ޚަބަރު

ސިވިލް ކޯޓުން ބަންޑާރަ ނައިބުގެ ވާހަކަފުޅަށް ރައްދުދެއްވައިފި


ހަވީރުގެ ކުރީގެ މުވައްޒަފުން އެހެން މީޑިއާއެއްގައި މަސައްކަތްކުރި ނަމަވެސް އެޅޭނެ އެއްވެސް ފިޔަވަޅެއް ނެތްކަމަށް ދައުލަތުގެ ބަންޑާރަ ނައިބް އަލުއުސްތާޒު މުޙައްމަދު އަނިލް ވިދާޅުވީ ވާހަކަތަކީ ބާތިލު ވާހަކަތަކެއްކަމަށް ސިވިލްކޯޓުން ކަނޑައަޅުއްވައިފިއެވެ.

ހަވީރު ނޫހުގައި ކުރިން މަސައްކަތް ކުރި އެއްވެސް މުވައްޒަފަކު އިއްޔެއިން ފެށިގެން 2 އަހަރު ދުވަހުގެ މުއްދަތަށް އެހެން މީޑިއާއެއްގައި މަސައްކަތް ކުރުން ސިވިލްކޯޓުން ވަނީ މަނާކުރައްވާފައެވެ. އަދި އެ ގޮތަށް މަސައްކަތް ކުރާކަން ހަވީރު ނޫހުގެ އަނެއް ތިން ހިއްސާދާރުންނަށް ފެނިގެން އެ މައްސަލައެއް ހޯމް މިނިސްޓްރީ އަށް ނުވަތަ ކަމާއި ބެހޭ އެއްވެސް މުވައްސަސާއަކަށް ހުށައަޅުއްވައިފިނަމަ ހަތް ދުވަހުގެ ތެރޭގައި އެ މައްސަލައެއް ބައްލަވާ ފިޔަވަޅު އެޅުއްވުމަށްވެސް އަންގަވާފައިވެއެވެ.

ސިވިލްކޯޓްގެ ހުކުމާއި ގުޅިގެން އަމިއްލަ ނޫހެއްކަމަށް މިހާރަށް ބަންޑާރަ ނައިބް މުހައްމަދު އަނިލް އިއްޔެ ދެއްވި އިންޓަރވިއެއްގައި ވިދާޅުވެފައިވަނީ ހަވީރު ނޫހުގެ މުވައްޒަފުން އެހެން މީޑިއާއެއްގައި މަސައްކަތް ކުރި ނަމަވެސް އެޅޭނެ އެއްވެސް ފިޔަވަޅެއް ނެތްކަމަށެވެ.

ބަންޑާރަ ނައިބްގެ އެ ވާހަކަތައް ރައްދުދެއްވާ ސިވިލްކޯޓުން މިއަދު ނެރުއްވި އަމުރުގައި ވިދާޅުވެފައިވަނީ ހަވީރުގެ މުވައްޒަފުންގެ އެހެން މީޑިއާއެއްގައި މަސައްކަތްކުރިނަމަވެސް މިހާރުގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ ތެރެއިން އެޅިދާނެ އަދި އެޅޭނެ ފިޔަވަޅެއް ނެތްކަމަށް އޮތް ވާހަކައަކީ ބާތިލު އެމައްޗަށް އަމަލުނުކުރެވޭނެ ޣައިރު ޤާނޫނީ ވާހަކައެއްކަމަށެވެ. އަދި ސިވިލްކޯޓުން އިއްޔެ ނިންމަވާފައިވާ ނިންމެވުން އެއަށް ވުރެ މަތީ ކޯޓަކުން ބާތިލު ނުކުރާ ހިނދަކު އެ ހުކުމާއި އެއް ގޮތަށް ހުކުމް ރައްދުވާ ފަރާތުންނާއި ދައުލަތުގެ އެންމެހާއި ވުޒާރާތަކާއި މުވައްސަސާތަކާއި  އަދި ދައުލަތުގެ ކަންކަމާއި ހަވާލުވެ ތިއްބެވި އެންމެހާ ފަރާތަކުން އެމައްޗަށް އަމަލުކޮށް ކިޔަމަންގަންނަންޖެހޭ ހުކުމެއްކަމަށެވެ.