ޝަރީޢަތް ނިމެންދެން ބަންދުކުރުމާ ގުޅޭ މައްސަލަތަކަށް ހައްލު ހޯދުމަށް ކުރިއަށް ގެންދިޔަ "ބަންދު ފޯރަމް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ބަންދު ފޯރަމްގެ ފުރަތަމަ ބައި ކުރިއަށްގެންދިޔައީ ޖުޑީޝަރީ ފިޔަވައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އެހެން އިދާރާތަކާއެކު މިމަހުގެ 1 ވަނަ ދުވަހުއެވެ. އަދި ބުރާސްފަތި ދުވަހު ވަނީ ޖުޑީޝަރީއަށް ޚާއްޞަކޮށްގެން ފޯރަމް ކުރިއަށް ގެންގޮސްފައެވެ.
ޖުޑީޝަރީއަށް ޚާއްޞަކޮށްގެން ފޯރަމް ކުރިއަށްގެންދިއުމުގެ މައިގަނޑު މަޤްޞަދަކީ، ކޯޓުތަކުގެ ޖާގައާއި ވަސީލަތްތަކުގެ ދަތިކަތަކާ އެކުވެސް، މައްސަލަތަކުގެ ޝަރީޢަތް އަވަސްކުރުމަށްޓަކައި، މި ނިޒާމުގައި ހިމެނޭ އިދާރާތަކުން ކޯޓުތަކަށް ކޮށްދެވޭނެ ކަންކަން ދެނެގަތުމެވެ. އަދި ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމަށްފަހު، ޝަރީޢަތްތައް ނުނިމި ދިގުލައިގެންދާ މައްސަލަ ހައްލުކުރުމަށްޓަކައި، ޖިނާއީ ޢަދުލުގެ ނިޒާމުގެ މެދުގައި އޮންނަ އޮތޯރިޓީގެ ޙައިޞިއްޔަތުން ޕީޖީ އޮފީހުން ކޮށްދެވެންހުރި ކަންކަން ދެނެގަތުމެވެ.
ޝަރުޢީ ދާއިރާއަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ބަންދު ފޯރަމްގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނާއި، ކްރިމިނަލް ކޯޓު، ޑްރަގް ކޯޓު އަދި ޖުވެނައިލް ކޯޓުގެ ޤާޟީންނާއި ކޯޓުތަކުގެ މެޖިސްޓްރޭޓުން ހިމެނޭގޮތުން 60 އަށްވުރެ ގިނަ ފަނޑިޔާރުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މި ފޯރަމްގައި ވަނީ ކޯޓުތަކުގައި ތާވަލުކުރެވޭ އަޑުއެހުންތައް ކެންސަލްކުރުން މަދުކުރުމަށްޓަކައި، ސެންޓްރަލައިޒްޑް ޝެޑިއުލިންގ ނިޒާމެއް ޤާއިމުކުރުމަށް މަޝްވަރާކޮށްފައެވެ. އަދި މައްސަލަތަކުގެ ޢިބްތިދާއީ އަޑުއެހުންތައް މަދުކުރުމަށްޓަކައި، ޝަރީޢަތުގެ ބޭރުން އިދާރީ ގޮތުން ކުރެވެންހުރި ކަންކަން ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވުމާ ނުލައި ކުރިއަށްގެންދިއުމަށާއި ހެކިން ކޯޓަށް ޙާޟިރުކުރުމުގައި ދިމާވާ މައްސަތަކަށް ޙައްލު ހޯދުމަށްވެސް މަޝްވަރާކޮށްފައިވެއެވެ.
މީގެ އިތުރުން ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައިވާ މީހުންގެ ތެރެއިން ޝަރުޠުހަމަވާ މީހުން، މޮނިޓަރ ކުރެވޭނެ ނިޒާމެއްގެ ތެރެއިން ބަންދުން ދޫކޮށްލުމާ ގުޅޭ ޤާނޫނީ މަޝްވަރާކުރުމާއި ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމުގެ ނިޒާމު ފުޅާކުރުމުގެ އިތުރުން މައްސަލަތަކުގެ ލިޔުންތައް ޙިއްޞާކުރުމަށް އިލެކްޓްރޯނިކް ނިޒާމެއް ޤާއިމުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ. މި ނޫންވެސް، މައްސަލަތަކުގެ ޝަރީޢަތްތައް މިހާރަށްވުރެ އަވަސްކުރުމަށް ނިޒާމަށް ގެނެވެންހުރި ބަދަލުތަކާގުޅޭގޮތުން މި ފޯރަމްގައި ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.
މި ފޯރަމްގައި ފަނޑިޔާރުންގެ ފަރާތުން މައްސަލަތަކުގެ ޝަރީޢަތް ކުރިއަށްގެންދިއުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރައްވާފައިވެއެވެ. އެގޮތުން އެކަށީގެންވާ އިންސާނީ ވަޞީލަތް ނުލިބުމާއި، ކޯޓުތަކަށް ބޭނުންވާ ޢިމާރާތާއި ވަސީލަތްތައް ނުލިބޭ މައްސަލަ ފަނޑިޔާރުން ތަކުރާރުކޮށް ފާހަގަކުރައްވާފައިވެއެވެ.
މި ފޯރަމްގައި ފަނޑިޔާރުންގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު ޙުސައިން ރިޟާ އާދަމާއި އެ ކޮމިޝަންގެ މެންބަރުންނާއި، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަންދޫބުން ބައިވެރިވެވަޑައިގެންފައިވެއެވެ.