މެންޗެސްޓާ ސިޓީގެ ޑިފެންޑަރު މެނުއަލް އަކަންޖީ 10 މަސް ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ ކަމަށް އެ ކުލަބުން ބުނެފިއެވެ.
ސްވިޓްޒަލަންޑުގެ ޑިފެންޑަރަށް އަނިޔާވީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް މިދިޔަ އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގައެވެ. އެ މެޗުގައި އޭނާ ބޭލީ އިންޓަވަލް ގަޑީގައެވެ.
ކޯޗު ޕެޕް ގާޑިއޯލާ ބުނީ އަކަންޖީގެ މަސްތަކަށް ވެފައިވާ ތަދު ފިލުވަން އޮޕަރޭޝަނެއް ކުރަން ޖެހޭނެ ކަމަށާއި، އަލުން ދަނޑަށް ނުކުންނަން އަށެއް ނުވަތަ 10 ހަފުތާ ބޭނުންވާނެ ކަމަށެވެ.
"މިއީ ވަރަށް ބޮޑު ގެއްލުމެއް އަނެއްކާ ވެސް. އޭނާ ހޮނިހިރު ދުވަހު އޮޕަރޭޝަން ކުރާނެ. މީގެ ސަބަބުން އަށެއް ނޫނީ 10 ހަފުތާ ނުކުޅެ ހުންނަންޖެހޭނެ. އަހަރެން އެދެނީ އޭނާ އަށް އަވަސް ޝިފާއަކަށް. މި ސީޒަނުގައި އޭނާ ދެއްކި ހިތްވަރާއި ކުރި މަސައްކަތަކީ ވަރަށް ފުރިހަމަ ކުޅުމެއް،" ގާޑިއޯލާ ބުންޏެވެ.
އޭނާ ބުނީ އަކަންޖީއަށް އަނިޔާވީ ޓީމުގެ ގިނަ ޑިފެންޑަރުންނަށް އަނިޔާގެ މައްސަލަތަކެއް ދިމާވެފައިވާ ދުވަސްތަކެއްގައި ކަމަށެވެ. އެހެންވެ މިއީ ސީޒަނުގެ ކުރިއަށްހުރި މެޗުތަކަށްވެސް އިތުރު ބުރައަކަށްވާނެ ކަމެއް ކަމަށް ވަނީ ބުނެފައެވެ.
"އަނިޔާގެ މައްސަލަތައް ގިނަވަމުންދާއިރު އެންމެ ބޮޑު މައްސަލައަކީ އިތުރު ކުޅުންތެރިން ނެތުން. އަހަރެންގެ ޓީމުގައި މި ސީޒަނުގައި މިއުޅެނީ ގިނަ ކުޅުންތެރިން އަބަދު ކޮންމެވެސް އަނިޔާއެއްގައި. މި އަނިޔާތަކުން ކުޅުންތެރިން ސަލާމަތްވެ ފުލް ޓީމު އެކުގައި ކުޅެވޭގޮތް ނުވެ ސީޒަން ނިމެން މިދަނީ. ފުޓްބޯޅައިގައި މިފަދަ ދުވަސްތައް ވެސް ދިމާވާނެ. މިކަންކަމާ ކެތް ކުރަންވާނީ،" ގާޑިއޯލާ ބުންޏެވެ.
ފާއިތުވެދިޔަ ހަތަރު ސީޒަނުގައި އޭނާ ކާމިޔާބުކުރި އިނގިރޭސި ޕްރިމިއާ ލީގު މި ސީޒަނުގައި ކާމިޔާބު ނުކުރެވޭނެ ކަމަށް ގާޑިއޯލާ ވަނީ މާ ކުރިން ބުނެފައެވެ. އޭނާގެ ކުރިމަތީގައި މިހާރު އޮތީ ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ދިއުމަށް ކުޅެން ޖެހޭނެ ދެވަނަ ލެގުގެ މެޗެވެ. ސްޕެއިންގެ ރެއާލް މެޑްރިޑް އަދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެން ޖެހޭއިރު، ސިޓީ ވަނީ އަމިއްލަ ދަނޑުގައި 3-2 ގެ ނަތީޖާއަކުން ބަލިވެފައެވެ.