދަނިކޮށެވެ.
"ބަޔާނަކީ އެންމެ މޮޅު އެއް ޓީމު. އެންމެ ބޮޑު އެއް ޓީމު ދުނިޔޭގައި. އަހަރެން ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅެން ފެށީ މި ތަނުގައި . އަހަރެން ވަރަށް ސާފުކޮށް ގަބޫލު ކުރަނީ މި ކުލަބާއެކު އަހަރެން ކުރިއަށް އޮތްތަނުގައި ބޮޑެތި ގިނަ ކާމިޔާބީތަކެއް ހޯދާނެކަން،" އައު އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު މުސިއާލާ ބުންޏެވެ.
މުސިއާލާ އަކީ ޖަރުމަނުގެ ސުޓުޓްގާޓަށް އުފަންވި ކުޅުންތެރިއެކެވެ. ވަރަށް ކުޑައިރު އޭނާ އިނގިރޭސިވިލާތަށް ބަދަލުވިއިރު، އިނގިރޭސިވިލާތާއި ނައިޖީރިއާގެ ގައުމީ ޓީމަށްވެސް ކުޅުމުގެ ފުރުސަތު އޮތީ މައިންބަފައިންގެ ފުށުން ހުޅުވިފައެވެ. ނަމަވެސް ޖަރުމަނުގެ ގައުމީ ޓީމަށް ކުޅެން ފަށައި މިހާތަނަށް އޭނާ ވަނީ 38 މެޗު ކުޅެދީފައެވެ.
މުސިއާލާ ވަނީ ބަޔާންއަށް މިހާތަނަށް 193 މެޗު ކުޅެދީ 58 ލަނޑު ޖަހާފައެވެ. އަދި މި ސީޒަނުގައި އެކަނިވެސް އެނާ ވަނީ 30 މެޗު ކުޅެދީ، 15 ލަނޑު ކާމިޔާބުކޮށްފައެވެ.
ބަޔާންގެ ރައީސް ހާބަޓް ހެއިނާ ބުނީ ސަޕޯޓަރުން ދަނޑަށް ދަނީ މުސިއާލާ ފަދަ ކުޅުންތެރިން ބަލަން ކަމަށެވެ.
"އޭނާ އަކީ ވަރަށް ތަފާތު ކުޅުންތެރިއެއް. ބައެއް ފަހަރު ހީވާނެ އޭނާ އަކީ ގުދުރަތުގެ ގާނޫނު ނުހިނގާ ފަދަ ކުޅުންތެރިއެކޭ. އެހާ ވެސް ތަފާތު މޮޅު ކުޅުންތެރިއެއް،" ހާބަޓް ބުންޏެވެ.
ބަޔާންއިން މިހާރު އެންމެ ބޮޑަށް އިސްކަންދެނީ މިޑްފީލްޑަރު ހޯޝުއާ ކިމިޗްގެ އެއްބަސްވުން އައު ކުރުމަށެވެ. ހިނގަމުންދާ ސީޒަނުގެ ނިޔަލަށް އޭނާގެ އެއްބަސްވުން ހަމަވާނެއެވެ. ކިމިޗަކީވެސް ޔޫރަޕުގެ ވާދަވެރި ކުލަބުތަކުގެ އަމާޒެކެވެ.