މީގެ 10 އަހަރު ފަހުން ސައުދީ އަރަބިއްޔާގައި 2034 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައިވެސް އެ ގައުމުގައި ރާ ނުބޮވޭނެ ކަމަށް ސައުދީ ސަރުކާރުން ބުނެފިއެވެ.
އިނގިރޭސި މީޑިއާއަށް ދިން އިންޓަވިއުގައި ސައުދީ ސަރުކާރުގެ އިސް އޮފިޝަލެއް ކަމަށްވާ ޕްރިންސް ޚާލިދު ބިން ބަންދަރު އަލް ސައޫދު ވިދާޅުވީ އެ ގައުމުގެ ހޮޓަލެއްގެ ތެރޭގައިވެސް އަދި އެހެން އެއްވެސް ތަނެއްގައިވެސް އެކަން ނުކުރެވޭނެ ކަމަށެވެ.
"މިވަގުތު އަހަރުމެން ރާ ހުއްދައެއް ނުކުރަން. ރަލާއި ނުލައި ވެސް މުނިފޫހިފިލުވޭނެ އެތައް ގޮތެއް އެބަހުރި. ރާ ބޯން ބޭނުންވާ ބަޔަކަށް ސައުދީ އަރަބިއްޔާއިން ބޭރުވުމަށްފަހު އެކަން ކުރެވިދާނެ. ސައުދީއަށް އެންމެނަށް ވެސް މަރުހަބާ ކިޔާނަން. އެކަމަކު ސައުދީގެ ސަގާފަތާއި އާދަކާދައާ ނުގުޅޭ ކަންކަން ކުރުމުގެ ފުރުސަތެއް ނޯންނާނެ،" ޕްރިންސް ޚާލިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސައުދީއަކީ ހޫނު ގައުމެއް ނަމަވެސް، ވޯލްޑް ކަޕް ބަލަން އަންނަ މެހުމާނުންނަށް ހިތުހުރި ގޮތަކަށް ސައުދީގައި އުޅުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ. އެ ގޮތުން އެއް ޖިންސުގެ މީހުންގެ ގައިގޯޅިވެ އުޅުމާއި، ރާ ބުއިމާއި، އަންހެނުން ފިރިހެނުންނަށް ވެގެން އުޅުމާއި، ފިރިހެނުން އަންހެނުންނަށް ވެގެން ހެދުން އަޅައިގެން އުޅުން ފަދަ ކަންކަމަކީ ސައުދީގައި މިހާރުވެސް މަނާކޮށްފައިވާ ކަންކަން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
"ވޯލްޑް ކަޕަކީ ސައުދީ އަރަބިއްޔާގެ އިވެންޓެއް ނޫން. މިއީ ދުނިޔޭގެ އިވެންޓެއް. އަހަރުމެން މި ތިބީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ ކުޅިވަރު އިވެންޓަށް ސައުދީއަށް މަރުހަބާ ކިޔަން ތައްޔާރަށް. އެކަމަކު ގާނޫނުތަކާއި ގަވާއިދުތަކަށް އެންމެންވެސް ތަބާވާން ޖެހޭނެ،" ޕްރިންސް ޚާލިދު ވިދާޅުވިއެވެ،
ސައުދީގައި ބާއްވާ ވޯލްޑް ކަޕަކީ މެދު އިރުމަތީގައި ބާއްވާ ދެވަނަ ވޯލްޑް ކަޕެވެ. ފުރަތަމަ މުބާރާތް ބޭއްވީ 2022 ވަނަ އަހަރު ގަތަރުގައެވެ. އެ މުބާރާތުގައިވެސް ގަތަރު ސަރުކާރުން ނިންމާފައި އޮތީ އެ ގައުމުގެ އާންމު ތަންތަނުގައި ރާ ނުބޮވޭ ގޮތަށެވެ. އެކަމާ ގުޅިގެން ފީފާއަށް ގިނަ ފިއްތުންތަކެއް ކުރިމަތިވި ނަމަވެސް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯވެސް ނިންމީ ގަތަރު ސަރުކާރުގެ ނިންމުންތަކަށް އެންމެންވެސް ތަބާވާން ޖެހޭނެ ކަމަށެވެ.