ޝޫޓިން ސްޕޯޓްސްގެ ތާރީޚުގައި އޭޝިއާ ފެންވަރުގެ މުބާރާތަކުން ފުރަތަމަ ފަހަރަށް، ދިވެހިރާއްޖެއަށް ރިހި މެޑެލް ހޯދައިދިން މަރިޔަމް އީޝަލް މިޞްބާޙަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ކުރިއަށްދިޔަ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕުގެ ފައިނަލުގައި އޭޝިއާ ބައްރުގެ ވަރުގަދަ ގައުމުތަކުގެ އެތުލީޓުން ފަހަތަށް ޖައްސާލުމަށްފަހު، މުބާރާތުގެ ޖޫނިއަރ އިންޑިވިޖުއަލް ކެޓެގަރީން ރާއްޖޭގެ އީޝަލް ވަނީ ރިހި މެޑެލް ހޯދައި، ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. އެގޮތުން ފައިނަލް މެޗުގައި ވާދަކޮށް އީޝަލް ރިހި މެޑެލް ހޯދާފައިވަނީ 229.2 ގެ ސްކޯރ އަކާއެކުއެވެ. އެ ކެޓެގެރީން ރަން މެޑެލް ހޯދި ޗައިނީޒް ޓައިޕޭގެ ލިއައޮ ކެ ރޮންގްއަށް ލިބިފައިވަނީ 231.2 ގެ ސްކޯރ އެކެވެ.
އެއާއެކު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ޝޫޓިން ސްޕޯޓްސްގެ ތާރީޚުގައި އޭޝިއާ ފެންވަރުގެ މުބާރާތަކުން ފުރަތަމަ ފަހަރަށް، ރާއްޖެއަށް ރިހި މެޑެލް ހޯދައިދިން އީޝަލްއަށް މަރުޙަބާ ދަންނަވާފައެވެ.
"15 އަހަރުގެ އީޝަލް ވަނީ ތައިލެންޑުގައި ކުރިއަށްދިޔަ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025ގެ އަންހެން އެއަރ ޕިސްޓަލް ކެޓަގަރީގެ ޖޫނިއަރ ބައިން ރިހި މެޑަލް ހޯދާފައި. އޭޝިއާގެ 23 ޤައުމަކުން ވާދަކުރި މި މުބާރާތުގައި އީޝަލް ވަނީ 21 ޤައުމެއްގެ ޝޫޓަރުންގެ މައްޗަށް ކުރި ހޯދާފައި.ރައީސް ޑރ. މުޙައްމަދު މުޢިއްޒު
އީޝަލް ހޯދި ކާމިޔާބީއަކީ ރާއްޖޭގެ ޝޫޓިންގެ ތާރީޚުގައި ދިވެހި އެތުލީޓަކު މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. އެއަރ ޕިސްޓަލް ކެޓަގަރީން އީޝަލް ރިހި މެޑެލް ހޯދާފައިވާއިރު، އޭނާ ފައިނަލަށް ދަތުރުކޮށްފަވަނީ ޝޫޓިންގެ ގައުމީ ރިކޯޑަކާއެކުގައެވެ. އޭނާ އެ ރިކޯޑު ހަދާފައިވަނީ 517 ޕޮއިންޓް ހޯދައިގެންނެވެ.
މަޖީދިއްޔާ ސްކޫލުގެ އުމުރުން 15 އަހަރުގެ ދަރިވަރު ފަޚުރުވެރި މި ކާމިޔާބީ ހޯދާފައިވަނީ އެކި ގައުމުތަކުގެ 19 ޝޫޓަރުންގެ ތެރެއިން ގަދަ އަށަކަށް ދަތުރުކޮށްގެންނެވެ. އޭނާ މި މުބާރާތުގައި ވާދަކުރުމަށް ބެންކޮކަށް ފުރާފައިވަނީ އެންމެ ތިން މަސްދުވަހުގެ ޕްރެކްޓިސްއަށް ފަހުއެވެ. ޖުމްލަ 23 ގައުމަކުން މި މުބާރާތުގައި ވާދަކުރިއިރު، އީޝަލް މިކާމިޔާބީ ހޯދާފައިވަނީ 21 ގައުމުގެ ވަރުގަދަ އެތުލީތުން ފަހަތަށްޖައްސާލުމަށްފަހުއެވެ.
މި މުބާރާތުގެ މިކްސްޑް ޓީމު ޖޫނިއަރ ބައިގެ ފައިނަލުގައިވެސް އީޝަލް އަދި މޫސާ ނުޢައިމް ހުސައިން ގެ ޕެއާވަނީ ވާދަކޮށްފައެވެ. ނަމަވެސް އެ މެޗުގައި ރާއްޖޭގެ ޕެއަރ ބަލިވެފައިވަނީ އެންމެ ވަޒަނެއްގެ ތަފާތަކުންނެވެ.