ޚަބަރު

މުމްބާއީ ޙަމަލާގައި ތުހުމަތުވާ މީހަކު އިންޑިޔާއަށް ފޮނުވައިދޭން އެމެރިކާއިން އެއްބަސްވެއްޖެ


2008ވަނަ އަހަރު އިންޑިޔާގެ ވިޔަފާރީގެ މަރުކަޒީ ރަށް މުމްބާއީގައި ދިން ނުރައްކާތެރި ޙަމަލާގައި ތުހުމަތުކުރެވޭ މީހަކު، އިންޑިޔާއަށް ފޮނުވައިދޭން ނިންމާފައިވާ ކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރައްވައިފިއެވެ.

ޓްރަމްޕް މި އިޢުލާނުކޮށްފައިވަނީ، އެމެރިކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ ގުޅިގެން މިއަދު ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

2008ގެ ނޮވެންބަރު މަހުގެ 26 ވަނަ ދުވަހު މުމްބާއީގައި ދީފައިވާ ޙަމަލާގައި 160 މީހުން މަރުވިއެވެ. އޭގެ ތެރޭގައި އެހެން ޤައުމުތަކުގެ ރައްޔިތުން ވެސް ހިމެނެއެވެ.

އިންޑިޔާއިން ތުހުމަތުކުރަ ގޮތުގައި، މި ޙަމަލާގެ ފަހަތުގައި ތިބީ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާޢަތެއް ކަމުގައިވާ ލަޝްކަރް ޠައިބާ (އެލްއީޓީ) އެވެ. ނަމަވެސް، މި ކަމުގައި އެއްވެސް އަތެއް ނުވާ ކަމަށް ޕާކިސްތާނުގެ ސަރުކާރުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
"2008 ވަނަ އަހަރު އިންޑިޔާގެ މުމްބާއީ އަށް ދިން ރަހުމްކުޑަ ޙަމަލާ ރޭވުމުގައި ބެރިވެރިވި މީހަކު، އިންޑިޔާއަށް ގޮސް، އިންސާފާ ކުރިމަތިލާން އޭނާ އިންޑިޔާއަށް ފޮނުވައިލަން ނިންމި ކަން އިޢުލާނުކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް އެ މީހާގެ ނަން ހާމަކޮށްފައިނުވި ނަމަވެސް ފަހުން ދެ ޤައުމު ގުޅިގެން ނެރުނު ބަޔާނެއްގައި އެ މީހާއަކީ ޕާކިސްތާނަށް ނިސްބަތްވާ ކެނެޑާގެ ރައްޔިތެއް ކަމަށްވާ ތަހަވޫރު ރާނާ ކަމަށް ބުނެފައިވެއެވެ.

ރާނާ އަކީ އެލްއީޓީއަށް މަދަދުވާކަމަށް އެމެރިކާގެ ފެޑެރަލް ކޯޓަކުން ހުކުމް އިއްވާފައިވާ މީހެކެވެ.